ޕީޕީއެމްއިން ބޭއްވި ސެނެޓް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ނައިބު ރައީސް ގައްސާން: ޕީޕީއެމް އުވާލުމުގެ މަސައްކަތް ފަށައިފި - (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޕީޕީއެމް

ޕީޕީއެމް އުވާލެވޭ ގޮތް ފަސޭހަކުރަން އަސާސީ ގަވާއިދަށް ބަދަލު ގެންނަން ނިންމައިފި

ޕާޓީ އުވާލަނީ 3/4 ސެނެޓަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނާ މާއްދާ، 2/3 އަގުލަބިއްޔަތުން ބަދަލުކުރާ ގޮތަށް.
17 އޮކްޓޯބަރު 2024

ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ، ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ މާއްދާތައް ބަދަލުކުރަން އެ ޕާޓީގެ ސެނެޓުން ނިންމައިފި އެވެ.

ވީކިހިނެއް؟ - މިއަދު މެންދުރުފަހު ޕީޕީއެމާ އެކު އެއް ކޯލިޝަނެއްގައި މަސައްކަތްކުރާ ޕީއެންސީގެ އޮފީހަށް ޕީޕީއެމްގެ  ސެނެޓް  މެންބަރުން އެއްވެ، ދެ ބައްދަލުވުމެއް ބޭއްވި އެވެ.

ތަފްސީލް - ފުރަތަމަ ބައްދަލުވުމުގައި ނިންމީ:

  • ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކަށް އައިޖީއެމްއެޗް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް

  • ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

ޕާޓީގެ ނައިބު ރައީސް އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރިޔާސަތުގައި އިންނަވައި، ދެވަނަ ބައްދަލުވުމެއް ފެށި އެވެ.

ބައްދަލުވުމަށް ފަހު ޕާޓީގެ އާ ސެކްރެޓަރީ ޖެނެރަލް ހަލީމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަސާސީ ގަވާއިދުގެ 61 ވަނަ މާއްދާއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

އޭގެ ފަހުން ސެނެޓުގެ ބައެއް މެންބަރުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި އެއީ ޕާޓީ ފަސޭހައިން އުވާލެވޭ ގޮތަށް ހެދުމަށް ގެންނަ ބަދަލުތަކެކެވެ. އެ ގޮތުން:

  • ޕާޓީ އުވާލަނީ 3/4 ސެނެޓަރުންގެ އަގުލަބިއްޔަތުން ކަމަށް ބުނާ މާއްދާ، 2/3 އަގުލަބިއްޔަތުން ބަދަލުކުރާ ގޮތަށް.

  • ކުރިން އަސާސީ ގަވާއިދުގައި އޮންނަނީ މާލީ ސަބަބުތަކަށްޓަކައި ޕާޓީ އުވާލަން ޖެހޭ ނަމަ ހުށަހެޅުމަށް. މާއްދާގެ އެ ބައި ބަދަލުކުރަނީ ލީޑާޝިޕަށް ފެނިއްޖެ ނަމަ ހުށަހެޅޭ ގޮތަށް.

ޕާޓީ އުވާލުމުގެ މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވާނީ ވަކިން ކަމަށް އެނގިފައިވެ އެވެ. އެ ބައްދަލުވުން ބާއްވާނެ ދުވަހެއް އަދި ނޭނގެ އެވެ.

17 އޮކްޓޮބަރު 2024: ޕީޕީއެމްއިން ބޭއްވި ސެނެޓް ބައްދަލުވުމުގައި ޕާޓީގެ އިސް ބޭފުޅުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެނގުން މުހިންމު - ޕީއެންސީ/ޕީޕީއެމަކީ ދެ ޕާޓީއެއް ނަމަވެސް ޖޮއިންޓް ކައުންސިލެއް އޮވެގެން އެއް ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޯލިޝަނެކެވެ. އެ ގޮތުން:

  • ދެ ޕާޓީގެ ވެސް ލީޑަރަކަށް އަބަދުވެސް ހުންނެވީ އެންމެ ބޭފުޅެއް.

  • ކުރިން ކޯލިޝަން ލީޑަރަކަށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން.

  • ޔާމީން ޕީޕީއެމުން ވަކިވި ފަހުން ކޯލިޝަންގެ ލީޑަރަކަށް ރައީސް މުހައްމަދު މުއިއްޒު ހަމަޖެއްސި.

ޕީޕީއެމްގެ ތާރީހު

ޕީޕީއެމް އަކީ ކުރިން ޑީއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި އެމަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެގެން އުފެއްދި ޕާޓީ އެވެ. އެ ގޮތުން:

  • ޕީޕީއެމް ރަޖިސްޓްރީކުރީ 27 އޮކްޓޯބަރު 2011 ގައި.

  • ޕީޕީއެމްގެ ރައީސްގެ ގޮތުގައި ޕާޓީ ފުރަތަމަ ލީޑުކުރެއްވީ މައުމޫން.

  • ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކީ މައުމޫންގެ ކޮއްކޮ، ކުރީގެ ރައީސް އަބްދުﷲ ޔާމީން.

  • ޕީޕީއެމް ބައިވެރިވި ފުރަތަމަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ކާމިޔާބުކުރި.

ޕީއެންސީގެ ތާރީހު

ޕީއެންސީއަކީ ޔާމީނުގެ ވެރިކަމުގައި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން މައުމޫން ޕާޓީން ވަކިކުރަން ނިންމި އިޖުރާއަތާ ދެކޮޅަށް ޕާޓީގެ މެންބަރަކު ކޯޓަށް ދިޔުމުން، ޔާމީންގެ ބެކްއަޕް ޕާޓީގެ ގޮތުގައި އުފެއްދި ޕާޓީއެކެވެ. އެ ގޮތުން:

  • ޕީއެންސީ ރަޖިސްޓްރީކުރީ 31 ޖެނުއަރީ 2019ގައި.

  • ޕާޓީގެ ފުރަތަމަ ރައީސަކީ، މިހާރު ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ.

  • ޕީޕީއެމްގެ މައްސަލަ ކާމިޔާބުވުމުން، ޕީޕީއެމާއެކު ޕީއެންސީން ކޯލިޝަން ހެދި.

ފާހަގަކޮށްލެވޭ - މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ފުރަތަމަ ހަވާލުކުރީ ޔާމީނަށެވެ. ނަމަވެސް ޔާމީން އޭރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައެޅި އެވެ.

ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ހާލަތަކަށް، އެމަނިކުފާނުގެ ބެކްއަޕް ޕާޓީއެއްގެ ގޮތުގައި އުފެއްދި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް ނިންމި އެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓަކަށް އިންތިހާބުވި، ރައީސް މުއިއްޒަށް ތާއީދުކުރުމަށް ޕީޕީއެމްގެ ސެނެޓުން ނިންމީ އިންތިހާބު ބޮއިކޮޓް ކުރުމާ މެދު ގޮތެއް ނިންމަން ޔާމީން ހުށަހަޅާފައި ވަނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް