ރުވާންޑާގައި 20-26 ޖޫން 2022އަށް ކުރިއަށްގެންދިޔަ ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް މީޓިން (ޗޯމް)ގެ ހަވާސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ސޯލިހް މޮރިޝަސްއަށް ފޮނުއްވި ސިޓީ ސަރުކާރުން އާންމުކޮށްފި؛ ކަނޑުން ބައެއް ދޫކޮށްލާނެ ވާހަކައެއް ނެތް

މިދިޔަ ސެޕްޓެމްބަރު މަހު ލީކުކޮށްލީ ވެސް ހަމަ އެއް ސިޓީއެއް؛ މިދިޔަ ސަރުކާރުން އޭރު ވަނީ އެއީ ސައްހަ އެއްޗެއް ކަމަށް ބުނެފައި

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖޭން ބަލައިގަނެ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް މިދިޔަ އަހަރު ފޮނުއްވި ސިޓީ ސަރުކާރުން މިއަދު އާންމުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއީ އެ އަހަރުގެ ޖޫން މަހު ރުވާންޑާގައި ބޭއްވި ކޮމަންވެލްތުގެ ގައުމުތަކުގެ ވެރިންގެ ސަމިޓުގެ ހަވާސާގައި އޭރުގެ ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެމެދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކާ ހަވާލާދެއްވައި، މިދިޔަ އަހަރުގެ 22 އޮގަސްޓްގައި ފޮނުއްވި ސިޓީ އެކެވެ.

އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ އިސް ފަރާތްތަކުން ތުހުމަތުކުރީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުން ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން، އެކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) އިން މިދިޔަ އޭޕްރިލްގައި ނިންމީ، ރައީސްގެ އެ ސިޓީފުޅުގެ ސަބަބުން ކަމަށެވެ. އޭރު އެ ސިޓީ އާއްމު ކުރަން ސަރުކާރުން ދެކޮޅު ހެދި ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭ އެ ސިޓީ ވަނީ ލީކު ކޮށްލައިފަ އެވެ.

ރުވާންޑާގައި 20-26 ޖޫން 2022އަށް ކުރިއަށްގެންދިޔަ ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް މީޓިން (ޗޯމް)ގެ ހަވާސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ ބެހޭގޮތުން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނާއެކު، އެ ސިޓީ ވަނީ އާންމުކޮށްފަ އެވެ.

މިއަދު އާންމުކުރީ މިދިޔަ ސެޕްޓެމްބަރުގައި ލީކުކުރި ސިޓީއާ ހަމަ އެކައްޗެކެވެ. އެ ސިޓީގައި، ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދޫކޮށްލުމާ ގުޅޭ ވާހަކައެއް ނެތް އިރު، އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނަސް، އިޓްލޮސްގައި ރާއްޖޭން ވަކާލާތުކުރި ކުރުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ:

  • ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް 

  • އެ މަޖިލީހުގައި ނަގާ ވޯޓުގައި ރާއްޖޭގެ ނިންމުން ބަދަލުވިޔަސް، އެ ބަދަލަކީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ވަކާލާތުކުރާ ގާނޫނީ ހަމަތަކާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފްއަށް ހުށަހެޅި ހުށަހެޅުމަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ގެންނަ ބަދަލެއް

  • ރާއްޖޭގެ ނިންމުން ބަދަލުކުރަން ނިންމީ ރާއްޖެއަކީ އަބަދުވެސް އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށް ވާތީ

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ވަކިކުރުމާ ގުޅޭ މައްސަލަ ނިންމުމާ އެކު، 28 އޭޕްރީލް 2023 ވަނަ ދުވަހުގެ ރޭ ބޭއްވި ކެބިނެޓުގެ ބައްދަލުވުން (ފޮޓޯ/ރައީސް އޮފީސް)

މި ސިޓީއާ އެކު މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެއީ ޖޫން މަހު ރުވާންޑާގައި ބޭއްވި ކޮމަންވެލްތުގެ ގައުމުތަކުގެ ވެރިންގެ ސަމިޓުގެ ހަވާސާގައި އޭރުގެ ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެމެދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކާ ހަވާލާދެއްވައި ފޮނުއްވި ސިޓީއެއް ނަމަވެސް، އެ ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިއުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކޮށްފައިވާކަން ރައީސް އޮފީހުގެ ރިކޯޑުތަކުން ފެންނަން ނެތް ކަމަށެވެ.

އަދި، އެ ސިޓީ ފޮނުއްވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނެ ލިޔެކިއުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވީކަން އެނގޭނެ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިއުމެއް ވެސް މިހާތަނަށް ބެލި ބެލުމުން ފެންނަން ނެތް ކަމަށް އެ ބަޔާނުގައި ވެ އެެވެ.

ކޮމެންޓް (1)

ާއަލީ

20 ޑިސެމްބަރު 2023
ސިޓީ ފޮނުއްވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނެ ލިޔެކިއުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވީކަން އެނގޭނެ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިއުމެއް ވެސް މިހާތަނަށް ބެލި ބެލުމުން ފެންނަން ނެތް . މިއީ ހެދި ޑީލް މިބައި ނުހިމަނާނެ ރަސްމީ ސިޓީގައެއް . ވައްކަންކުރާމީހުން ވެސް އަބަދުވެސް އާއްމުނަށް ވުރެން އެޑްވާންސްވާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް