އެމްޑީއޭ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލައި ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށް ނިންމުމަށް ފަހު އިސް ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އެމްޑީއޭ

އެމްޑީއޭ އިން ރައީސާ އެކު ހެދި ކޯލިޝަން ރޫޅާލައި މުއިއްޒުއަށް ތާއީދުކުރަން ނިންމައިފި

އެމްޑީއޭ އިން ބުނީ އެގޮތަށް ނިންމީ ރައީސަށް ދެވަނަ ބުރު ކާމިޔާބުނުކުރެއްވޭނެ ކަމަށް ގަބޫލުކުރެވޭތީ އާއި މުއިއްޒުއަށް ގިނަ ބައެއްގެ ތާއީދު އޮތްކަން ފުރަތަމަ ބުރުގެ ނަތީޖާ އިން ފެންނަން އޮތުމުން ކަމަށް
27 ސެޕްޓެމްބަރު 2023

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ހެދި ކޯލިޝަން ރޫޅާލައި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް ދާދި ދެންމެއަކު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނައަށް ވަޑައިގެންނެވި ރައީސް ސޯލިހަށް ކެމްޕެއިންކުރި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާޓީ، އެމްޑީއޭ އިން އެ ގޮތަށް ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގަ އެވެ.

އެމްޑީއޭ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލައި ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށް ނިންމުމަށް ފަހު އިސް ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ތަފްސީލް - އެނގިފައިވާ ގޮތުގައި މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ސިޔާމް ހުށަހެޅުއްވީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާ ނުގުޅި، ވަކި ކޮޅަކަށް ނުޖެހި ތިބުމަށެވެ. އެކަމަކު އެ ޕާޓީގެ މެމްބަރު މުހައްމަދު އައްބާސް ހުށަހެޅުއްވީ، ކޯލިޝަން ރޫޅާލައި، ޕީޕީއެމް-ޕީއެންސީ އާއެކު ކުރިއަށް ދިއުމަށެވެ. އައްބާސްގެ ހުށަހެޅުމަށް ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފު ތާއީދުކުރެއްވުމުން ނެގި ވޯޓުގައި އެ ގޮތަށް ފާސްވީ 36 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ސިޔާމްއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުރޫފް ވިދާޅުވިގޮތުގައި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ޖުމްލަ ތިން ހުށަހެޅުމެއް ލިބުނެވެ. އެއީ:

  • އެމްޑީއޭ ވަކި ކޮޅަކަށް ނުޖެހި އޮތުމަށް - ތާއީދުކުރީ ދެ މެމްބަރުން

  • އެމްޑީޕީއާ އެކު ހަދާފައިވާ އެއްބަސްވުން ދެމެހެއްޓުމަށް - ތާއީދުކުރީ ދެ މެމްބަރުން 

  • އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް ފަހު ޕީޕީއެމް-ޕީއެންސީއާ ގުޅުމަށް - 33 މެމްބަރުން ތާއީދުކުރި

  • ވޯޓުގައި ބައިވެރިވީ 36 މެމްބަރުން

ކީއްވެ؟ - މައުރޫފް ވިދާޅުވީ އެގޮތަށް ނިންމީ ރައީސް ސޯލިހަށް ދެވަނަ ބުރު ކާމިޔާބުނުކުރެއްވޭނެ ކަމަށް މެމްބަރުންނަށް ގަބޫލުކުރެވޭތީ ކަމަށާއި އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް ގިނަ ބަޔަކު ތާއީދުކުރަމުންދާކަން ފުރަތަމަ ބުރުގެ ނަތީޖާ އިން ފެންނަން އޮތުމުން ކަމަށެވެ.

ބުނީ ކީކޭ؟ - "މިއަދު ރާއްޖޭގެ ސިޔާސީ ހަގީގަތް ފުރޮޅުމާ އެކީގައި، އިތުރު އެއްވެސް ޕާޓީއެއް ރައީސް ސޯލިހާ އެކު ކޯލިޝަން ނެހެދުން ވެގެން ދިޔައީ އިންތިހާބު ކާމިޔާބު ކުރަން އެޅުނު ވަރަށް ބޮޑު ހުރަހަކަށް. ހަމައެއާއެކީގައި ޑރ. މުއިއްޒަށް ތާއީދު ބޮޑުވަމުންދާކަން އަޅުގަނޑުމެންގެ މެމްބަރުން ފާހަގަކުރި،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވީ، ދެވަނައާ އެކު ދެވަނަ ބުރަށް ދިއުމަށް ފަހު ކެމްޕެއިން މަޑުޖައްސާލައި، އެމްޑީޕީ ހަމަހިމޭންވި ކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ ކެމްޕެއިންތަކުގައި ބައިވެރިވާނެތޯ ސުވާލުކުރުމުން ސިޔާމް ވިދާޅުވީ، އެމްޑީއޭ އަކީ ކޯލިޝަން ހަދާ ބަޔަކާ އެކު ކާމިޔާބީ ހޯދުމަށް ފުރިހަމައަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ޕީޕީއެމް-ޕީއެންސީ އާއެކު ވެސް މަސައްކަތް ކުރާނީ އެގޮތަށް ކަމަށެވެ.

އެމްޑީއޭ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީއާ އެކު ހެދި ކޯލިޝަން ރޫޅާލައި ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށް ނިންމުމަށް ފަހު އިސް ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

ފަސްމަންޒަރު - އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމައި، ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ރައީސްގެ ކޮންމެ ކެމްޕެއިން އިވެންޓެއްގައި ސިޔާމް އާއި އެ ޕާޓީގެ އިސް އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިން ތެރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ އެކު (ފޮޓޯ/އެމްޑީޕީ)

ނަމަވެސް، ފުރަތަމަ ބުރުގައި ރައީސް ދެވަނައަށް ވަޑައިގެންނެވި ފަހުން ދެވަނަ ބުރަށް އެމްޑީޕީން ބާއްވާ އެއްވެސް ހަރަކާތަކުން ސިޔާމް ފެނިފައެއް ނުވެ އެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ކ) ކުރީގެ ރައީސް އަބްދުﷲ ޔާމީން (މ) އާއި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރީގެ ޖަލްސާއެއްގައި (ފައިލް ފޮޓޯ)

ފުރަތަމަ ބުރަށް ފަހު އެމްޑީއޭ ކޯލިޝަނުން 'ވަކިވެއްޖެ' ނުވަތަ 'ގެއްލިއްޖެ' ކަމުގެ އަަޑުތައް ގަދަވެފައިވަނިކޮށް، މިފަހުން އިިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވަނީ، ކޯލިޝަން ހެދުމަށް ނުރަސްމީ މަޝްވަރާތަކެއް އެމްޑީއޭ އާއެކު ވެސް ކުރަމުންދާ ކަން ހާމަކުރައްވައިފަ އެވެ. 

އެކަމަކު މައުރޫފު އޭރު ވިދާޅުވެފައިވަނީ ސިޔާމް ހުންނެވީ ރައީސް ސޯލިހާ އެކު ގަދަކޮށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް