ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއްގައި އެ ޕާޓީގެ އެކްޓިވިސްޓުން ހަރަކާތްތެރިވަނީ (ފޮޓޯ/ޕީއެންސީ)
ޕީއެންސީއަށް މެންބަރުން އިތުރުކުރަން ސަރުކާރު ކުންފުނިތަކުން ހަރަދުކުރާކަމުގެ ތުހުމަތު
ވެރިކަން ކުރާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މެންބަރުން އިތުރުކުރަން ކުރާ ދަތުރުތަކަށް ސަރުކާރުގެ ކުންފުނިތަކުން ހަރަދު ކުރާކަމުގެ ތުހުމަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރަކު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީއޭގެ ނައިބު ލީޑަރުކަން ކުރައްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ވަކި ޕާޓީއެއްގެ ނަން ވިދާޅުނުވެ ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ ވެރިން ޕާޓީގެ މެންބަރުން އިތުރުކުރުމަށް ކުރާ ދަތުރުތަކަށް ކުންފުނިތަކަށް ބިލްކުރަމުންދާ ކަމަށެވެ. މިއީ ކުންފުނިތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުންފުނިތަކަށް ބިލްކުރާ ގޮތަށް ޕާޓީއަށް މެންބަޝިޕް އިތުރުކުރުމަށް ދަތުރުކުރުމަކީ ރައްޔިތުންގެ ފައިސާއަށް ގައްދާރުވުން،" މުހައްމަދު އައްބާސް ލިޔުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ - މުހައްމަދު އައްބާސް އެގޮތަށް ތުހުމަތުކުރެއްވިއިރު ޕީއެންސީން ގެންދަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުުރުކުރުމަށް ހާއްސަ ހަރަކާތްތަކެއް މާލެ އާއި ރަށްރަށުގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން:
-
ޕީއެންސީން ބުނެފައިވަނީ އެ ޕާޓީގެ އަމާޒަކީ ސަރުކާރަށް 17 ނޮވެމްބަރުގައި އެއް އަހަރު ފުރޭއިރު، 75،000 މެންބަރުން ހަމަކުރުން
-
އެންމެ ފަހުން އެ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި 50،000 މެމްބަރުން ވަނީ އެ ޕާޓީއަށް މިހާރުވެސް ހަމަވެފައި
ތަފްސީލް - މުހައްމަދު އައްބާސް ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުން ޕާޓީގެ މެންބަރުން އިތުރުކުރަން ހަރަދުކުރާ ކަމަށް ތުހުމަތުކުރަނީ ރަށްރަށަށް ކުރާ ދަތުރުތަކުގެ ފޮޓޯތަކުން އެކަން ހާމަވާތީ އެވެ. ކުންުފުނިތަކުން އެގޮތަށް ހަރަދުކުރުމަކީ ވައްކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"ރޯމާ ދުވާލު ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން ހުއްޓާލަން ޖެހޭ،" މުހައްމަދު އައްބާސް ވިދާޅުވި އެވެ.
މުހައްމަދު އައްބާސްގެ އެ ތުހުމަތުތަކާ ގުޅިގެން ޕީއެންސީގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވާތީ އެ ޕާޓީގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.
އެނގުން މުހިންމު - މުހައްމަދު އައްބާސް ނައިބު ލީޑަރުކަން ކުރައްވާ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭން ވެސް މި ދުވަސްވަރު އަންނަނީ އެ ޕާޓީގެ މެންބަރުން އިތުރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.