ފައިސަލް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތެއްގައި - (ފޮޓޯ/ޑަބްލިއުޓީއެމް)
ފައިސަލް ހަރަދު ބޮޑުވެގެން ފޮނަދުއަށް ދިރިއުޅުން ބަދަލު ކުރަނީ
މިދިޔަ އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރި އިބްރާހީމް ފައިސަލް އޭނާގެ އުފަން ރަށް ލ. ފޮނަދުއަށް ދިރިއުޅުން ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ފައިސަލް 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެ ގޮތަށް ނިންމަން ޖެހުނީ ވަގުތު އޭނާގެ ހަގު ދަރިފުޅަށް އެންމެ ފަސް މަސް ވެފަައި ވާއިރު، މާލޭގައި އުޅޭ ނަމަ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެފައިވާތީ އެވެ. އަދި އެއީ ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވި ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަހުގެ ތެރޭގައި އަޅުގަނޑު ބަދަލުވާނެ. މިހާރު ބޭބީއަށް އަދި އެންމެ ފަސް މަސް. ދިރިއުޅުމުގެ ހަރަދުތައް ވެސް ކޮންމެވެސް ވަރަކަށް އެބަ ބޮޑުވޭ މާލޭގައި އުޅެން. މިހާރު ކުރިން ލިބުނު މުސާރަ ވެސް ނުލިބޭނެ. އާމްދަނީއަށް މަސައްކަތްތަކެއް ކުރެވޭނެ ރަށުން ވެސް،" ފައިސަލް ވިދާޅުވި އެވެ.
ސިޔާސީ މަސައްކަތް ބައްޓަން ކުރާނެ ގޮތަކާ ގުޅޭ ގޮތުން ފައިސަލް އާއި އަބްދުއްރަހީމްގެ ވިސްނެވުން ހުންނެވީ ކިހިނެއްތޯ ސުވާލުކުރުމުން ފައިސަލް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުއާ ބައްޕަ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އަބްދުއްރަހީމް ސަރުކާރާ އެކު ދެމިހުންނަވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ބައްޕަ ހުންނާނެ ސަރުކާރާ އެކު. އަޅުގަނޑު ވަކިކުރުމުން ބައްޕަ އެ ދުވަހު މެލޭޝިއާގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން މަޝްވަރާ ކުރައްވާފައިވީ. ބައްޕަ އަޅުގަނޑަށް ނަސޭހަތް ދެއްވީ ސިޔާސީ ކަންކަމުގައި ކެތްތެރިވެ ހުރުމަށް،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް މި ވަގުތު އެއްވެސް ޕާޓީއެއްގެ ދަފްތަރުގައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސިޔާސީ މަސައްކަތުން މުޅިން ދުރަށް ޖެހުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ޕީއެންސީގެ މި ސަރުކާރަކީ އޭނާގެ ވެސް ހިއްސާއެއް އޮތް ސަރުކާރެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އޮތީ ޕީޕީއެމްގެ ދަފްތަރުގައި. ޕީޕީއެމްގެ ސެނެޓް މެންބަރެއް. ނަމަވެސް މިހާރު ޕީޕީއެމް އުވާލުމުން އެއްވެސް ޕާޓީއަކު ވެސް ނޫން މި ހުރީއެއް. ސަރުކާރުން ވަކިކުރުމުން ވަކި ސަރުކާރަކާ އެކު ވެސް ނޫން މި ހުރީއެއް. އެހެން ވިޔަސް، ސިޔާސީ މަސައްކަތް މުޅިން ހުއްޓާލުމުގެ ވިސްނުމެއް ވެސް ނުގެންގުޅެން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ފައިސަލް މިނިސްޓަރުކަމުން ވަކިކުރުމާ އެކު، އޭނާގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުހައްމަދު މުއިއްޒުއާ ދެމެދު ގުޅުން ގޯސްކަން ސާފުވެގެން ދިޔަ އެވެ. އަބްދުއްރަހީމް 'ދައުރު'އަށް އިންޓަވިއު ދެއްވަމުން އެ ކަމަށް އެއްބަސްވެވަޑައިގެންފައި ވަނިކޮށް، މިހާރު ސުލްހަކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
ކިޔާލަން
އަބްދުއްރަހީމާ ސުލްހަކޮށް، ވަކިކުރުމުގެ މަޝްވަރާ ހުއްޓާލައިފި
2 ފެބްރުއަރީ 2025
ފައިސަލްގެ ބަޔާން: ފާޑުކިޔުންތަކުން ހިތްވަރު؛ ފުރުސަތަށް ޝުކުރު
30 ޖެނުއަރީ 2025
ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް: އަބްދުއްރަހީމް
28 ޖެނުއަރީ 2025
ކޮމެންޓް (3)
ކޮސް
މޮޑަފް
ސިކުނޑި