ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު. (ފައިލް ފޮޓޯ/ޕީއެސްއެމް)

އަބްދުﷲ ޖިހާދު

ޖިހާދުގެ މައްސަލަ ހުށަހަޅަން އެންމެ ފަހުން ހައި ކޯޓުން ހުއްދަ ދީފި

ހައި ކޯޓުން ދިން ތާރީހަށް ވުރެ ފަހުން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުނީ އަމިއްލަ ބާރު ނުފޯރުވޭ ސަބަބެއް އޮވެގެން ކަމަށް ކޯޓުން ނިންމި
25 ޑިސެމްބަރު 2024

ދައުލަތަށް ގެއްލުންވާ ގޮތަށް ކ. ފުށިދިއްގަރުފަޅު ދޫކުރި ކަމަށް ބުނާ މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ހުށަހެޅުމަށް ހައި ކޯޓުން އެންމެ ފަހުން ހުއްދަ ދީފި އެވެ.

މައްސަލައިގެ ފެށުން - ކްރިމިނަލް ކޯޓުން ދައުވާ ބޭރުކުރުމުން ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ ކުރިއަށް ނުދިޔައީ، މައްސަލަ ހުށަހެޅުމުން، ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް އޭނާއަށް އޭރު ޗިޓު ރައްދު ނުކޮށްދެވިގެންނެވެ. އެޑްރެސް ސާފުކޮށް އަލުން މައްސްލަ ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދީފައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލި އެވެ.

އޭރު ޖިހާދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ވީ ކިހިނެއް؟ - ދެވަނަ ފަހަރަށް ޕީޖީ އޮފީހުން މައްސަލަ ހުށަހެޅީ ދިން މުއްދަތަށް ވުރެ ދެ ދުވަސް ފަހުން ކަމަށް ވާތީ ހައި ކޯޓުން މައްސަލަ ރަޖިސްޓްރީ ނުކޮށްދިނެވެ. ޕީޖީ އޮފީހުން ފަނޑިޔާރުންގެ މަޖިލީހަށް ނިންމުން މުރާޖާ ކުރަން ހުށަހެޅުމުން އެ މަޖިލީހުން ވެސް ރަޖިސްޓްރާގެ ނިންމުން ދެމެހެއްޓި އެވެ. 

ޕީޖީ އޮފީހުގެ ހުށަހެޅުން އިސްލާހުކޮށް ދެވަނަ ފަހަރަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި އެވެ.

ތަފްސީލް - ހައި ކޯޓުގެ ތިން ފަނޑިޔާރަކު މަޖިލީހުގައި ތިއްބަވައިގެން މިދިޔަ ބުރާސްފަތި ދުވަހު ނިންމަވާފައިވަނީ ހައި ކޯޓުން ދިން ތާރީހަށް ވުރެ ފަހުން ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުނީ އަމިއްލަ ބާރު ނުފޯރުވޭ ސަބަބެއް އޮވެގެންނެވެ. އެގޮތުން، ޖިހާދުގެ އެޑްރެސް ސާފުނުވުމަކީ ބާރު ނުފޯރުވޭ ކަމެއް ގޮތުގައި އެ ބޭފުޅުން ނިންމެވި އެވެ.

ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:

  • ހުސައިން މަޒީދު (ރިޔާސަތު)

  • މުހައްމަދު ނިޔާޒު

  • ހުޒައިފާ މުހައްމަދު

ގުޅުން ހުރި - ޖިހާދުގެ މައްސަލަ ހުށަހެޅުމަށް ހައި ކޯޓުން އެންމެ ފަހުން ހުއްދަ ދީފައި މި ވަނީ، ކުރީގެ ނިންމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައި ވަނިކޮށެވެ.

ފާހަގަކޮށްލެވޭ - ޖިހާދަކީ ޑިވެލޮޕްމަންޓް ބޭންކާއި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނެވެ.  

ދައުވާކުރި މައްސަލަ - ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާ އެވެ. އެގޮތުން:

  • އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު

  • ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް، ކެބިނެޓުން އޭރު ނިންމީ ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން

  • ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖިހާދު ސޮއިކުރެއްވީ ސަރުކާރުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް

  • ސަރުކާރާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ސޮއިކުރީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު

ފަސް މަންޒަރު - ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ 25 ޖުލައިގަ އެވެ. ހައި ކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފްކުރީ 29 އޮގަސްޓްގަ އެވެ. މިދިޔަ މަހުގެ 11ގައި މައްސަލަ ބަލައި ވެސް ގަތެވެ. އެގޮތުން:  

  • މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމުގައި

  • އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް