ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، ރައީސް އުފެއްދެވި ހާއްސަ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ؛ ވިދާޅުވީ ދެކުނު ކަނޑު ހޯދަން ބައިވެރިނުކުރި ކަމަށް - (ފޮޓޯ/ ރައީސް އޮފީސް)

ދެކުނު ކަނޑު ހޯދަން އަޅުގަނޑުމެން ބައިވެރިކުރަން ސަރުކާރުން ތަރުހީބެއް ނުދިން: މުނައްވަރު

މުހައްމަދު މުނައްވަރު މިއަދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭނާއާއެކު އެ ކަމުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ކުރީގެ ދެ ބަންޑާރަ ނައިބުންކަމަށްވާ އައިޝަތު އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު، މިއިން އެއްވެސް ބޭފުޅަކު ބައިވެރިވާން ކުރެއްވި މަސައްކަތަށް ތަރުހީބު ނުލިބުނު ކަމަށް

މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން ވަކާލާތުކުރި ގޮތުން ދެކުނު ކަނޑުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމުގައި ސަރުކާރުން ބައިވެރިނުކުރުވީ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

މައްސަލަައިގެ ފެށުން - މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ވަނީ ހުކުމްކޮށްފަ އެވެ.

އެއާ އެކު ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިން ވަކިކޮށް، ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު (އީއީޒެޑް) ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ދެކުނީ:

  • އޭރުގެ ސަރުކާރުން ވަކާލާތުކުރީ ރާއްޖޭގެ މަސްލަހަތު އިސްކޮށްގެން ނޫން ކަމަށް 

  • އަދި ދެކުނު ކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެ އެންމެ އިސް ސަފުގައި އުޅުއްވީ މުނައްވަރު

  • އެ ބައި ހޯދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެއް؛ ރައީސްގެ ރިޔާސީ ކެމްޕެއިނުގައި މުނައްވަރު ވެސް އުޅުއްވި 

ވީކިހިނެއް؟ - މި މަހު 18 ވަނަ ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ހަގީގަތް ހޯދުމަށް ރައީސް މުއިއްޒު އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން މުނައްވަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިންގެ ސުވާލުތައް އަމާޒުކުރީ ވެސް ދެކުނުން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯއްދަވަން މުނައްވަރު ވަކާލާތުކުރެއްވުމަށް ފަހު ދެން ކަން ހިނގި ގޮތެވެ. އަދި އެ ކަން ކާމިޔާބުނުވެ އޮތުމާއި ކޮމިޝަންގެ މަސައްކަތް ކާމިޔާބުކުރުމާ ގުޅުވައިގެން ވެސް ބައެއް ނޫސްވެރިން ސުވާލުކުރި އެވެ.

ބުނީ ކީކޭ؟ - ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ އޭރު އޭނާ ކުރައްވަމުން ގެންދެވި ވަކާލާތަށް އަދިވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

"ރާއްޖޭގެ ބޭސްލައިންއިން ފެށިގެން 200 މޭލު ލިބުމަށް ފަހުގައި ބާކީ އޮތް އެއްޗެއް އެހެން ދައުލަތަކަށް ލިބެން ޖެހޭނީ. އެ ވާހަކަ އަޅުގަނޑު އަބަދުވެސް ދެއްކީ. މިއަދު ވެސް މި ދައްކަނީ،" ކަނޑުގެ ގާނޫނު ލިއުއްވި ބަންޑާރަ ނައިބު މުނައްވަރު ވިދާޅުވި އެވެ.

ނަމަވެސް އެކަން މިހާތަނަށް ވެސް މި ސަރުކާރަށް ކާމިޔާބުނުވެ އޮތުމުގެ ސުވާލަށް ޖަވާބު ދެއްވަމުން ދިފާއުގައި މުނައްވަރު ވިދާޅުވީ:

  • ދެކުނުން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމަކީ ސަރުކާރުން އޭނާއާ ހާވާލުކުރި މަސައްކަތެއް ނޫން ކަމަށް

އަޅުގަނޑު ނޫޅެމޭ މި ސަރުކާރުގައެއް. އަޅުގަނޑު މި ސަރުކާރުގެ ވަޒީފާއަކު ނޫނޭ މި ހުރީއެއް. މި ސަރުކާރުގައި އަޅުގަނޑަކަށް ހަވާލެއް ނުކުރެއޭ، ބައިވެރިއެއް ވެސް ނުކުރެއޭ

ޑރ. މުހައްމަދު މުނައްވަރު / ކުރީގެ ބަންޑާރަ ނައިބު


"ޑރ. މުއިއްޒު ރައީސް ކަމަށް ހަވާލުވެވަޑައިގަތުމަށް ފަހު ހައްދަވަނީ ކޮމިޓީއެއް. ބަންޑާރަ ނައިބުގެ އޮފީހުގައި ހައްދަވަނީ ކޮމިޓީއެއް. ކޮމިޓީގެ އިސް ބޭފުޅަކަށް ލައްވަނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް،" މުނައްވަރު ވިދާޅުވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މުނައްވަރުގެ ލަފައެއް ހޯދަން އުޅުނެވެ. އެ ކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ:

  • ބަންޑާރަ ނައިބު އަހުމަދު އުޝާމް މަސައްކަތް ކުރެއްވީ މުނައްވަރަށް އުޖޫރައެއް ލިބިވަޑައިގަންނަވާ ގޮތަށް އެގުރިމެންޓެއް އެކުލަވާލުމަށް ކަމަށް

  • ނަމަވެސް އެ ގޮތަށް އެ ކަން ކުރައްވަން ދެކޮޅު ހެއްދެވި ކަމަށް މުނައްވަރު ވިދާޅުވި 

  • ސަބަބަކީ ގައުމީ މައްސަލައެއްގައި ފައިސާއަށް އެ ކަން ކުރައްވަން ބޭނުން ނުވުން ކަމަށް ވިދާޅުވި

މުނައްވަރު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭނާއާއެކު އެ ކަމުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އައިޝަތު އާޒިމާ ޝަކޫރާއި ދިޔާނާ ސައީދެވެ. މިއިން ބޭފުޅަކު ވެސް ސަރުކާރުގެ މަސައްކަތުގައި ބައިވެރިނުކުރާ ކަމަށް މުނައްވަރު މިއަދު ވިދާޅުވި އެވެ. 

"އެއިން ބޭފުޅަކު [ދިޔާނާއާއި އާޒިމާގެ ތެރެއިން އެކަކު] އަނިލްއަށް ގުޅުއްވަން މަސައްކަތް ކުރެއްވުމުން ވެސް ނުވި ވާހަކަ ދެންނެވި. އަޅުގަނޑުމެންނަކަށް [ދެކުނު ކަނޑު ހޯދުމުގެ މަސައްކަތުގައި ބައިވެރިކޮށްގެން އެ ކަން ކުރަން] ތަރުހީބެއް ނުލިބުނު،" މުނައްވަރު ވިދާޅުވި އެވެ.

ޗާގޯސް ޖަޒީރާތަކުގެ މައްޗަށް ވެސް ދިވެހި ދައުލަތުގެ ހައްގެއް އޮތް ކަމަށް ގަބޫލުކުރައްވާތީ އެ ކަމުގެ ދިރާސާތަކެއް ހެއްދެވި ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. ނަމަވެސް އެ ދިރާސާތައް ވެސް ސަރުކާރާ ހިއްސާކުރުމަށް ކުރި މަސައްކަތް އަދި ކާމިޔާބުނުވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"ބަންޑާރަ ނައިބު [އަހުމަދު އުޝާމް] ގެ ފައިންޕުޅު ފެނޭތޯ މަސައްކަތް ކުރެއްވިން. ޚާރިޖީ ވަޒީރު [އަބްދުﷲ ހަލީލު]ގެ ފައިންޕުޅު ފެނޭތޯ، އަދި ފެންނަ ގޮތެެއް ނުވޭ،" މުނައްވަރު ވިދާޅުވި އެވެ.

ފަސްމަންޒަރު - އައްޑޫގެ ދެކުނުން 400އެއްހާ މޭލު ދުުރުގައި އޮންނަ ޗާގޯސް ޖަޒީރާ އިސްތިއުމާރުކޮށްގެން އުޅޭތާ 50 އަހަރު ފަހުން އެކަން ނިމުމަކަށް ގެންނަން އިނގިރޭސިން އެއްބަސްވާކަން ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން މި މަހުގެ 3 ވަނަ ދުވަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގަ އެވެ. 

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ފުރިހަމަ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިގަންނަން އެއްބަސްވީ އެ ޖަޒީރާގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހުގަ އެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • މޮރިޝަސްއަށް ޗާގޯސް އަނބުރާ ދެނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސާ ވެސް އެއްކޮށް

  • ޗާގޯސް މޮރިޝަސްގެ ދަށަށް ދިޔަ ނަމަވެސް ފޯޅަވަހީގައި ހަދާފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރު ވެސް ހިންގާ ގޮތަށް ހިންގަން އެ ރަށް ހާއްސަކޮށްފައި ބާއްވަން ދެ ފަރާތުން ވަނީ އެއްބަސްވެފައި 

  • ޑިއޭގޯ ގާސިއާ ފިޔަވައި ޗާގޯސް ޖަޒީރާގެ އެހެން ރަށްތަކުގައި މީހުން ވަޒަންވެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ 

މޮރިޝަސް ސަރުކާރުން ޒަމާނުއްސުރެ ބުނަމުން އަންނަނީ 1968 ވަނަ އަހަރު އިނގިރޭސިވިލާތުން އެ ގައުމަށް މިނިވަންކަން ދިނީ ޗާގޯސް ޖަޒީރާ އިނގިރޭސިންނާ ހަވާލުކުރަން ޝަރުތުކޮށް މަޖުބޫރުތައް ކުރިމަތިކުރުވައިގެން ކަމަށެވެ. 

އެމެރިކާއަށް ކުއްޔަށް ދީގެން ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި ޗާގޯސްގައި އުޅެމުން ދިޔަ 1،000އެއްހާ ވަޒަންވެރިން ގަދަކަމުން އެ ރަށްތަކުން ބާލާފައި ވަނީ 1960ގެ ފަހުކޮޅާއި 1970ގެ ކުރީކޮޅުގަ އެވެ. 

ކޮމެންޓް (1)

ޗާގޮސް

30 އޭޕްރީލު 2025
މިވަރުގެ ބޭފުޅަކާ މި ހަވާލު ކުރީ ޔުމްނު ކޮމިޝަން. ފައިންޕުޅެއް ނުފެނިގެން ފޭލިވާނީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް