ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ސިޔާމް (ކ) އަދި ޑރ. މުހައްމަދު މުއިއްޒު
ކޯލިޝަން ހެދުމަށް އެމްޑީއޭއާ އެކު ވެސް ވާހަކަ އެބަ ދެކެވޭ: ޕީޕީއެމް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވިލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާ އެކު ވެސް ނުރަސްމީ ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަަަމަ ބުރުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް %50 ހުރަސް ނުކުރެވުމުން މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ކެންޑިޑޭޓުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ދެވަނަ ބުރުގައި ވާދަކުރަނީ:
-
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު؛ 101،128 ވޯޓް ލިބިވަޑައިގެންފައިވޭ، އެއީ %46
-
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް؛ 85،000 ވޯޓު ލިިބިވަޑައިގެންފައިވޭ، އެއީ %39
ދެވަނަ ބުރެއްގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ އެކު ކޯލިޝަނެއްގައި އޮވެގެން ޕީޕީއެމް/ޕީއެންސީން ވާދަކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާ ވެސް މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވައިފަ އެވެ.
މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް އާއި އެސިސްޓެންޓް މެނޭޖަރު މުއާޒު މުހައްމަދު ރަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ކޯލިޝަން ހެދުމާ މެދު އެމްޑީއޭއާ އެކު ވެސް ވާހަކަދެކެވެމުން އަންނަ ކަން ޔަގީންކޮށްދެއްވައިފަ އެވެ.
ތަފްސީލް - މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން، ކުރި ސުވާލަކަށް ޖަވާބު ދެމުން ތޮލާލު ވިދާޅުވީ އެމްޑީއޭގެ އިސް ސަފުން ޕީޕީއެމްއާ ބައްދަލުކޮށް ވާހަކަތަކެއް ދެކެވެމުން އަަންނަ ކަމަށެވެ. އެކަަމަކު ރަސްމީ މަޝްވަރާތަކެއް އަދި ނުކުރާ ކަަމަށް އޭނާ ވިދާޅުވި އެވެ.
"ޝިޔާމްގެ ޕާޓީ [އެމްޑީއޭ]ގެ، އިސް ސަފުގައި ހިމެނޭ ބޭފުޅުން އަޅުގަނޑުމެންނާ ހަމަޔަށް ވަޑައިގެން ވާހަކަދައްކަވަމުންނޭ ގެންދަވަނީ. ރަސްމީ މަޝްވަރާތަކެއް ނޫން. ރަސްމީ މަޝްވަރާތަކެއް އަދި އަޅުގަނޑުމެން ޝިޔާމްމެންނާ އެކު ނުހިންގަވާ،" ތޮލާލް ވިދާޅުވި އެވެ.
ޖޭޕީ އާއި އެމްއާރްއެމްއާ އެކު ބޭއްވި ބައްދަލުވުންތަކާ ގުޅިގެން މާ ބޮޑު ތަފްސީލެއް ނުދެއްވާ ތޮލާލު ވިދާޅުވީ ދެ ބައްދަލުވުމުގައި ވެސް ދެ ފަރާތުގެ ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށާއި، ގޮތެއް ނިންމާނީ ލީޑާޝިޕްގައި މަޝްވަރާކޮށްފައި ކަމަށެވެ.
އެނގުން މުހިންމު - އެމްޑީއޭއާ އެކު ނުރަސްމީ ވާހަކަތައް ދެކެވެމުން އަންނަ ކަން ޕީޕީއެމުން ޔަގީންކޮށްދިން އިރު، މިފަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކޯލިޝަނާ ގުޅުނު އެމްޑީއޭ، ފުރަތަމަ ބުރަށް ފަހު ކޯލިޝަނުން 'ވަކިވެއްޖެ' ނުވަތަ 'ގެއްލިއްޖެ' ކަމުގެ އަަޑުތައް ވަަނީ އަރައިފަ އެވެ.
އަޑުތައް އެރީ ރައީސް ސޯލިހް ބައިވެރިވެ ވަޑައިގެން އެމްޑީޕީ ޖަގަހަ ޖަލްސާގައި ރޭ އެމްޑީއޭގެ ލީޑަޝިޕް އެއްވެސް ބޭފުޅަކު ބައިވެރިވެފައި ނުވާތީ އެވެ. ނަމަވެސް، އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވަނީ އެ ވާހަކަތައް ދޮގުކުރައްވައި، އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް ހުންނެވީ ރައީސް ސޯލިހާ އެކު ގަދަކޮށް ކަމަށް ވިދާޅުވެފަ އެވެ.