ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު

އަބްދުﷲ ޖިހާދު

ޖިހާދުގެ މައްސަލަ ބޭރުކުރަން ހައި ކޯޓު ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި

ހައި ކޯޓުގެ ތިން ފަނޑިޔާރުން މައްސަލަ ބެއްލެވުމަށް ފަހު ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ގާނޫނާ ހިލާފުވާ އެއްވެސް ސަބަބެއް ދައުލަތަށް ކިޔައިދެވިފައި ނުވާ ކަމަށް
3 ޑިސެމްބަރު 2024

ކ. ފުށިދިއްގަރުފަޅު މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދަމަހައްޓައިފި އެވެ.

ކަމުގެ ފެށުން - އެންމެ ފުރަތަމަ ޕީޖީ އޮފީހުން އެ މައްސަލަ ހުށަހެޅުމުން، ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް އޭނާއަށް އޭރު ޗިޓު ރައްދު ނުކޮށްދެވޭތީ އަލުން ހުށަހަޅަން 15 ދުވަހުގެ ފުރުސަތެއް ދީފައި މައްސަލަ ފޮނުވާލީ އެވެ.

އޭރު ޖިހާދު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ވީކިިހިނެއް؟ - ދެވަނަ ފަހަރަށް ޕީޖީ އޮފީހުން މައްސަލަ ހުށަހެޅީ ދިން މުއްދަތަށް ވުރެ ދެ ދުވަސް ފަހުން ކަމަށް ވާތީ ހައި ކޯޓުން މައްސަލަ ރަޖިސްޓްރީ ނުކޮށްދިނެވެ. ޕީޖީ އޮފީހުން ފަނޑިޔާރުންގެ މަޖިލީހުގައި ރަޖިސްޓްރާގެ އެ ނިންމުން އިސްތިއުނާފު ކުރި އެވެ.

ތަފްސީލް - ހައި ކޯޓުގެ ތިން ފަނޑިޔާރުން މައްސަލަ ބެއްލެވުމަށް ފަހު ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ގާނޫނާ ހިލާފުވާ އެއްވެސް ސަބަބެއް ދައުލަތަށް ކިޔައިދެވިފައި ނުވާ ކަމަށެވެ. އެގޮތުން:

  • ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ތާއީދުކުރެއްވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ދީބަނާޒު ފަހުމީ

  • ރައުޔު ތަފާތުވީ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު؛ އެ ފަނޑިޔާރުގެ ރައުޔަކީ ދެ ދުވަހުގެ ލަސްވުމެއް އޮތަސް އެޑްރެސް ސާފުކޮށްފައިވާތީ މައްސަލަ ބަލައިގަންނަން

ފާހަގަކޮށްލެވޭ - ޖިހާދަކީ ޑިވެލޮޕްމަންޓް ބޭންކާއި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނެވެ.

ދައުވާކުރި މައްސަލަ - ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ކުށުގެ ދައުވާ އެވެ. އެގޮތުން:

  • އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު

  • ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް، ކެބިނެޓުން އޭރު ނިންމީ ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން

  • ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖިހާދު ސޮއިކުރެއްވީ ސަރުކާރުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް

  • ސަރުކާރާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ސޮއިކުރީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު

ފަސް މަންޒަރު - ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ 25 ޖުލައިގަ އެވެ. ހައި ކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފްކުރީ 29 އޮގަސްޓްގަ އެވެ. މިދިޔަ މަހުގެ 11ގައި މައްސަލަ ބަލައި ވެސް ގަތެވެ. އެގޮތުން:  

  • މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމުގައި

  • އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް