އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާ ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ - (ފޮޓޯ/ އެމްޑީޕީ)
ރިޔާސީ އިންތިހާބުގެ އެއް ބުރު ބާއްވަން ފައްޔާޒު ދެކޮޅުކަން ހާމަކޮށްފި
ރިޔާސީ އިންތިހާބު އެއްބުރު ބާއްވަން ސަރުކާރުން ގެންނަން އުޅޭ އިންތިހާބީ އިސްލާހަކީ ވޯޓުލާ މީހުންގެ އަޑު ހަނިކުރަން ދައްކާ ބަހަނެއް ކަމަށް ސއިފަކުރައްވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކަމާ މިއަދު ދެކޮޅު ހައްދަވައިފި އެވެ.
ވީ ކިހިނެއް؟ - ވެރިއަކު ހޮވުމަށް މިހާރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ބުރު އުވާލައި، ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްގެ ތެރެއިން އެއް ބުރުން އިންތިހާބު ނިންމުމާ މެދު، އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނެގުމަށް މިހާރު ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
މިކަމަކީ ރައްޔިތުންގެ އަޑު ހަނިކުރުމުގެ މަގުސަދުގައި ކުރާކަމަކަށް ވެގެން ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވީ އެކަމަށް ފާޑުވިދާޅުވެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ފައްޔާޒު ވިދާޅުވީ މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވަން ވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބި ސާފު މެންޑޭޓަކާއެކު ކަމަށެވެ.
"އިސްރާފުބޮޑު ބޭކާރު އެތަށް ހަރަދުތަކެއް [ސަރުކާރުން ކުރަމުންދާއިރު] ހަރަދު ކުޑަކުރުން ނަމުގައި ގެންނަން އުޅޭ މި އިސްލާހުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ:
-
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް
-
މި ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް
ނަމަވެސް، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަހުރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތްކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބޭނެ
-
މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި
Electoral reform should not be an excuse to limit the voices of voters. In a small nation like ours where votes are tallied in a day, the President-elect should be sworn in with a clear mandate from the majority of the voting population. The government’s justification of such a…
— Fayyaz Ismail (@faya_i) April 20, 2025
އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކައި ވެސް މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
އެއްބުރަށް ރިޔާސީ އިންތިހާބު ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއީ ހަރަދުގެ ގޮތުން ބަލާއިރު ވެސް ލުއި ގޮތެއް ކަމަށް ދެކިގެންނެވެ. ފުރަތަމަ ބުރުން ވެސް ވޯޓުލާ އާބާދީގެ ފުރިހަމަ މެޖޯރިޓީ ނުވަތަ %50 ވުރެ މަތިން ރުހުން އޮތް ކަން ޔަގީންކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ކޮމެންޓް (1)
ޝިފް