ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅެން ނަޝީދު ހުށަހެޅުއްވި ހިޔާލަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒުގެ މަރުހަބާ

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައި ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޕޯސްޓް ރީޕޯސްޓްކުރެއްވުމަށް ފަހު އިމްތިޔާޒު ފަހުމީ ވަނީ މަރުހަބާ ވިދާޅުވެފައި

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް، އެ ދެ ޕާޓީގެ ވެސް އެއް ބާނީ ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހިޔާލަށް ޑިމޮކްރެޓްސްގެ މިހާރުގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވެ، އޭގެ ފަހުގައި އޭރުގެ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ޕާޓީގައި ތިބެގެން މަސައްކަތްތަކެއް ފެށުމުން ޕާޓީން ވަކިކުރަން އުޅުމުން ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އުފެއްދެވި ޕާޓީއެކެވެ.

ނަމަވެސް އިންތިހާބުތަކުގައި ޑިމޮކްރެޓްސްއަށް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. މަޖިލިސް އިންތިހާބުގައި އެންމެ ގޮނޑިއެއް ވެސް ނުލިބި، ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން ވެސް ޑިމޮކްރެޓްސް ދޫކުރައްވައި އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

ތަފްސީލް - ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެމްޑީޕީއާ ދުރަށް ޖެހިވަޑައިގެންނެވި އެ ޕާޓީގެ ޗެއާޕާސަންކަމާއި ރައީސްކަން ވެސް ކުރެއްވި ނަޝީދު، ދެ ޕާޓީއަށާއި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅުން ކަމަށް ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،" އެމްޑީޕީގެ ލީޑަރެއްގެ ގޮތުގައި އެތައް އަހަރަކު ހުންނެވި ނަޝީދު އެކްސްގައި ލިޔުއްވި އެވެ.

ނަޝީދުގެ އެ ޕޯސްޓް، މިދިޔަ ޖެނުއަރީ މަހު ޑިމޮކްރެޓްސްގެ ރައީސަކަށް އިންތިހާބުކުރެއްވި އިމްތިޔާޒު ރީޕޯސްޓްކުރެއްވި އެވެ.

"ރައީސް މުހައްމަދު ނަޝީދުގެ މި ވިސްނުންފުޅަށް މަރުހަބާ ދަންނަވަން،" ރައްޔިތުންގެ މަޖިލީހުގައި މާފަންނު އުތުރު ދާއިރާ ތިން ދައުރު ތަމްސީލްކުރެއްވި، މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒު ކުރެއްވި ޕޯސްޓްގައިވެ އެވެ.

ފާހަގަކޮށްލެވޭ - ނަޝީދުގެ ހިޔާލަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް މަރުހަބާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމީ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައި އޮންނާނެ. ގާނޫނުއަސާސީ ނެގެހެއްޓުމަށް ޓަކައި އަޅުގަނޑުމެންނާ އެކީ މަސައްކަތް ކުރަން ތިބި ޕާޓީތަކާއި އަދި ޖަމިއްޔާޖަމާއަތްތަކަށް ވެސް ގުޅެން ގޮވާލާފައި އޮންނާނީ އެ ގަރާރުގައި،" އޭނާ ވިދާޅުވި އެވެ.

ފަސްމަންޒަރު - ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީގެ ލީޑަރެވެ. އަދި 2008، 2013 އަދި 2018ގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ނަޝީދެވެ.

އެކަމަކު 2018ގައި ނަޝީދަށް އިއްވި ޖަލު ހުކުމެއްގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެތީ އެ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދިނީ އެވެ. ސޯލިހަށް ޕާޓީގެ ބާރު ލިބުނު ފަހުން ނަޝީދާ ހިޔާލު ތަފާތުވުން ދިޔައީ ބޮޑުވަމުންނެވެ.

ޕާޓީގެ އެތެރޭގައި ނަޝީދުގެ ނުފޫޒު ދެން ދިޔައީ ކުޑަވަމުންނެވެ. ސަރުކާރާ ދެކޮޅަށް ޕާޓީގެ ތެރޭގައި މަަސައްކަތް ކުރަން ފެށުމުން ފުރަތަމަ ކަނޑައިލީ އޭރުގެ މަޖިލިސް މެންބަރު އަލީ އާޒިމެވެ. އޭގެ ފަހުގައި ނަޝީދުގެ ވަފާތެރިން ނިންމެވީ އާ ޕާޓީއެއް އުފެއްދެވުމަށެވެ.

އެނގުން މުހިންމު - އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމަށް ނަޝީދު ތާއީދުކުރައްވައި ވާހަކަ މި ދެއްކެވީ، ކުރީގެ ރައީސް ސޯލިހު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.

ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރިޔާސީ އިންތިހާބަށް މަސައްކަތް ކުރައްވާ ކަމުގެ މައުލޫމާތު ލިބެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް މިއަދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. ޝަމްހީދަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓް (1)

ތެފައާސާ.

6 އޭޕްރީލު 2025
ނަމަކަށް ޑިމޮކްރެޓްސް އޭ ކިޔަސް، ރޫހާނީ ލީޑަރު ވިދާޅުވީމާ އިންތިއެއްކަމަކު ޖެހޭނީ ރުހި ގަބޫލުވާން. މާދަމާ ރޫހާނީ ލީޑަރު ނިކުންނަވައި، ގައުމަށާއި ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮ ގޮތަކީ ޑިމޮކްރެޓްސް ބާ ދަނގަޑަށް ކިރާލުމޭ ބުނެފިއްޔާވެސް އިސްކޮށްތިއްބެވި "ކުދި ވެރިން" ރުހި ގަބޫލުވާނެ. ތިޔައީ އެކަހަލަ ކަމެއް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް