ލަމްހާ: ބަންދު ކުރަން ދައުލަތުން ކުރާ މަސައްކަތް ކުރިއަށް
ލަމްހާ ކޯޓަށް ދާން ގެއިން ނުކުންނަނީ ފުލުހަށް ނާންގައި؛ ފުލުހަށް އަންގަން ކޯޓުން ޝަރުތުކޮށްފި
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލާގައި ދައުވާކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ކޯޓަށް ހާޒިރުވާން ނުކުންނަ އިރު ފުލުހުންނަށް ނާންގައި ނުކުންނާތީ، އެކަން ކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ވީ ކިިހިނެއް؟ - ލަމްހާ ތިން މަސްދުވަހަށް ބަންދުން ދޫކޮށްލީ 12 ނޮވެމްބަރު 2024ގަ އެވެ. އޭރު ބަންދުން ދޫކޮށްލީ ވެސް ލަމްހާ ބަންދުގައި އިންދައި ގައިދީންތަކަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލާ ކަން ދައުލަތުން ފާހަގަކުރީތީ، އޭގެ ލިޔެކިޔުން ހުށަހަޅައިގެން ބަންދު މުރާޖައާ ކުރުމަށް ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ.
ލަމްހާގެ މައްޗަށް ކުރާ އާ ތުހުމަތުތަކުގެ ލިޔެކިޔުންތައް ދައުލަތުން ހުށަހެޅުމުން ބަންދު މުރާޖާގެ އަޑުއެހުމެއް ކޯޓުން މިއަދު ބޭއްވި އެވެ.
ތަފްސީލް - މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އާމިނަތު ސާމާ ނަސީރު ވިދާޅުވީ ލަމްހާ ބައެއް ޝަރުތުތަކާ ހިލާފުވާކަން ދައުލަތަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން، ލަމްހާ ކޯޓަށް ހާޒިރުވާން ނުކުންނަ އެއްވެސް ފަހަރަކު އެކަން ކުރަނީ ފުލުހުންނަށް އަންގައި ފުލުހުންގެ ހުއްދަ ނުހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ ކޯޓަށް ހާޒިރުވާން އެންގުމުން ކޯޓަށް ހާޒިރުވުމަކީ ވެސް ލަމްހާ ބަންދުން ދޫކޮށްލި އިރު ކޮށްފައިވާ ޝަރުތަކަށް ވާތީވެ ކޯޓަށް ދާން ނުކުންނަ އިރު ފުލުހުންނަށް އަންގަން ޖެހުމަކީ ޝަރުތެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ނަމަވެސް ދައުލަތުން ޝަރުތުތައް އިސްލާހުކުރަން ބޭނުންވާ ނަމަ އެ ކަންކަން ހުށަހެޅުމަށް ގާޒީ ފުރުސަތު ދެއްވި އެވެ. އެ ފުރުސަތުގައި ދައުލަތުން އެދުނީ ވެސް ކޯޓަށް ނުކުންނަ ހާލަތުގައި ވެސް ފުލުހުންނަށް އެންގުމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނުމަށެވެ. އެ ގޮތުން:
-
ލަމްހާ 24 ގަޑިއިރު މޮނިޓާ ކުރުމުގެ ގާބިލްކަން ފުލުހަކު ނެތް
-
ފުލުހުންނަށް އަޑުއެހުންތައް އޮންނަ ކޮންމެ ދުވަހެއް ނޭނގޭނެ
-
ފުލުހުންނަށް ލަމްހާ މޮނިޓާކުރަން ފަސޭހަވާނީ ކޯޓަށް ހާޒިރުވާއިރު ވެސް ފުލުހުންނަށް އެކަން އަންގާފައި ފުލުހުންނާ އެކީ އައުމުން
ދިފާއުގެ ބަސް - ލަމްހާގެ ދިފާއީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ މީގެ ފަހުން ލަމްހާ ކޯޓަށް ހާޒިރުވާން ޖެހޭ ދުވަހެއްގައި ފުލުހަށް ނޯޓިސްއެއް ފޮނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޖަވާބެއް ނުލިބޭ ހާލަތެއްގައި އެ ދުވަހަކު ހާޒިރުވާން އޮންނަ ކޯޓަކަށް ވެސް ކުރިއާލާ އަންގާނެ ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.
އެނގުން މުހިންމު - ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ ފުރަތަމަ ބަންދުން ދޫކޮށްލާފައިވަނީ ނޮވެމްބަރު 2023ގަ އެވެ. އެކަމަކު އޭނާ އަލުން ބަންދުކުރަން އެ އަހަރުގެ ޑިސެމްބަރު މަހު ހައި ކޯޓުން އަމުރުކުރުމާ ގުޅިގެން މިދިޔަ 12 ނޮވެމްބަރާ ހަމައަށް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން ވެސް ދަނީ ބަލަމުންނެވެ. ލަމްހާ ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފަށް ދައުލަތުން ހުށަހެޅި މައްސަލާގައި ދެން އޮތީ ކޯޓުން ވަކި ގޮތެއް ކަނޑައެޅުމެވެ.
ފަސްމަންޒަރު - 19 އޮކްޓޯބަރު 2021ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުންގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިޔަ އެވެ.
ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އެ އަހަރުގެ 27 އޮކްޓޯބަރުގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން، އެ އަހަރުގެ 16 ޑިސެމްބަރުގަ އެވެ.
ފާހަގަކޮށްލެވޭ - މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ލަމްހާއަކީ މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ވެ އެވެ.
ކޮމެންޓް (1)
އިބްރާހިމް