ޕީޕީއެމްއިން ބޭއްވި ހޯޕް ކޮންފަރެންސްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އިޔާން)

ޕީޕީއެމް އުވާލައި ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި

އީސީން މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޕީޕީއެމް އުނިކޮށް އުވާލާފައިވާ ޕާޓީތަކުގެ ލިސްޓުގައި ހިމަނާފައި

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މަގްބޫލު އެއް ޕާޓީއެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޮތް ޕީޕީއެމް ރަސްމީކޮށް އިލެކްޝަންސް ކޮމިޝަން(އީސީ)އިިން މިއަދު އުވާލައިފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި، މީގެ 13 އަހަރު ކުރިން 2011ގައި އުފެއްދެވި ޕީޕީއެމް ރަސްމީކޮށް އީސީން މިއަދު އުވާލާފައި މި ވަނީ، އެ ޕާޓީ އުވާލުމަށް މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ޕާޓީގެ ސެނެޓުން ނިންމި ނިންމުމާ ގުޅިގެންނެވެ.

ތަފްސީލު - ސެނެޓުގެ އެ ނިންމުމާ ގުޅިގެން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް އެޕާޓީ މިހާރު އުވާލާފައިވާކަން އީސީގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ 'ދައުރު'އަށް ކަށަވަރުކޮށްދެވި އެވެ.

"އެ ނިންމުން މިއަދުގެ ވަގުތެއްގައި ގެޒެޓް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އުވާލުމާއެކު، އިސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ޕާޓީތަކުގެ ދަފްތަރުން އެޕާޓީގެ ނަމާއި ލޯގޯ މިހާރު ވަނީ އުނިކޮށްފަ އެވެ. އަދި އުވާލާފައިވާ ޕާޓީތަކުގެ ލިސްޓުގައި އެޕާޓީ ހިމަނާފައިވެ އެވެ.

މައުމޫން އިސްވެ ތިން ވަނަ އަށް އުފެއްދެވި އެމްއާރުއެމް ވެސް އިއްޔެ އުވާލާފައިވެ އެވެ. އެޕާޓީ އުވާލާފައި ވަނީ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އެވެ. 

މިހާތަނަށް އުވާލާފައިވާ ޕާޓީތަކުގެ ލިސްޓުގައި ދެން ހިމެނެނީ މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީ އަދި ލޭބާ ޕާޓީ އެވެ.

ޕީޕީއެމް އުވާލަން އެޕާޓީގެ ސެނެޓުން ނިންމާފައިވަނީ އެ ކޯލިޝަންގެ ލީޑަރު، ރައީސް މުއިއްޒުގެ އިރުޝާދާއެކު އެވެ. އަދި މި ނިންމުން ނިންމާފައި ވަނީ، އެކަން ފަސޭހަ ކުރުމަށް ޕާޓީގެ އަސާސީ ގަވައިދުގައި ވެސް އިސްލާހުކޮށްގެންނެވެ.  

ޕީޕީއެމްގެ ތާރީހު

ޕީޕީއެމްއަކީ ކުރިން ޑީއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން  އެ މަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެގެން އުފެއްދެވި ޕާޓީ އެވެ. އެގޮތުން:

  • ޕީޕީއެމް ރަޖިސްޓްރީކުރީ 27 އޮކްޓޯބަރު 2011 ގައި

  • ޕީޕީއެމްގެ ރައީސްގެ ގޮތުގައި ޕާޓީ ފުރަތަމަ ލީޑުކުރެއްވީ މައުމޫން

  • ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކީ މައުމޫންގެ ކޮއްކޮ، ކުރީގެ ރައީސް އަބްދުﷲ ޔާމީން

  • ޕީޕީއެމް ބައިވެރިވި ފުރަތަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ކާމިޔާބުކުރި

  • މި ސަރުކާރު ވެރިކަމަށް އައިރު، ޕީޕީއެމްގައި 30،000އަށްވުރެ ގިނަ މެންބަރުން ތިބި؛ މިދިޔަ އަހަރު ނިމުނު އިރު ޕާޓިގެ މެންބަރުންގެ އަދަދު ވަނީ 12،000އަށް ތިރިވެފައި

ކޮމެންޓް (1)

ސިކުނޑި

30 ޖެނުއަރީ 2025
އެންމެ ހުތުރުކޮށް ނިމިގެންދާނެ ރައީސަކީ މުއީޒުކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ! ޕީއެންސީ މީހުންނަކީ، އެން އޮތަތީވެސް ކާންވެގެންދިޔަ މަސްއައިނެއް! އެހެންތާކުން އެންކޮޅެއް ފެންނައިރަށްދާނެ!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް