މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި(ފައިލް ފޮޓޯ/ދައުރު، ހުސެއިން ސުނެއިން)

1 ބުރުން ވެރިއަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި

1 ބުރަށް ރިޔާސީ އިންތިހާބު ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއީ ހަރަދުގެ ގޮތުން ބަލާއިރު ވެސް ލުއި ގޮތެއް ކަމަށް ދެކިގެން

ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކުން، އެއް ބުރުން ރިޔާސީ އިންތިހާބު ނިންމައި ވެރިއަކު ހޮވަން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވެރިއަކު ހޮވުމަށް މިހާރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ބުރު އުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޕްރިފެރެންޝަލް ވޯޓިން ސިސްޓަމެއްގެ ދަށުން އެއް ބުރުން އިންތިހާބު ނިންމުމާ މެދު، އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނެގުމަށް މިހާރު ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވާއިރު، ސަރުކާރުގެ އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ކެމްޕެއިނެއް ފަށާފަ އެވެ. 

ބުނީ ކީކޭ؟ - ޕްރިފެރެންޝަލް ވޯޓިން ސިސްޓަމެއްގެ ދަށުން އެއްބުރުން ވެރިއަކު ހޮވުމަށް ނަޝީދުގެ ތާއީދު އޮތްކަން ހާމަކުރެއްވީ 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

"ޕްރިފެރެންޝަލް ވޯޓިންއާ އެކު ނަމަ އެއްބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް އަޅުގަނޑު ވެސް ދެކެން،" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދުގެ ޕޯސްޓުގައިވެ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމަށްޓަކައި ވެސް މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އެއްބުރަށް ރިޔާސީ އިންތިހާބު ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއީ ހަރަދުގެ ގޮތުން ބަލާއިރު ވެސް ލުއި ގޮތެއް ކަމަށް ދެކިގެންނެވެ. ފުރަތަމަ ބުރުން ވެސް ވޯޓުލާ އާބާދީގެ ފުރިހަމަ މެޖޯރިޓީ ނުވަތަ %50 ވުރެ މަތިން ރުހުން އޮތް ކަން ޔަގީންކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކީ ޑިމޮކްރެޓިކް ގިނަ ގައުމުތަކެއްގައި މިހާރު ވެސް އަމަލުކުރަމުންދާ ނިޒާމެކެވެ. 

ޕްރެފެރެންޝަލް ވޯޓިން ހިނގާ ގޮތް:

  • ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެން؛ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް

  • 50%އަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް "އެކެއް"ގެ ރޭންކިންގައި ވޯޓު ދީފި ނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ

  • 50% މީހުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ ދެން ބަލާނީ "ދޭއް" ރޭޓިންއަށް؛ "ދޭއް ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުވަތަ އޭގެ ތެރެއިން ވަކި އަދަދެއްގެ ކެންޑިޑޭޓު ނުލާ

  • "ދޭއް" ރޭޓިންއަށް ފަހު ވެސް %50 ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ކުރިއަށް ދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް