މާލޭގެ ގެއެއްގެ ފުރާޅެއް މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)
ވެއްޓުން ކަމަށް ފުލުހުން ބުނާ ގޮތް ގަބޫލެއްނުކުރެވޭ؛ ހަގީގަތް ހާމަކުރޭ: ޒުވާނުން
މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގައި ފުލުހުން ދައްކަނީ އިންސާނުންގެ ބުއްދި ގަބޫލުނުކުރެވޭ އަދި ފިޒިކްސްއިން ބެލިޔަސް ހަމަނުޖެހޭ ވާހަކަ ކަމަށާއި އަސްލު ކަން ހިނގާދިޔަ ގޮތް ހާމަކުރަން، އެ މައްސަލައިގައި މިހާރު ކުރަމުންދާ އިހުތިޖާޖުގައި ޒުވާނުން ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް، 21 އަހަރުގެ އެ ޒުވާނާ ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު ހެނދުނެވެ. ހާލު ދެރަވަގެން ގޮސް، ޖެހިގެން އައި ހޮނިހިރު ދުވަހު ވެންޓިލޭޓަރަށްލީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެ އަންހެން މީހާ ރޭގެ ވަގުތެއްގައި ވެންޓިލޭޓަރުން ވަނީ ނަގާފަ އެވެ.
އެ ޒުވާނާ ކޮއްޕާ ވައްޓާލީ ކަމަށް ތުހުމަތުކޮށް ވަރަށް ގިނަ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ބައެއް މީހުންނަށް އެ ތުހުމަތު އަމާޒުކޮށް އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.
ނަމަވެސް، ފުލުހުން ބުނީ އެ އަންހެން މީހާ ނުވަ ވަނަ ބުރިން ވެއްޓުނީ މީހަކު ކޮއްޕާލައިގެން ނޫންކަން ތަހުގީގަށް ޔަގީންވެފައިވާ ކަމަށެވެ.
ތަފްސީލު - އެ ހާދިސާގެ ތަހުގީގުގައި ފުލުހުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތުން ހިތްހަމަނުޖެހި، 'ދުލެއް ނުކުރާނަން' ނަމުގައި ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ފުލުހުންގެ 'ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިން' ކުރިމަތީގައި އިހުތިޖާޖު ކުރަމުންނެވެ.
އިހުތިޖާޖަކަށް ދިޔަ މައިގަނޑު ސަބަބަކީ އެ ހާދިސާގައި ބައެއްގެ ބައިވެރިވުން އޮތް ކަމަށް އަޑުފެތުރިފައިވަނިކޮށް، އަންހެން މީހާ ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނުމާ ގުުޅިގެންނެވެ.
އިހުތިޖާޖު ކުރާ މީހުންގެ މައިގަނޑު ހިތްހަމެނުޖެހުންތަކަކީ:
-
އުމުރުން 21 އަހަރުގެ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން ނެތް ކަމަށް ބުނުން
-
އިހުތިޖާޖުގައި ބައިވެރިވާ މީހުން ތުހުމަތުކުރަނީ ފުލުހުން މި ހާދިސާގެ ތަހުގީގުގައި ކަންތައްތަކެއް ފޮރުވާ ކަމަށް
-
މި ހާދިސާގައި ކޮންމެވެސް ބައިވެރިވުމެއް އޮތް ކަމަށް ބުނާ ޒުވާނާ ހައްޔަރުނުކޮށް ދޫކޮށްލި މައްސަލަ ފާހަގަކޮށް، އޭނާ ހައްޔަރުކުރަން ވެސް އެ މީހުން އަންނަނީ ގޮވާލަމުން
-
އެ ބުނާ މީހާ އާއި ބައެއް އިތުރު މީހުންނަކީ ސަރުކާރުގެ މަގާމުތަކުގައި ތިިބި މީހުން؛ އެ މީހުން މަގާމުތަކުން ވަކިކުރަން ވެސް އެ މީހުން ވަނީ ގޮވާލާފައި
"ފުލުހުންގެ ޕްރެސް ސްޓޭޓްމަންޓުގައި އިންސާނުންގެ ބުއްދިން ވިސްނާ ނަމަ ވެސް ގަބޫލުކުރެވޭ ވާހަކައެއް ނެތް. ފިޒިކްސް ޑިނައިކޮށްފައި ތި ވާހަކަ ދައްކަނީ. ކިހިނެއްތޯ ފެން ލައިޓަކުން އެ ކުއްޖާ ވެއްޓޭނީ؟ ގަބޫލެއް ނުކުރެވޭ،" އެކަކު ބުންޏެވެ.
މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގައި ފުލުހުން ދައްކަނީ އިންސާނުންގެ ބުއްދި ގަބޫލުނުކުރެވޭ އަދި ފިޒިކްސްއިން ބެލިޔަސް ހަމަނުޖެހޭ ވާހަކަ ކަމަށާއި އަސްލު ކަން ހިނގާދިޔަ ގޮތް ހާމަކުރަން، އެ މައްސަލައިގައި ރޭ ކުރި އިހުތިޖާޖުގައި ޒުވާނުން… pic.twitter.com/tjtNG1VxvC
— Dhauru (@Dhaurunews) April 24, 2025
އެ މީހުން ބުނާ ގޮތުގައި، "އާންމު ހާލަތެއްގައި" ވެސް އެފަދަ ކުޑަ ފެން ލައިޓަކުން އަންހެނަކު ވެއްޓުމަކީ ބުއްދި ގަބޫލު ނުކުރެވޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ސިކުނޑީގައި ތެތް ކަމެއް ނެތް ބައެއް ކަމަށްތޯ؟،" އެހެން މީހަކު ބުންޏެވެ.
މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، ވެއްޓުނު އަންހެން މީހާއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ނުހުއްޓާނެ އެވެ.
އިތުރަށް ކިޔާލަން
ޒުވާނާއާއެކު ހުރި މީހާ ޑްރަގަށް ޕޮޒިޓިވް؛ ޕާސްޕޯޓު ހިފަހައްޓައިފި
23 އޭޕްރީލު 2025
އަންހެން މީހާ ވެއްޓުނީ ކޮއްޕާލައިގެން ނޫންކަން ޔަގީން: ފުލުހުން
23 އޭޕްރީލު 2025
ވެއްޓުނު ގޮތާ ގުޅޭ ގިނަ ތުހުމަތުތަކެއް؛ މީހަކު ހައްޔަރެއް ނުކުރޭ
22 އޭޕްރީލު 2025
ފުރާޅުމައްޗަށް ވެއްޓުނު ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
19 އޭޕްރީލު 2025
ކޮމެންޓް (1)
ތެފައާސާ.