ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު.

ކްރިމިނަލް ކޯޓު

ޖިހާދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި

ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި، އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ސޮއިކުރެއްވި އެއްބަސްވުމަކާ ގުޅޭ ގޮތުން

ކ. ފުށިދިއްގަރު ފަޅު މައްސަލާގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ ބެލެން ނެތް ކަމަށް ނިންމައި މިއަދު ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ. 

މައްސަލައިގެ ފެށުން - ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، %50ގެ ބަދަލުގައި ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގަ އެވެ. 

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު މިއަދު ނިންމި ނިންމުމުގަ އެވެ. އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ ކަމަށެވެ.

ގާޒީ ހުސެއިން ފާއިޒް ރަޝާދު ބެއްލެވި އެ މައްސަލާގައި މިއަދު ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ:

  • މިދިޔަ ސަރުކާރުން ހެދި އެސެޓް ރިކަވަރީ ކޮމިޝަނުން މި މައްސަލަ ބަލައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއިރު އެ މައްސަލާގައި ހެއްކެއްގެ ގޮތުގައި ހިމަނާފައިވަނީ މި މައްސަލާގައި ވެސް ޝައްކު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު

  • އޭނާގެ ބަޔާނުގެ ސައްހަކަން ކަށަވަރުކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެއްވެސް ކަމެއް ކޮށްފައިވާކަން ލިޔެކިއުންތަކުން އެނގެން ނެތް؛ މިކަމާ ގުޅިގެން ދައުލަތުން ވެސް ވަކި ކަމެއް ފާހަގަކޮށްފައެއް ނުވޭ

  • މި މައްސަލާގައި ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެންމެ އިންސާފުވެރި ތަހުގީގެއްގެ ތެރެއިން ކަމަށް ނުވާތީ ތަހުގީގުގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންތައްތަކެއް އުނިވެފައިވާ ކަމަށް ޝަރީއަތަށް ބުރަވެވޭ

  • އުނި ކަންތައްތަކެއް ފާހަގަކުރެވޭ ތަހުގީގަކާ ގުޅިގެން އެ ތަހުގީގުގެ މައްޗަށް މީހެއްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާއަށް ވެސް އަސަރުކުރާނެ

މިގޮތަށް ނިންމުމުގައި ގާޒީ ބައްލަވާފައިވަނީ ޖިހާދުގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގައިވާ އެ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް، ބަންޑާރަނައިބުގެ ސިޓީއަކާ ގުޅިގެން އަލުން އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބަލަން ނިންމި ސަބަބު ޖިހާދަށް އަންގާފައި ނުވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަށެވެ.

ކޯޓުގެ ނިންމުމުގައި ބުނީ ޖިނާއީ މައްސަލައެއް ކޮންމެ މުއައްސަސާއަކުން ތަހުގީގުކުރި ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އަންގާ ގާނޫނީ އިންޒާރު ދޭން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ، އަލުން ތަހުގީގުކޮށްފައިވާ މައްސަލަ ބަލާފައި ވަނީ އިންސާފުވެރިކަމާ އެކު އަދި ލިބިދޭން ޖެހޭ ހައްގުތަކަށް ރައްކާތެރި ކުރެވިގެން ކަމާ މެދު ސުވާލު އުފެދި، މައްސަލަ އަސަރުކުރާނެ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް