ކަނޑުގެ މަސައްކަތަށް އުފެއްދެވި ހާއްސަ ކޮމިޓީ ހިންގާނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެލުމުގެ ދަށުން

ކަނޑުން ގެއްލުނު ކަމަށް ބުނާ ބައި ހޯދަން ކޮމިޓީއެއް އެކުލަވާލައި ކުރީގެ އޭޖީ އަނިލްގެ ބެލުމުގެ ދަށަށް

ޔާމީންގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު ފުރުއްވި އަނިލް އެ މަސައްކަތަށް އެއްވެސް އަގެއް ނުނަންގަވާނެ ކަމަށް ރައީސް އޮފީހުން ބުނި

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމާ ގުޅިގެން، ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް މަސައްކަތް ފަށައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އިސްވެ ހިންގަވާ ގޮތަށް އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ވީ ކިހިނެއް؟ -  ޖަރުމަނުގެ ހެމްބާގުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:

  • ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު

  • މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު

ނަމަވެސް، އިދިކޮޅުގައި އޭރު ތިއްބެވި އަދި މިހާރު ވެރިކަން ކުރަމުންދާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރަނީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. 

ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ވަނީ ހިމަނާފަ އެވެ.

ބުނީ ކީކޭ؟ - އެކަމަށްޓަކައި ކުރަމުންދާ މަސައްކަތް ހާމަކޮށް މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުން ދިރާސާކޮށް، ދެން އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ފަށާފައިވާ ކަމަށް ބުންޏެވެ.

އެގޮތުން އެ މައްސަލައާ ގުޅޭ ލިޔެކިއުންތައް ހޯދައި އެ ލިޔެކިއުންތައް ދިރާސާކުރުމާއި، މި މައްސަލާގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަނާއި، އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ބައިނަލްއަގުވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ފަށާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމިޓީ އެކުލާވާލާފައިވަނީ އެ މަސައްކަތް އިތުރަށް އަވަސްކުރުމާ އެކު، މަސައްކަތް ކުރިއަށްދާ ގޮތް ވިލަރެސް ކުރުމަށް ކަމަށް ބަޔާނުގައި ވެ އެވެ.

އެ ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ:

  • ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި މުހައްމަދު އަނިލް

  • ޑިފެންސް މިނިސްޓްރީގެ ފަރާތުން އަހުމަދު މުޖުތަބާ

  • ފޮރިން މިނިސްޓްރީގެ ފަރާތުން ސެކްރެޓަރީ މަލްޓިލެޓެރަލް އަހްމަދު ޝިއާން

ރައީސް އޮފީހުން ބުނީ، އެ ކޮމިޓީ ހިނގަމުންދާނީ އަނިލްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އެ ކޮމިޓީގައި އަނީލް މަސައްކަތް ކޮށްދެއްވާނީ އެއްވެސް އަގެއް ނުނަންގަވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިއުންތަކަކީ، ސަރުކާރުން ބުނިގޮތުގައި:

  • މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރުގެ 22 އޮގަސްޓުގައި އޭރުގެ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅު

  • އެ ސިޓީގެ ޖަވާބުގައި މޮރިޝަސްގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ސޯލިހަށް ފޮނުވާފައިވާ ސިޓީފުޅު

ރައީސް އޮފީހުން ބުނީ މި ލިޔެކިއުންތަކުގެ ކޮޕީ މިހާރު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރުގެ 22 އޮގަސްޓުގައި ސޯލިހު ފޮނުއްވި ސިޓީފުޅު މިއަދު ސަރުކާރުން ރަސްމީކޮށް އާންމުކޮށްފައިވާއިރު، ސަރުކާރުން ތުހުމަތުކުރާ ފަދަ އެއްވެސް ވާހަކައެއް އެ ސިޓީގައެއް ނެތެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް