ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އިހުމާލު އެބައޮތް: އިހުސާން

އިހުސާން ވިދާޅުވީ ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ނަހަދައި ދޫކޮށްލުމަކީ ފުލުހުން އެންމެ ރަނގަޅަށް ކޮށްފައި އޮތް ކަމެއް ނޫން ކަމަށް

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ހަދާފައި ނެތުމަކީ ވެސް ގޯހެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ބޮޑެތި ޒަހަމުތަކަކާ އެކު ޒަކިއްޔާ މުސާ، 50، މާރަނގަ/ހޮޅުދޫ، މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. އެކަމަކު ފުލުހުން މި މަރުގެ ތަހުގީގުތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

އެކަމާ ހިތްހަމަނުޖެހި ހޮޅުދޫގައި ސިލްސިލާކޮށް ކުރަމުންދާ އިހުތިޖާޖުތަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ހިމެނޭހެން ފުލުހުންގެ އިސްވެރިންގެ ޓީމެއް އިއްޔެ ވަނީ އެ ރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް އަޑުއަހާފަ އެވެ.

ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ޒަކިއްޔާގެ މަރާއި ގުޅިގެން ފުލުހުން ފުރަތަމަ ހިންގި ތަހުގީގުތަކުގައި އިހުމާލުތަކެއް ހުރިކަން އޭނާއަށް ވެސް ގަބޫލުކުރެވޭ ކަަމަށެވެ.

"ތިބޭފުޅުން ތިި ވިދާޅުވީ ފުލުހުންގެ ބައެއް އިހުމާލުތައް. އަޅުގަނޑު ގަބޫލުކުރަން ބައެއް ކަންކަން އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ:

  • ޒަކިއްޔާގެ މަރާއި ގުޅިގެން ބައެއް މީހުންނަށް ދޭންޖެހޭ ނަފްސާނީ އެހީތެރިކަން ދިނުން ލަސްވެފައި އޮތްކަން ގަބޫލުކުރަން؛ އެކަން އެއަށް ވުރެ ރަނގަޅަށް ކުރެވެންވާނެ

  • ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ނަހަދައި ދޫކޮށްލުމަކީ ވެސް އެންމެ ރަނގަޅަށް ކޮށްފައި އޮތް ކަމެއް ނޫން

"އަޅުގަނޑު އަމިއްލައަށް ގަބޫލުކުރާ ގޮތުގައި އެ ދުވަހު އޮޓޯޕްސީއަކަށް ފޮނުވުން ނަމަހީ އަޅުގަނޑުމެން މިއަދު މިވާހަކައެއް ނުދައްކާނެ. އެހެންވީމާ އެއީ އެންމެ ރަނގަޅަށް ކުރެވިފައި އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެފަދަ ކަންކަން ބަލައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވެސް އިހުސާން ދެއްވި އެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން ފުރަތަމަ ހިންގި ތަހުގީގުތަކަށް ފަހު އޭރު ފުލުހުން އާންމުކުރި މައުލޫމާތުތަކާ ގުޅިގެން އާންމުންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭތީ މިހާރު އިތުރު ތަހުގީގީ ޓީމެއް އެކުލަވާލާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެކަމަކު އެ މަސައްކަތް އެއްކޮށް ނުނިމޭތީ އެ މަސައްކަތުގެ ނަތީޖާ އަދި ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން އިތުރަށް ވިދާޅުވީ:

  • ޒަކިއްޔާގެ މަރާ ގުޅިގެން ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވަން އެ ރަށަށް ވަޑައިގަތުމަށް މީގެ ދެ ހަފްތާއެއްވަރު ކުރިން ރައީސް މުހައްމަދު މުއިއްޒު އެންގެވި 

  • އޭރު މަސައްކަތްތައް ހުރި ގޮތުން ވަޑައިގެންނެވޭ ގޮތް ނުވީ ކަމަށާއި އެ މަރާ ގުޅިގެން އެ ރަށަށް ވަޑައިގެން ކަންބޮޑުވުންތައް އަޑުއައްސަވަން ލަސްވެއްޖެ

  • އެއަށް ވުރެ ކުރިން އެ ރަށަށް ވަޑައިގެން ކަންބޮޑުވުންތައް އަޑުއެއްސެވި ނަމަ ރައްޔިތުންނަށް ތަސައްލީއެއް ލިބޭނެ

އެކަމަކު ފުލުހުންގެ ތަހުގީގު ވަރަށް ގާތުން ބައްލަވަމުންގެންދަވާ ކަމަށާއި މަރާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހާމަކުރި މައުލޫމާތުތަކަށް ފަހު އެކަމާ ހިތްހަމަނުޖެހުންތަކެއް އޮވެގެން ރައްޔިތުން އިހުތިޖާޖު ކުރަމުންދާ ތަން ވެސް ވަރަށް ގާތުން ބައްލަވަމުންގެންދެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އިހުމާލުވެފައިވާ ކަމަށް އިހުސާން ވިދާޅުވިއިރު، ރޭގެ ބައްދަލުވުމުގައި ޝުޖާއު ވެސް ވިދާޅުވީ އެއީ އާދައިގެ މަރެއް ނޫންކަން ގަބޫލުކުރާ ކަމަށެވެ. އަދި އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކިއްޔާގެ މަރާ މެދު ޝައްކުތަކެއް އުފެދުނީ:

  • އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުން 

  • ކައިރީގައި ވަޅިއެއް އޮތް

  • ޒަކިއްޔާ މަރާލީ ކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް