ސީލައިފަށް ފައިސާ ދެއްކި ބައެއް މީހުން 8 ޖޫން 2023 ގައި ކުރި މުޒާހަރާ (ފޮޓޯ/ޓުވިޓާ)

ސިވިލް ކޯޓު

ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014ގައި ސޮއިކުރި މި އެއްބަސްވުން ބާތިލުކޮށްފައިވަނީ ޑިސެމްބަރު 2018ގައި

ސީލައިފް ގްލޯބިންއާ އެކު ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުން އެޗްޑީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ސީލައިފްއާ އެކު އެޗްޑީސީން މި އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާޗް 2014ގަ އެވެ. ނަމަވެސް މި މަޝްރޫއުގެ ތެެރެއިން އެއްބަސްވުމާ ހިލާފަށް ބޮޑެތި މައްސަލަތަކެއް ފާހަގަވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޑިސެމްބަރު 2018ގައި އެޗްޑީސީން އެ އެއްބަސްވުން ބާތިލުކުރި އެވެ. އެއާ އެކު އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދަން ސީލައިފްއިން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންއަށް ހުށަހެޅި އެވެ.

ތަފްސީލު - އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމްގައި ކަނޑައެޅީ އެއްބަސްވުން ބާތިލުކުރުމުގައި ގޯހެއް ނެތް ކަމަށް ކަމަށެވެ. އަދި ސީލައިފްއަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭ ކަމަށް ވެސް ހުކުމްގައި ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

"ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދުގައި މި ކޯޕަރޭޝަނުން އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެޗްޑީސީން މިއަދު ވަނީ ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި 'ދަ ގާޑެންސް' ފްލްޓްތަކުގެ މަސައްކަތް ނިންމަން އެކި ފަހަރު މަތިން ނޯޓިސް ދިނުމަށް ފަހު، މަސައްކަަތް ނިންމާފައި ނުވާތީ، އެ އެއްބަސްވުން ވެސް ބާތިލުކޮށްފަ އެވެ. އަދި އެކަން ޖާހުއަށް އަންގައި، އެތަން އަތުލަން ވެސް އެޗްޑީސީން ނިންމާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް