ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަޕޯޓަރުންނާ ސަލާންކުރައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސުޕްރީމް ކޯޓުގެ ބާރު ކަނޑަޅުވާލުމުގެ ހިތި ތަހައްމަލުކުރަން ޖެހޭނީ އާންމު ރައްޔިތުން: ސޯލިހު

އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރެއްގެ މަގާމުގައި މި ވަގުތު ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސަރުކާރުން އިސްނަގައިގެން އެ މައްސަލައަށް ސިޔާސީ ނުފޫޒު ވައްދާފައިވާ ކަމަށް
27 ފެބްރުއަރީ 2025
1

ސުޕްރީމް ކޯޓުގެ ބާރު ސަރުކާރުން ކަނޑުވާލައި ހުރިހާ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒުގެ އަތްދަށަށް ގެނެސްފަައިވާ ކަމަށާއި އޭގެ ހިތި ތަހައްމަލު ކުރަން ޖެހޭނީ އާންމު ރައްޔިތުން ކަމަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރީ އިއްޔެ އެވެ. އެގޮތުން:

  • އެ ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގަމުންދާ ކަން ޖޭއެސްސީއަށް އެންގި

  • ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ތިން ފަނޑިޔާރުންނަށް ތުހުމަތުވާ އިތުރު މައްސަލަތަކެއް ސުލޫކީ މައްސަލަތަކުގެ ގޮތުގައި ޖޭއެސްސީން ދަނީ ބަލަމުން

  • ތިން ފަނޑިޔާރުން ސަސްޕެންޑްކުރަން ޖޭއެސްސީން އިއްޔެ ނިންމީ، ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލަމުންދާ، މަޖިލީހުގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލާގައި އެއަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަންވެފައި ވަނިކޮށް

ބުނީ ކީކޭ؟ - އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރެއްގެ މަގާމުގައި މި ވަގުތު ހުންނެވި ރާއްޖޭގެ ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސަރުކާރުން އިސްނަގައިގެން އެ މައްސަލައަށް ސިޔާސީ ނުފޫޒު ވައްދާފައިވާ ކަމަށެވެ.

"[ސުޕްރީމް ކޯޓު، ޖޭއެސްސީ އަދި އޭސީސީ ހިމެނޭހެން] ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބު، ހުތުރު އަމަލުތަކެއް. މި ކަންކަން ހުއްޓާލައި ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ދައުލަތުގެ ވެރިންނަށް ގޮވާލަން،" ސޯލިހު ލިޔުއްވާފައިވެ އެވެ.

ސޯލިހު ވިދާޅުވީ ރާއްޖެ މި ވަގުތު މިސްރާބު ޖަހާފައި ވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށެވެ.

"އެތައް ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެން އެންމެން ހޯދި ހައްގުތަކާއި ތިން ބާރު ވަކިވެފައިވާ ނިޒާމު ހަރާބުގެ މަގަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަން. އެކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅުން ހުރި - ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑްކުރަން ނިންމިއިރު، މިދިޔަ އާދީއްތަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ކޮމިޝަނަށް ރައީސް އައްޔަންކުރެއްވި ވަކީލު މުހައްމަދު ސަމީރު ކޮމިޝަނުން ވަކިކުރައްވައިފަ އެވެ. އޭގެ ބަދަލުގައި ކޮމިޝަނަށް އައްޔަންކުރެއްވީ ޔަޒުމީދު މުހައްމަދެވެ. އޭނާއަކީ:

  • މިދިޔަ މަޖިލިސް އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓު

  • އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވޭ؛ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަން ކުރެއްވި

  • ގާނޫނީ އަދި ޝަރުއީ ދާއިރާގެ އެއްވެސް ތައުލީމެއް އަދި ތަޖުރިބާއެއް ނެތް ބޭފުޅެއް

ފާހަގަކޮށްލެވޭ - އިއްޔެ ހެނދުނު ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނު ވެސް އިސްލާހުކޮށްފަ އެވެ. އެ ބިލު ފާސްކުރަން ވޯޓު ދިނުމަށް ޕީއެންސީގެ ލީޑާޝިޕުން އެ ޕާޓީގެ މެންބަރުންނަށް އޮތީ އަންގައިފަ އެވެ.


ކޮމެންޓް (1)

ަވައުދުނާމާ

28 ފެބްރުއަރީ 2025
މިރައީސް ޑރ. މުއިއްޒު ވިދާޅުވީ ޖުޑިޝަރީ ތެރެއަށް އަތްނުބާނާނެވާހަކަ. އެކަމު މަޖްލިސް މެޖޯރިޓީ އަތުއޮތީމާ މިފެންނަނީ ދޫސްތޫރީ ނިޒާމް އަތުތެރެއަށްލައި މަޖްލިސްރައީސް ބްލަކްމެއިލްކޮށްގެން އޭނަލައްވާ ހިތުހުރި ގޮތަކަށް ޢަދުލުއިންސާފުގެ ނިޒާމުގަ ރިހާކުރު ލައިގެން ބަދަލުކުރާތަން. މިކަންސާފުވޭ އެންޓިކޮރަޕްޝަންބޯރޑުވެސް ބަދަލުކޮށްފައި އެތަނުގެ ޒިއްމާއަޅުވާ ފްލެޓްލިސްޓް ބަދަލުކޮށް މިހާރުގައި ހިމެނޭވަޒީރުނަށްވެސް ފްލެޓް ލިބި ސަރުކާރު ވަޒީފާގައި މިހާރު ތިބިއެތައްބަޔަކު ޝަރުތުފުރިހަމަވީތަން. ރައީސްޔާމިންގެ ފޮޓޯއެއް ދައްކައިގެންވޯޓު ހޯދައިފި. ޢެކަމުފެންނަ މުޅިން ތަފާތުމަންޒަރެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް