ރައީސް މުއިއްޒު، ސިޔާމްއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އެމްޑީއޭ

އެމްޑީއޭއިން ސަރުކާރު ކޯލިޝަނުން ވަކިވެއްޖެ

ރައީސް މުއިއްޒު ވިދާޅުވީ އެމްޑީއޭއިން ކޯލިޝަނާ ވަކިވީ އެކި ކަންކަމުގައި އުފެދުނު ބައެއް ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށް؛ ކޯލިޝަން އެއްބަސްވުމުގައި އޮތް ކަންކަމަށް އަމަލުނުކުރާ ނަމަ ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު އެމްޑީއޭއިން މީގެ ކުރިން ދިން

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ރައީސްކަން ކުރައްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން މި ސަރުކާރުގެ ކޯލިޝަނުން ވަކިވެއްޖެ އެވެ.

ވީ ކިހިނެއް؟ - 2023ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ފުރަތަމަ އޮތީ އޭރު ވެރިކަމުގައި އޮތް އަދި މިހާރު މައި އިދިކޮޅު އެމްޑީޕީއާ އެކު އެވެ. ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ކޯލިޝަން ރޫޅާލައި އެމްޑީޕީއަށް ކުރި ތާއީދު އަނބުރާ ގެންދިޔަ އެވެ. އެއާ އެކު، އެ ޕާޓީން ތާއީދު ކުރީ އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށެވެ.

ނަމަވެސް، މިދިޔަ ފެބްރުއަރީ މަސް ތެރޭ އެމްޑީއޭއިން ވަނީ ދެ ޕާޓީގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަމަށް އިހުތިރާމު ނުކުރާ ނަމަ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ބުނީ ކީކޭ؟ - ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރާ އެކީ މިހާރު އޮތީ ވެރިކަންކުރާ ޕާޓީ، ޕީއެންސީ އެކަނި ކަމަށެވެ. އެމްޑީއޭއިން ކޯލިޝަނާ ވަކިވީ އެކި ކަންކަމުގައި އުފެދުނު ބައެއް ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކާއި މައްސަލަ، މައްސަލައެއް ނޫން. ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތައް ބައެއް ކަންކަމުގައި، ބައެއް މައްސަލަތަކުގައި އެގޮތަށް ދިމާވި،" ކޯލިޝަނުން ވަކިވީ ކީއްވެތޯ ސުވާލުކުރުމުން ރައީސް ވިދާޅުވި އެވެ.

ދިމާވި މައްސަލަތަކުގެ ތަފްސީލެއް ރައީސް ނުދެއްވަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ސިޔާމްގެ އަތުން 40 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނާ ވާހަކަތައް ވެސް ރޭ ރައީސް ދޮގުކުރެއްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ފެބްރުއަރީ މަސް ތެރޭ ކޯލިޝަން ރޫޅާލަން ޖެހިދާނެކަމުގެ އިންޒާރު އެމްޑީއޭގެ ނައިބު ރައީސް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ދެއްވި އެވެ. އޭނާ ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ރައީސްގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެމްޑީއޭއިން ލިބުނު އެހީތެރިކަން މަތިން ހަނދާން ނެތި، އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ ކޯލިޝަނުން ވަކިވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު އާއި އެމްޑީއޭގެ ރައީސް ސިޔާމްއާ ދެމެދު އެކި ފަހަރު މަތިން މަޝްވަރާކުރައްވައި ސޮއިކުރައްވާފައިވާ އެއްބަސްވުމަށް އިހްތިރާމްކުރައްވައު އަމަލުކުރެއްވުމަށް ވެސް އައްބާސް އޭރު އެދިވަޑައިގެންފައިވެ އެވެ.

ކޮމެންޓް (3)

ސުހާނާ

4 މޭ 2025
އެ ސިޔާމަކީ އަމިއްލަ އެދުމާއިގެން އުޅޭ މީހެއް. ޔާމީން ހުރިހާ ކަމެއް ކޮށްދީފައި އެންމެ ކަމެއް ނުކޮށްދިނީމައި ޔާމީނާވެސް ވަކިވީ. ޔާމީން ކަންތައްތައް ކޮށްދިން އިރު، މެޑަމް ފާތުންއަށް ތަޢުރީފްކުރަމުން ދެއްކި ވާހަކަތައް ރާއްޖޭގެ ރައްޔިތުން މިހާރުވެސް ހަނދާން ހުންނާނެ. އޭނާ ފުރަތަމަ ހީކުރީ އިބޫއޭ ހޮވޭނީ. އެހެން ހިތައި އިބޫއާ ފުރަތަމަ ގުޅުނީ.
0 1

ސަރުކާރު

4 މޭ 2025
ސަރުކާރުން ބޮޑުކަމެއް ކޮށް ނުދެްވުމުން ހިގި ކަމަކަށްވާނީ
4 1

ޒާއްކޮ

4 މޭ 2025
ސަރުކާރު ޖާމިނު ކޮށްފަ ސިންގަޕޫރުން ގެނައި ލޯނު މައާފު ނުކުރީމަ ދޯ ސަކަރާތްވީ 😭😂😂
11 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް