ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ހޮޅުދޫގެ ގިނަ ބަޔަކު އެއްވެ އަޑު އުފުލަނީ (ފޮޓޯ/އަރީޝާ)

ޒަކިއްޔާ ހަށިގަނޑު ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހަދަން އެދިއްޖެ

ޒަކިއްޔާގެ ހަށިގަނޑު ކޮނެގެން ނެގުމަށް ފަހު އޮޓޮޕްސީ ހެދުމަށް އާއިލާގެ 20 މީހަކު ސޮއިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފަށް ވަނީ ސިޓީއެއް ފޮނުވައިފަ
10 އޭޕްރީލު 2025

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ވަޅުޅާފައިވީ ނަމަވެސް ހަށިގަނޑު ކޮނެގެން ނެގުމަށް ފަހު އޮޓޮޕްސީއެއް ހެދުމަށް އޭނާގެ އާއިލާއިން އެދިއްޖެ އެވެ.

ވީކިހިނެއް؟ - ސީޓީ ސްކޭނާއި އެމްއާރުއައި ބޭނުންކޮށް، ޒަކިއްޔާގެ ހަށިގަނޑުގެ ތްރީޑީ މޮޑެލެއް ތައްޔާރުކޮށްގެން ވާޗުއަލް އޮޓޮޕްސީއެއް ފުލުހުން ވަނީ ހަދައިފަ އެވެ. ބައެއް މީޑިއާތަކުން ވަނީ ޒަކިއްޔާ މަރުވީ އަމިއްލައަށްވީ ޒަހަމްތަކަކުން ކަން ރިޕޯޓުން ދައްކާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

ޒަކިއްޔާގެ ހަށިގަނޑު ކޮނެގެން ނެގުމަށް ފަހު އޮޓޮޕްސީ ހެދުމަށް އެކަމާ ގުޅޭ މަޝްވަރާތައް ކުރަން ބޭނުން ވެގެން އާއިލާގެ ގިނަ ބަޔަކު ސޮއިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށާއި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

ތަފްސީލް - އާއިލާގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މައްޔިތާ ވަޅުލުމަށް ފަހު ވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓްޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެއް ކަމަށާއި ރާއްޖޭގައި ވެސް އާ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭ ގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އާއިލާއިން ބޭނުންވާ ކަން ސިޓީގައި ހާމަކޮށްފައިވެ އެވެ.

އެނގުން މުހިންމު - ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ނުހަދާ އޮތުމުންނާއި ޒަކިއްޔާ މާރާލީ ކަމަށް ބުނެ ހޮޅުދޫގެ ގިނަ ބަޔަކު ގެންދިޔައީ އިހުތިޖާޖުކޮށް އަޑުއުފުލަމުންނެވެ.

އޮޓޮޕްސީ ނުހެދި ނަމަވެސް މީގެ ކުރިން ޒަކިއްޔާގެ ހަށިގަނޑު އެ ވަގުތު މާލޭގައި ހުރި ޕެތޮލޮޖިސްޓް ޑޮކްޓަރަކަށް ދެއްކި އެވެ. ޕެތޮލޮޖިސްޓްގެ ހޯދުންތަކާ ހަވާލާދީ ފުލުހުން ކުރިން ބުނެފައި ވަނީ:

  • ޑޮކްޓަރު ބެލި ބެލުމުން އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޑޮކްޓަރު ލަފާ ދިން

  • ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނުނު

  • އެކަން ހިނގި ތަނުގައި އިތުރު މީހެއް އުޅެފައިވާކަން ފާހަގަވާ ފަދަ ކަމެއް ނޫނީ ނިޝާނެއް ނުފެނޭ

  • ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ގިނަ ޒަހަމްތަކެއް ހުރި؛ ވާތު ފަޅީގައި ފުން ތިން ޒަހަމެއް، ކަނާތު ފަޅީގައި ފުން ދެ ޒަހަމެއް

  • މޭ މަތީ ވަތްކެއްގެ ނިޝާން ފާހަގަވި؛ ނަމަވެސް ޑޮކްޓަރު ލަފާ ދިނީ އެއީ މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫން ކަމަށް

ފާހަގަކޮށްލެވޭ ކަމެއް - އެ މަރުގެ ވާހަކަ ރަށު ތެރޭގައި ހޫނުވެ ބައެއް ހަމަނުޖެހުންތައް ވެސް ވަނީ ހިނގައިފަ އެވެ. އެފަދަ ކަމެއްގައި ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ހައްޔަރުކޮށް ފަހުން ދޫކޮށްލާފައި ވެސް ވެ އެވެ. ޒަކިއްޔާގެ އާއިލާ ބައެއް މީހުންނަށް ވެސް އާއިލާގެ އެހެން މީހުން އެކި ތުހުމަތުކޮށް ގިނަ ވާހަކަތަކެއް ރަށު ތެރޭގައި ދަނީ ފެތުރެމުންނެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް