ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ހޮޅުދޫގެ ގިނަ ބަޔަކު އެއްވެ އަޑު އުފުލަނީ (ފޮޓޯ/އަރީޝާ)
ޒަކިއްޔާގެ މަރު ތަހުގީގުކުރަން މިނިވަން ކޮމިޝަނަކާ ހަވާލުކުރަން އާއިލާ އިން އެދިއްޖެ
ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު، އެ ރަށު މާރަނގަގެ ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގުން ފުލުހުން އެއްކައިރިކޮށް 'މިނިވަން' ކޮމިޝަނަކާ އެ ތަހުގީގު ހަވާލުކުރަން އާއިލާއިން މިއަދު އެދިއްޖެ އެވެ.
ވީކިހިނެއް؟ - ޒަކިއްޔާއަށް އެހެން މީހެއްގެ ފުށުން އަނިޔާއެއް ލިބިފައިވާ ކަން ނުފެންނަ ކަމަށާއި ޒަކިއްޔާ މަރުވީ އަމިއްލައަށް ދިން ޒަހަމްތަތަކުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނި ނަމަވެސް އާއިލާއިންނާއި ހޮޅުދޫގެ ގިނަ ބަޔަކު އެ ކަން ގަބޫލެއް ނުކުރެ އެވެ.
ފުލުހުން އެ ތަހުގީގުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރާއިރު ފުލުހުން ތަހުގީގުން އެއްކައިރިކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވީ، ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަފިއްޔާ މޫސާ އެވެ.
ތަފްސީލް - އެ ސިޓީގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފުލުހުން އެކަށީގެންވާ މައުލޫމާތު އާއިލާއަށް ނުދިނުމާއި އޭގެ ސަބަބުން ތަހުގީގާ މެދު ސުވާލު އުފެއްދުމުގެ ގިނަ ޖާގަތައް ލިބިފައިވާ ކަމެވެ.
ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
-
ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް 3ޑީ ސްކޭނެއް ހެދިތޯ ސުވާލުކުރުމުން އެ ސުވާލަށް ފުލުހުން ޖަވާބު ދީފައެއް ނުވޭ
-
ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް ސްކޭން ހެދި ތާރީހެއް އަދި ސްކޭން ކުރި ޑޮކްޓަރެއް ބުނެ ނުދޭ
-
ފުލުހުން ފުރަތަމަ އޮޓޮޕްސީ ހެދުމުގެ ވިސްނުން ނުގެންގުޅެ، އޭގެ ހަ މަސް ފަހުން ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށް އެފަދަ ސްކޭނެއް ހެދޭނެ ގޮތެއް ވެސް ބުނެ ނުދޭ
-
މި މައްސަލާގައި ގެވެށި އަނިޔާއަށް ތުހުމަތުކުރެވޭ ކަންކަން ހުރި ނަމަވެސް ތުހުމަތު އަމާޒުވާ މީހުންނާ ސުވާލުކޮށްފައެއް ނުވޭ، ފޯނުތައް އަތުލައި ތަހުލީލު ވެސް ނުކުރޭ
އެ ބަޔާނުގައި ގެވެށި އަނިޔާގެ ތުހުމަތުކޮށްފައިވަނީ ޒަކިއްޔާގެ ފިރީމީހާ އަށެވެ.
"ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާއަށް އާއިލާގެ ފަރާތުންކުރާ އިލްތިމާސް އަކ،ީ މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކެހެރިކޮށްދެއްވައި، ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހައްދަވައިދެއްވައި މި ކަމަށް ހާއްސަ ކޮމިޝަނެއް އުފައްވައިދަވައިދެއްވުމަށް،" ސިޓީގައި އެދިފައިވެ އެވެ.
ފާހަގަކުރެވޭ - މި މަރާ ގުޅޭ ގޮތުން ޝައްކުތައް އުފެދިފައިވާތީ ފުލުހުން ވަނީ އެމެރިކާގެ އެފްބީއައިގެ އެހީތެރިކަން ވެސް ހޯދައިފަ އެވެ. ފުލުހުން ހިންގި ތަހުގީގު ރިވިއުކުރުމަށް ފަހު އެފްބީއައިގެ ރިޕޯޓް ވެސް މިހާރު ފުލުހަށް ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ނަމަވެސް އެފްބީއައިގެ ރިޕޯޓާއި ވާޗުއަލް އޮޓޮޕްސީ ރިޕޯޓާ ގުޅޭ އެއްވެސް ވާހަކައެއް ފުލުހުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.
އެނގުން މުހިންމު - ހަށިގަނޑު ޓްރޭޑިޝަނަލް އޮޓޮޕްސީއެއް ނުހެދި ނަމަވެސް މީގެ ކުރިން ޒަކިއްޔާގެ ހަށިގަނޑު އެ ވަގުތު މާލޭގައި ހުރި ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ދެއްކި އެވެ. ޕެތޮލޮޖިސްޓްގެ ހޯދުންތަކާ ހަވާލާދީ ފުލުހުން ކުރިން ބުނެފައި ވަނީ:
-
ޑޮކްޓަރު ބެލި ބެލުމުން އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޑޮކްޓަރު ލަފާ ދިން
-
ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނުނު
-
އެކަން ހިނގި ތަނުގައި އިތުރު މީހެއް އުޅެފައިވާކަން ފާހަގަވާ ފަދަ ކަމެއް ނޫނީ ނިޝާނެއް ނުފެނޭ
-
ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ގިނަ ޒަހަމްތަކެއް ހުރި؛ ވާތު ފަޅީގައި ފުން ތިން ޒަހަމެއް، ކަނާތު ފަޅީގައި ފުން ދެ ޒަހަމެއް
-
މޭ މަތީ ވަތްކެއްގެ ނިޝާން ފާހަގަވި؛ ނަމަވެސް ޑޮކްޓަރު ލަފާ ދިނީ އެއީ މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫން ކަމަށް
އިތުރަށް ކިޔާލަން
ޒަކިއްޔާ ހަށިގަނޑު ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހަދަން އެދިއްޖެ
10 އޭޕްރީލު 2025
ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އިހުމާލު އެބައޮތް: އިހުސާން
26 ފެބްރުއަރީ 2025
ޒަކިއްޔާގެ ހަށިގަނޑުން މީހަކު ދޭ ޒާތުގެ އަނިޔާއެއް ނުފެނޭ
3 ޑިސެމްބަރު 2024
ކޮމެންޓް (1)
ތެފައާސާ.