ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު. (ދައުރު ފޮޓޯ)
ޖިހާދަށް ޗިޓް ރައްދުނުކުރެވިގެން ހިޔާނާތުގެ މައްސަލަ ހައި ކޯޓުން ޕީޖީއަށް ފޮނުވާލައިފި
ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އިސްތިއުނާފްކޮށްފައިވާ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް، ހައި ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ.
ވީ ކިހިނެއް؟ - މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ މިދިޔަ 25 ޖުލައި ގައެވެ. ހައި ކޯޓުގައި ދައުލަތުން އެ ނިންމުން އިސްތިއުނާފް ކުރީ މިދިޔަ މަހުގެ 29ގަ އެވެ. މި މަހުގެ 11 ވަނަ ދުވަހު އެ މައްސަލަ ހައިކޯޓުން ވަނީ ބަލައިވެސްގެންފަ އެވެ.
ނަމަވެސް، މިިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން އިޖުރާއީގޮތުން ނިންމި ނިންމުމުގައި އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލަން ވަނީ ނިންމާފަ އެވެ. މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެގޮތަށް ނިންމާފައިވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ޖިހާދަށް ރައްދުކުރަން ކުރި މަސައްކަތުން އެ އަމުރު ރައްދުކުރެވިފައި ނުވާތީ އެވެ.
އެ ގޮތުން ކޯޓުގެ ނިންމުމުގައި ބުނީ:
-
ޖިހާދަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވަންވީ އެޑްރެހުގެ ގޮތުގައި އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހުން ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިފައިނުވޭ
-
ޖިހާދު މިހާރު ދިރިއުޅޭ އެޑްރެސް ސާފުކުރަން އެދުމުން ޖިހާދު މިހާރު އުޅޭ އެޑްރަހަކީ މ. ވެސްޓް ވިއު، ތިންވަނަ ފަންގިފިލާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދީފައިވޭ؛ ނަމަވެސް އެ އެޑްރެހަށް ވެސް އަމުރު ރައްދުކުރެވިފައެއް ނުވޭ
-
ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރުމަށް ކޯޓުން އެ އެޑްރެހަށް ދިއުމުން އެ ގޭގައި ޖިހާދު ނޫޅޭ ކަމަށް މައުލޫމާތު ދީފައިވޭ
"ވީމާ އިސްތިއުނާފް ރައްދުވާ ޖިހާދު މި ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ހޯދުމަށްފަހު ނުވަތަ ޖިހާދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު މިއަދުން ފެށިގެން 15 ދުވަސްތެރޭ މި މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ޕީޖީ އޮފީހަށް އޮތްކަން އަންގައި މި ދައުވާ ފޯމު ޕީޖީ އޮފީހަށް އަނބުރާ ފޮނުވައިލުމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އެވެ." ހައި ކޯޓުގެ ނިންމުމުގައި ވެއެވެ.
މައްސަލައިގެ ހުލާސާ - ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގަ އެވެ.
މި މައްސަލާގައި:
-
ޖިހާދުގެ މައްޗަށް ކުރީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ
-
މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމުގައި
-
އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ ކަމަށް
ކޮމެންޓް (1)
އަސްތާ