އެމްއެމްއޭ އިން ޑިވެލޮޕްމަންޓް ބޭންކަށް ހުއްދަ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/އެމްއެމްއޭ)
ޖިހާދު ރާއްޖޭގައި؛ ވިދާޅުވީ މައްސަލަ ފޮނުވާލި ފަހުން ކޯޓުން ލިޔުމެއް ނުލިބޭ ކަމަށް
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މައްސަލާގައި ޝަރީއަތަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދު ނުކުރެވިގެން އުޅޭކަން ހައި ކޯޓުން ފާހަގަކޮށްފައި ވަނިކޮށް، މަރުކަޒީ ބޭންކު، އެމްއެމްއޭގެ ރަސްމިއްޔާތެއްގައި އޭނާ މިއަދު ހުންނަވަނިކޮށް ފެނިއްޖެ އެވެ.
މައްސަލައިގެ ފެށުން - ހައި ކޯޓަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ނިންމުމުގެ އިސްތިއުނާފެވެ. ޖިހާދަށް ޗިޓު ރައްދު ނުކުރެވިގެން ކޯޓުން ވަގުތީ ގޮތުން މައްސަލަ އަނބުރާ ފޮނުވާލި އެވެ.
ވީ ކިހިނެއް؟ - ޖިހާދު ބައިވެރިވެވަޑައިގެންނެވީ ޑިވެލޮޕްމެންޓް ބޭންކު އުފައްދަން އެމްއެމްއޭން ސަރުކާރަށް ހުއްދަ ދޭން ނިންމައި އިކޮނޮކިމް މިނިސްޓްރީއަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
ޖިހާދަކީ ޑިވެލޮޕްމަންޓް ބޭންކާއި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނެވެ.
ބުނީ ކީކޭ؟ - ހައި ކޯޓުގައި އޮތް މައްސަލައާ ގުޅޭ ގޮތުން 'ދައުރު'ން މިރޭ ސުވާލުކުރުމުން ޖިހާދު ވިދާޅުވީ އޭނާ މި ފަހުން ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ކޯޓުން ވާހަކަ ދައްކާފަައިވާ ކަމަށެވެ. ރާއްޖެ ވަޑައިގެންނެވި އިރު ކޯޓުން މައްސަލަ ފޮނުވާލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު އެ ލިޔެކިޔުންތަކާ އައިސް ހަވާލުވާނެކަން އަންގާފައިވާނެ، އެކަމަކު މިހާރު ކޯޓުގައި މައްސަލައެއް ނެތް. މިދިޔަ ސަރުކާރުުން އަޅުގަނޑުގެ މައްޗަށް އުފުލީ އަސާސެއް ނެތް ދައުވާއެއް،" އޭނާ ވިދާޅުވި އެވެ.
"ރާއްޖެ އައި ފަހުން އަދި ކޯޓަކުން ވެސް، ޕީޖީ އޮފީހަކުން ވެސް އެއްވެސް ލިޔުމަކާ ހަވާލުވުމަކަށް އަންގާފައެއް ނެތް."
އެނގުން މުހިންމު - ހައި ކޯޓުން ޕީޖީ އޮފީހަށް މައްސަލަ އަނބުރާ ފޮނުވާލީ ޖިހާދުގެ އެޑްރެސް ސާފުކުރުމަށް ފަހު އަނބުރާ ހުށަހެޅޭ ގޮތަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އޭރު ޖިހާދު ރާއްޖޭގައި ނެތް ކަމަށް ފުލުހުން މައުލޫމާތު ދިނުމުން ހަތް ދުވަހަށް މުއްދަތު އިތުރުކުރަން ޕީޖީން ހައި ކޯޓުގައި އެދުނެވެ. މިހާރު އެ މުއްދަތު ވެސް ހަމަވެއްޖެ އެވެ.
ދައުވާކުރި މައްސަލަ - ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގަ އެވެ.
ފަސް މަންޒަރު - ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ 25 ޖުލައިގަ އެވެ. ހައި ކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފް ކުރީ މިދިޔަ މަހުގެ 29ގަ އެވެ. މި މަހުގެ 11ގައި މައްސަލަ ބަލައި ވެސް ގަތެވެ. އެގޮތުން:
-
ޖިހާދުގެ މައްޗަށް ކުރީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ
-
މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމުގައި
-
އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ ކަމަށް
އިތުރަށް ކިޔާލަން
ގުޅުން ހުރި - ޖިހާދުގެ މައްޗަށް އުފުލި ދައުވާއަކީ ކުރީގެ ޕީޖީ ހުސައިން ޝަމީމްގެ ދައުރު އޭނާގެ މައްޗަށް އުފުލި ދައުވާއެކެވެ.
އޭރު ޕީޖީން އުފުލި ދައުވާތައް ހިމެނޭ ގޮތަށް އެ އޮފީހުން ކުރިން ނިންމި ނިންމުންތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. އެއީ އާ ޕީޖީ އައްބާސް ޝަރީފްގެ އިސް ނެންގެވުމުގެ މަތިން ދެއްވި ފުރުސަތެކެވެ. އެ ޝަކުވާތައް ބަލައި ގޮތެއް ނިންމަން ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށް ވެސް އައްބާސް ވިދާޅުވެފައިވެ އެވެ.