ހުސްނުއްސުއޫދު. (ފައިލް ފޮޓޯ/ސަން)
ސުއޫދުގެ 4 މައްސަލައެއް ބެލުމާ މެދު ގޮތެއް ނިންމަން މިއަދު ޖޭއެސްސީއަށް އެޖެންޑާކުރި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިއަދު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ ހަތަރު ސުލޫކީ މައްސަލައެއް ބެލުމާ މެދު ގޮތެއް ނިންމުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު ތާވަލުކޮށްފައިވާކަން އެނގިއްޖެ އެވެ.
މައްސަލައިގެ ފެށުން - ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ޖޭއެސްސީން ވަނީ މިދިޔަ މަހު 26 ވަނަ ދުވަހު ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން:
-
ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، އެ ފަނޑިޔާރުންގެ މައްސަލަތަކެއް ތަހުގީގުކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖޭއެސްސީއަށް އެންގުމުން
-
މީގެ އިތުރުން، ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ވެސް އެ ދުވަހު ޖޭއެސްސީން ނިންމާފައިވޭ
-
ސުއޫދުގެ ބަލަނީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް 25 އޮކްޓޫބަރު 2022ގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދައްކާފަައިވާ ކަމަށް ބުނާ މައްސަލަ
-
މަހާޒާއި އަޒްމިރަލްދާގެ ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިމީހާ، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފްގެ ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ
ވީކިހިނެއް؟ - މިއަދު ހެނދުނު ފަނޑިޔާރު ސުއޫދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އިއްޔެ ޖޭއެސްސީގެ މެންބަރުންނަށް ފޮނުވި މިއަދު މެންދުރުފަހު 1 ޖަހާއިރު ބާއްވާ ބައްދަލުވުމުގެ އެޖެންޑާގެ ކަންކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.
ތަފްސީލް - އެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންކަމަކީ:
-
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ ސުއޫދު ސަސްޕެންޑްކޮށްފައިވާތީ ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާނެ ފަނޑިޔާރަކާ ގުޅޭ ގޮތުން މަޝްވަރާކުރުން
-
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަކާ ގުޅިގެން ގޮތެއް ނިންމުން؛ ސުއޫދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ހަތަރު ޝަކުވާއެއް ވަކި އައިޓަމެއް ގޮތަށް އެޖެންޑާކޮށްފައިވޭ
-
ޖޭއެސްސީގައި ރައީސް ތަމްސީލްކުރެއްވި ކުރީގެ މެންބަރު މުހައްމަދު ސަމީރު ހިމެނިވަޑައިގެންނެވި ކޮމިޓީތަކަށް މެންބަރަކު ހަމަޖެއްސުން
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަން ނިންމީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމުލުކުރުން މަޑުޖައްސާލަން އެދިފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގައި ސަސްޕެންޝަންގައި ނެތް ފަނޑިޔާރުންގެ އަދަދަކީ ހަތަރެކެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ. އެހެންވެ، މި ވަގުތަށް ގާނޫނުއަސާސީގެ މައްސަލަ އެ ވަނީ ހުއްޓިފަ އެވެ.
ފާހަގަކޮށްލެވޭ - ތިން ފަނޑިޔާރުން ސަސްޕެންޑްކުރި ދުވަހު، ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބެން ޖެހޭ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ގާނޫނު ވެސް އިސްލާހުކޮށްފަ އެވެ. އެގޮތުން:
-
ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައާ ދިމާކޮށް މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ، ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އޭނާގެ އަމިއްލަ ހައިސިއްޔަތުން
-
ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރުމަށް ޕީއެންސީގެ މެންބަރުން ވޯޓު ދެއްވަން އެންގެވީ ރައީސް މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާނޭހެން ޕީއެންސީގެ ލީޑާޝިޕުން
-
އެންމެ ފުރަތަމަ ޕީއެންސީގެ ގިނަ މެންބަރުން ބިލާ ދެކޮޅަށް، ޕާލިމެންޓްރީ ގްރޫޕުގައި ވާހަކަ ވެސް ދެއްކެވި؛ ލީޑާޝިޕުން އެންގި ގޮތަށް ގިނަ މެންބަރުން ފަހުން ވޯޓު ދެއްވި