ރައީސް މުހައްމަދު މުއިއްޒު، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ: ރައީސްއާއި އަބްދުއްރަހީމް ސުލްހަވެފައިވާ ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވޭ

އަބްދުއްރަހީމާ ސުލްހަކޮށް، މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ މަޝްވަރާ ހުއްޓާލައިފި

ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވި ގޮތުގައި، ސަރުކާރާ ދެކޮޅަށް އަބްދުއްރަހީމް ނުނުކުންނަވާނެ ކަމުގެ ޔަގީންކަން ދެއްވުމުން މަޖިލީހުގެ ރައީސް ކަމުން އޭނާ ވަކިކުރުމުގެ ވާހަކަ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި މިހާރު ނުދައްކާ
2 ފެބްރުއަރީ 2025
3

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުއްރަހީމް އަބްދުﷲ ވަކިކުރުމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ އެތެރޭގައި ފެށި ނުރަސްމީ މަޝްވަރާތައް ހުއްޓާލައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުއާ އަބްދުއްރަހީމް ގުޅުން ގޯސްވެފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށް އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި އެވެ.

އަބްދުއްރަހީމް 'ދައުރު'އަށް އިންޓަވިއު ދެއްވަމުން، ރައީސްއާ އެކު ގުޅުން ރަނގަޅު ނޫން ކަމަށް އެއްބަސްވެވަޑައިގަތް ފަހުން މަޖިލީހުގެ ރައީސް ކަމުން އޭނާ ވަކިކުރުމުގެ މަޝްވަރާތައް ނުރަސްމީކޮށް ފެށިކަން، މަޖިލީހުގެ ބައެއް މެންބަރުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ތަފްސީލު - ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން އިއްޔެ ވިދާޅުވީ އަބްދުއްރަހީމާ އެކު ގިނަ މެންބަރުން ނެތް ކަމަށާއި ސަރުކާރާ ދެކޮޅަށް ނުނުކުންނަވާނެ ކަމުގެ ޔަގީންކަން ޕާލިމެންޓްރީ ގްރޫޕުގެ ގިނަ މެންބަަރުންނަށް އޭނާ ދެއްވާފައިވާ ކަމަށެވެ.

"އަބްދުއްރަހީމް [މެލޭޝިއާ އިން މާލެ] ވަޑައިގެންނެވީ އޭނާއާ އެކު ގިނަ މެންބަރުންތަކެއް ތިބޭނެ ކަމަށް ވެސް ދެކިގެން. އެކަމަކު އެ ގޮތަށް އެ ކަމެއް ނުވި. ދެން އަބްދުއްރަހީމަށް ވެސް ސިޔާސީ ގޮތުން ދެމިހުންނަން މި ވަގުތު އޮންނާނެ ޗޮއިސްއަކީ ޕީއެންސީ އާއި މި ސަރުކާރު ކަމަށް އަޅުގަނޑުމެންނަށް ބެލެވޭ،" ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

އެހެން މެންބަރަކު ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ހިދުމަތް ކުރެއްވުމަށް ފައިސަލަށް ރައީސް ފުރުސަތު ދެއްވީތީ ޝުކުރު އަދާކުރައްވައި ފައިސަލް ބަޔާނެއް ނެރުއްވީ ވެސް ސުލްހަވުމަށް ދެ ފަރާތުން ވާހަކަ ދެއްކެވުމަށް ފަހު ކަމަށެވެ. އަބްދުއްރަހީމާ އެކު ކަންކަން ސުލްހަކުރެވިފައި ވާތީ މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ ވާހަކަ މިހާރު ނުދައްކާ ކަމަށެވެ.

"މިހާރު އެ ވާހަކައެއް ނުދައްކާ. ސަރުކާރާ ދެކޮޅަށް އަބްދުއްރަހީމް ނުނުކުންނާނެ. ކަންކަން ސުލްހަކޮށް ފައސަލް ވެސް ބަޔާނެއް ނެރުނީ،" އެ މެންބަރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ އިސް މަގާމުތައް ފުރުއްވާނެ މެންބަރުން ނިންމެވީ ސީދާ ރައީސް މުއިއްޒެވެ.

ރައީސް އޭރު އެ ގޮތަށް އިރުޝާދު ދެއްވީ ޕާލިމެންޓްރީ ގްރޫޕް ބައިބައިވުމުގެ ފުރުސަތު ނުދިނުމުގެ ބޭނުމުގައި ކަމަށް މެންބަރުންނަށް އޭރު އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް ލިބިޑައިގަތް ދުވަހުން ފެށިގެން އެ މަނިކުފާނުގެ އެންމެ އަރިހުގައި ހުންނެވި ބޭފުޅަކީ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމެވެ. ސިޔާސީ މަސައްކަތުގައި ރައީސް ބައްލަވާ ނަމޫނާއަކީ ވެސް އަބްދުއްރަހީމް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (3)

ސިކުނޑި

2 ފެބްރުއަރީ 2025
ދައުލަތުގެ އެއްބާރުން އަނެއްބާރު ހައިޖެކް ކުރުމަކީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯ؟ މުއީޒަށް ދައުރު ފުރިހަމަ ކުރެވޭނެކަމާމެދު ޝައްކު!
16 1

ސޭކު ދޮންބެ

2 ފެބްރުއަރީ 2025
އަދުރޭ ޖެހި ހިސާބު ފާލުން ނެއްޓި އަމިއްލަ މީހާ ސައިޒުވެއްޖެއެވެ.
15 1

ތެފައާސާ.

2 ފެބްރުއަރީ 2025
ހަގީގަތަކީ އަބްދުއްރަހީމްވެސް އަދި އެނޫން މެމްބަރުންވެސް މިއަދު އެތިއްބެވީ އަރައިތިބި ގޮފިގަނޑު އަމިއްލައަތުން ކަނޑާ ތިރިކޮށްގެން. ދެން އަރާނެ އިތުރު ގޮފިއެއް/ގޮޅިއެއް ނެތް ހާލަތުގައި އޮންނާނެ ގޮތަކީ ބުނި ގޮތަކަށް ބުނި ކަމެއް ބުނި އިރަކު ބުނި ވަރަކަށް ކޮށްލައިގެން ތިބުން. އެ ތިއްބެވީ މި ނޫން އިތުރު އެެއްވެސް ޗޮއިސްއެއް ނެތި ވަރަށް ހާލުގައި. ހިސާބު ޖަހަންވެސް ވަކި މޮޅެއް ނުވިތާ؟؟
18 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް