އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު މިރޭގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

އެމްޑީއޭ

ސިޔާމް ހުންނެވީ ރައީސާ އެކު ގަދަކޮށް: މައުރޫފް

މައުރޫފް ވިދާޅުވީ އެމްޑީއޭ އާއި އެމްޑީޕީ އަދި އަދާލަތު ޕާޓީ ވެސް އޮތީ ބަދަހިކޮށް ކަމަށާއި، ގެއަށް ވަންނާނީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ކަމަށް
16 ސެޕްޓެމްބަރު 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ހުންނެވީ ރައީސް ސޯލިހާ އެކު ގަދަކޮށް ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު މިރޭ ވިދާޅުވެއްޖެ އެވެ.

ފާހަގަ ކުރެވޭ ކަމެއް - މި މަހުގެ 9ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، ރައީސްގެ ކޯލިޝަން ޕާޓްނަރު، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ރައީސް ސޯލިހުގެ ކެމްޕޭނު ހަރަކާތްތަކުން ފެނިވަޑައިނުގަންނަވާތީ ސިޔާމް ރައީސާ ފެއަށް ޖެހިވަޑައިގަންނަވަން އުޅޭ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހުން ރައީސްގެ ކެމްޕޭނު ހަރަކާތްތަކުން އެމްޑީއޭގެ ލީޑާޝިޕްގެ ބޭފުޅަކު ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

ވީ ކިހިނެއް؟ - މިރޭ ސޯސަން ޖަގަހައިގައި ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި މައުރޫފު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ދެ ވަނަ ބުރަށް ރައީސް ކުޅިބައި އަތުރާލައްވައި ކޯލިޝަނާ އެކު ނުކުންނަވާފައިވާ ކަމަށެވެ.

ތަފްސީލް - މައުރޫފް ވިދާޅުވީ، އެމްޑީޕީ އަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނެސް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިން ޕާޓީ ކަމަށާއި އެ ޕާޓީ އަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ރާއްޖެ އުފާވެރިކަން މަތީ ބާއްވާނެ ޕާޓީ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން މި ތިބީ ގަދަކޮށް. އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި، އެމްޑީޕީއާ އެކީގައި،" އިންތިހާބުގެ ދެ ވަނަ ބުރުން ބޮޑުތަނުން ކާމިޔާބު ކުރާނެކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވި އެވެ.

ކޯލިޝަން ނުރޫޅޭ ކަމަށާއި ކެމްޕޭނު ހަރަކާތްތައް ރަށްރަށުގައި ވެސް ވަރުގަދައަށް ޖައްސަން އެދިވަޑައިގަންނަވާ ކަމަށް މައުރޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ރައީސް އަހުމަދު ސިޔާމް މުހައްމަދާއި ރައީސްއާ ގާތް ގުޅުމެއް އެބައޮތް،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ:

  • އަޒުމަށް ބަދަލު ނާންނަ ކަމަށާއި، އެމްޑީއޭގެ ގަދަ ފަހުލަވާނުން ރައީސާ އެކު އެބަ ތިބި ކަމަށް

  • އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމަށް

  • ފުރަތަމަ ބުރުން ބަލިވީ ސަޕޯޓާއި ތާއީދުގެ އިތުރުން، ވޯޓު ދޭން ތިބި މީހުން މަދުވެގެންނެއް ނޫން ކަމަށް

  • ޓީމުތައް އަލުން އެކުލަވާލައި ގަދަކޮށް، އިންތިހާބު ކާމިޔާބު ކުރަން ޕްލޭން ހަދާފައިވާ ކަމަށް

މައުރޫފް ވިދާޅުވީ އެމްޑީއޭ އާއި އެމްޑީޕީ އަދި އަދާލަތު ޕާޓީ ވެސް އޮތީ ބަދަހިކޮށް ކަމަށާއި، ގެއަށް ވަންނާނީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ކަމަށެވެ.

އޭނާ ވަނީ އެމްޑީޕީގެ މެންބަރުން އަސްލަށް ރުޖޫއަވެ، އިންތިހާބު ކާމިޔާބު ކުރުމަށް ތެދުވުމަށް ވެސް ގޮވާލައްވައިފަ އެވެ.

"ހާއްސަކޮށް [މަޖިލީހުގެ އަދި އެމްޑީޕީގެ ކުރީގެ] ރައީސް [މުހައްމަދު] ނަޝީދަށް ވެސް، ރައީސް ނަޝީދާ އެކު ތިއްބެވި އެމްޕީންނަށް ވެސް އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުންނަށް ސަލާމަތްތެރި މަގަކަށް އޮތީ މި މަގޭ، އަވަހަށް ވަޑައިގަންނަވާށޭ،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް