'ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދު'ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑާރަ ނައިބު މުނައްވަރު. (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

'ގެއްލުނު ކަނޑު' ހޯދުމުގެ މަސައްކަތަށް މުނައްވަރުގެ ލަފާ ހޯދަނީ

ކަނޑު ވިއްކާލި ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމުގައި ވެސް މީގެ ކުރިން އިސްކޮށް އުޅުއްވި މުނައްވަރުގެ ލަފާ ހޯދަނީ ކަނޑުތަކާ ބެހޭ ގާނޫނުގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމާ ގުޅިގެން، ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި، ކަނޑުތަކާ ބެހޭ ގާނޫނުގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ލަފާ ދިނުމަށް، ކަނޑު ވިއްކާލުމާ ދެކޮޅަށް ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ކެމްޕޭނުގައި އިސްކޮށް އުޅުއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ -  ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި މިދިޔަ 28 އޭޕްރީލް ވަނަ ދުވަހު ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:

  • ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު

  • މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު

ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރަނީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. 

ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ފަށާފަ އެވެ.

އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދަމުން އަންނައިރު، ބަންޑާރަނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ކަމަށް ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ނިންމަވާފައިވާ ކަމަށެ. އެ ކަމަށް މުނައްވަރު އެއްބަސްވެވަޑައިގެން، އެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ފާހަގަކުރި ގޮތުގައި، މުނައްވަރަކީ:

  • 1993 އިން 2003އަށް ބަންޑާރަނައިބުކަން ކުރައްވާފައިވާ މުނައްވަރަކީ ރާއްޖޭގައި ގާނޫނީ ރޮނގުން ފާހަގަކޮށްލެވޭ ބޭފުޅެއް 

  • ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަނޑުތަކާ ބެހޭ ގާނޫނުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލްކުރައްވާފައިވާ، ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ދިރާސާތައް ކުރައްވާފައިވާ މި ދާއިރާގެ ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާނޫނީ މާހިރެއް

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު އެކުލަވާލުމާއި ބައިނަލްއަގްވާމީ ކަނޑާ ބެހޭ މުއާހަދާ އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން ގިނަ ގާނޫނީ މަސައްކަތްތަކެއް ކުރެއްވި

  • ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން 2010 ވަނަ އަހަރު ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް ރާއްޖެއިން މައްސަލަ ހުށަހަޅާފައިވަނީ މުނައްވަރުގެ ބެއްލެވުމުގެ ދަށުން 

  • އިޓްލޮސްގައި ކުރިއަށްދިޔަ މައްސަލާގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާބެހޭ ގޮތުންނާއި އެ މައްސަލާގައި އޭރުގެ ސަރުކާރުން އަމަލުކޮށް ފައިވަނީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވޭ ފަދައަކުން ނޫންކަން ދިވެހިންނަށް ހާމަކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށްދެއްވާފައިވާ އެއް ބޭފުޅަކީ މުނައްވަރު

ބަންޑާރަނައިބުގެ އޮފީހުން ބުނީ، އެ މަސައްކަތް ނިންމައި ކެބިނެޓުން ގޮތެއް ނިންމުމުން، ތަޖުރިބާކާރުން ދެއްވާފައިވާ ލަފާ ހިމެނޭ ގޮތުން މައްސަލައިގެ ފައިނަލް ރިޕޯޓު ރައީސް މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށް، އާންމު ވެސް ކުރާނެ ކަމަށެވެ. އެ ރިޕޯޓާ އެކު، އެ މަސައްކަތަށް އައްޔަންކޮށްފައިވާ ގާނޫނީ މާހިރުންނާ ގުޅޭ މައުލޫމާތުތަކާއި މި މަސައްކަތަށް ހަރަދުވި ފައިސާ ފަދަ މައުލޫމާތުތައް ވެސް ހާމަކުރާނެ ކަމަށް އެ ތަނުން ބުންޏެވެ.

ގުޅުން ހުރި ކަމެއް - މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ގާނޫނީ ތަޖުރިބާކާރަކާއި މޯލްޓާއަށް ނިސްބަތްވެވަޑައިގަންނަވާ، ކަނޑުތަކާ ބެހޭ ގާނޫނުގެ ތަޖުރިބާކާރަކު ވެސް މީގެ ކުރިން ވަނީ އައްޔަންކޮށްފަ އެވެ.

އެ ދެ ބޭފުޅުންގެ މަސައްކަތަކީ:

  • މި މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި އެ މައްސަލަ އިޓްލޮސްގައި ކުރިއަށްދިޔައިރު ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުން 

  • މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން 22 އޮގަސްޓު 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުން

  • އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް އަމަލުކުރި ނަމަ، މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުން

  • މި މައްސަލައިގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާ ގުޅޭ ގާނޫނީ ލަފާ ދިނުން

އެނގުން މުހިންމު - މި މައްސަލާގައި ބޭރުގެ އެ ދެ މާހިރުންގެ މަސައްކަތް ނިންމައި އަންނަ މަހުގެ ކުރީކޮޅު އެ ބޭފުޅުންގެ ގާނޫނީ ލަފާ ބަންޑާރަނައިބަށް ލިޔުމުން ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ގާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އައްޔަންކުރައްވާފައިވާ ކޮމިޓީން ރިޕޯޓެއް ތައްޔާރުކުރާނެ އެވެ. އަދި އެ ރިޕޯޓް ވެސް އަންނަ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ކޮމިޓީ އަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އިސްވެ ހިންގަވާ ގޮތަށް އުފައްދާފައިވާ ކޮމިޓީއެކެވެ. ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވާ ގޮތުގައި، އެ ކޮމިޓީގެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ކުރިއަށްދާންވީ ގޮތެއް ނިންމެވުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ.

ކޮމެންޓް (2)

މުނާ

25 ޖެނުއަރީ 2024
ފޮނުއަރުވާފަ އިންތިހާބަށް ވެސް ކުރިމަތި ލާން ނުކެރުނު މީހެއް މީ. ކޮން ކަނޑެކޭ ކިޔާކަށް
1 1

ތެފައާސާ.

25 ޖެނުއަރީ 2024
ދިވެހިންގެ ކަނޑާއި ދިވެހިންގެ ޗާގޯސް ހޯދަން ކޮންމެހެން ބޭރުގެ ބަޔަކު ބައިވެރިކުރާނެކަމެއް ނެތް. މުނައްވަރު ކުރައްވަންވީކަމަކީ ދިވެހިންގެ ކަނޑާއި ދިވެހިންގެ ޗާގޯސް ދިވެހިންނަށް ހޯދުމަށް ގައުމިއްޔަތު ހުރި ދިވެހީންގެ ޓާސްކުފޯހެއް ނަގަންވީ. ޓާސްކުފޯހުން ވަކި މުހުލަތެއް ދިނުމަށްފަހު، ދިވެހިންގެ ކަނޑާއި ދިވެހިންގެ ޗާގޯސް ދިވެހިންނަށް އަނބުރާ ހަވާލުނުކޮށްފިނަމަ، މަސްދޯނިފަހަރުގައި އަޑުހަރުކޮށް ގައުމީ ސަލާން ކިޔަމުން ނައްޓާލާނީ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް