ތެރަޕީ ދޭ ކުލިނިކެއްގެ މުވައްޒަފަކު ކުއްޖަކަށް އަނިޔާކުރި ތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

3 މުވައްޒަފަކު ވަކިކޮށް، ފިޒިއޯ ކުލިނިކު ވަގުތީ ގޮތުން ބަންދުކޮށްފި

ހުޅުމާލޭގައި ހިންގާ ފިޒިއޯ ކުލިނިކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން

ހުޅުމާލޭގައި ހިންގާ ފިޒިއޯ ކުލިނިކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އެ ތަނުގެ މުވައްޒަފުން އަނިޔާކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ތިން މުވައްޒަފަކު ވަކިކޮށް، އެ ކުލިނިކު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިޒިއޯ ކުލިނިކަށް ތެރަޕީ ނަގަންދިޔަ ކުއްޖަކަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހިނގި އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރުމާ އެކު ފުލުހުން ވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެހެން ނަމަވެސް އެ ކުލިނިކުގެ ނަން ފުލުހުން ނުބުނެ އެވެ.

ތަފްސީލު – ފިޒިއޯ ކުލިނިކުގެ ފޭސްބުކް ޕޭޖުގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ ހާދިސާއާ ގުޅިގެން ތިން މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށެވެ. އެއީ ހިނގާދިޔަ ކަންކަމާ ސީދާ ގުޅުންހުރި ދެ މުވައްޒަފުންނާއި އެކަން ހިނގާދިޔަ ވަގުތު އެ ތަނުގައި ހުރި މުވައްޒަފެކެވެ.

މި މައްސަލައަކީ ސީރިއަސް މައްސަލައަކަށް ވާތީ، ފިޒިއޯ ކުލިނިކު ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ކުލިނިކުން ބުނީ އެ ތަނުން ހިދުމަތްދޭ މާހައުލަކީ ރައްކާތެރި، އަދަބުވެރި މާހައުލަކަށް ހެދުމަކީ އެ ކުލިނިކުގެ ޒިންމާއެއް ކަމަށާއި ބެލެނިވެރިންނަށް ވެސް ފެންނަ ގޮތަށް ތެރަޕީ ރޫމްތަކުގެ ލައިވް ވީޑިއޯ މޮނީޓަރިން އެ ކުލިނިކުން އަބަދުވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

މިއީ ވަރަށް ސީރިއަސް މައްސަލައެއްކަން ގަބޫލުކޮށް، ފިޒިއޯ ކުލިނިކުން ބުނީ، ހިނގާދިޔަ ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެ ކުލިނިކުން ދޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް