އެމްޑީއޭ އިން ރައީސް މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށް ނިންމުމަށް ފަހު އިސް ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފައިލް ފޮޓޯ/އިބްރާހިމް އިފާޒު)

އެމްޑީއޭ

ވަކިކުރި ޕާޓީގެ 19 މީހުންގެ ތެރެއިން 17 މީހަކަށް ވަޒީފާ ދީފި: އެމްޑީއޭ

އެމްޑީއޭއިން ބުނި ގޮތުގައި، އެ ޕާޓީއަކީ އަދިވެސް މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއް

މި ސަރުކާރުގައި ތިބި އެމްޑީއޭގެ ސިޔާސީ ބޭފުޅުން މަގާމުތަކުން ވަކިކުރުމަށް ފަހު، އޭގެ ތެރެއިން ގިނަ ބޭފުޅުންނަށް މަގާމު އަލުން ދީފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް ދ. މީދޫ ދާއިރާގެ މެންބަރު، ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ރައީސްކަން ކުރައްވާ އެމްޑީއޭއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިިދިޔަ މަހުގެ ފަހުކޮޅު މަގާމުތަކުން ވަކިކުރި އެވެ.

ތަފްސީލު - މިކަމާ ގުޅޭ ގޮތުން އެ ޕާޓީގެ އިސް އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެމްޑީއޭގެ 19 މެންބަރުން ވަޒީފާއިން ވަކިކުރި ކަމަށެވެ. އޭގެ ސަބަބެއް މިއަދާ ހަމައަށް ވެސް ނޭނގޭ ކަމަށާއި އެމްޑީއޭއަކީ އަދިވެސް މި ސަރުކާރުގެ ކޯލިޝަންގައި އޮތް ޕާޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީއޭގެ ލީޑާޝީޕަކަށް ވެސް ނޭނގެ ކީއްވެގެންކަން ވަކި ކުރީ. ނަވާރަ މީހަކު ވަޒީފާއިން ވަކިކޮށްފައި އަނެއްކާ އޭގެ ތެރެއިން 17 މީހަކަށް ދެ ގަޑިއިރު ތެރޭ ވަޒީފާ ދިނީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

ވަކިކުރި ބޭފުޅުންގެ ތެރޭގައި:

  • ސްޓޭޓް މިނިސްޓަރު، ޑެޕިއުޓީ މިނިސްޓަރު، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޕޮލިޓިކަލް ޑިރެކްޓަރު ފެންވަރުގައި މަގާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން ހިމެނޭ 

  • އޭގެ ތެރޭގައި، ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު މާއިޝް ހިމެނޭ 

  • މާއިޝް އަކީ، ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސްގެ ދަރިކަލުން

އެމްޑީއޭގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ވަޒީފާ ދިން 17 މީހުންގެ ތެރޭގައި މާއިޝް ވެސް ހިމެނެ އެވެ. ނަމަވެސް މާއިޝް ވަޒީފާ ގަބޫލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާއިޝް ނޫން ދެން ތިބި 16 މީހުން މިހާރު ތިބީ ހަމަ ކުރިން ތިބި މަގާމުގައި،" އޭނާ ވިދާޅުވި އެވެ.

އެމްޑީއޭގެ މި ވާހަކަތާ ގުޅިގެން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އައްބާސް މި ފަހުން ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފަ އެވެ.

އޭނާ މީގެ ދެ ދުވަސް ކުރިން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މި ސަރުކާރަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭގެ އިތުރުން، ޕީއެންސީގެ މެމްބާޝިޕް އިތުރު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވާފައިވެ އެވެ.

އެނގުން މުހިންމު - މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ފުރަތަމަ އޮތީ، އެމްޑީޕީއާއެކު ކޯލިޝަން ހަދާފަ އެވެ. ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު، ކޯލިޝަން ރޫޅާލައި އެމްޑިއަށް ކުރި ތާއީދު އަނބުރާ ގެނަ އެވެ. އެއާއެކު އެ ޕާޓީން ތާއީދު ކުރީ އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް