ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު
ކްރިމިނަލް ކޯޓުން ބޭރުކޮށްލި ޖިހާދުގެ ހިޔާނާތުގެ ދައުވާގެ އިސްތިއުނާފް ހައި ކޯޓުން ބަލައިގެންފި
ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ހުށަހެޅި އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - ޖިހާދުގެ މައްޗަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުގެ %50 ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނިކޮށް، ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވި މައްސަލާގަ އެވެ.
މި މައްސަލާގައި:
-
ޖިހާދުގެ މައްޗަށް ކުރީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ
-
މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމުގައި
-
އެ މައްސަލަ ބެލެން ނެތް ސަބަބެއް ކަމަށް ކޯޓުގެ ނިންމުމުގައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ ކަމަށް
ތަފްސީލް - ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދަށު ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ މަހުގެ 11ގަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، އެ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
ޕީޖީން ހައި ކޯޓުގައި އެދިފައިވަނީ އެއީ މައުލޫއީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއް ކަމަށް ނިންމައިދިނުމަށެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އެންގުމަށް އެދިފައިވެ އެވެ.
އެ އިސްތިއުނާފް ބިނާކޮށްފައިވާ މައިގަނޑު ކަންކަމަކީ:
-
ކްރިމިނަލް ކޯޓުގެ ނިންމުން ނިންމުގައި ގާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުން
-
ނިންމުމަށް ވާސިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުން
އެނގުން މުހިންމު - ޖިހާދުގެ މައްސަލަ ދަށު ކޯޓުން ބޭރުކޮށްލުމުގައި ގާޒީ ބައްލަވާފައި ވަނީ ޖިހާދުގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގައިވާ އެ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް، ބަންޑާރަނައިބުގެ ސިޓީއަކާ ގުޅިގެން އަލުން އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބަލަން ނިންމި ސަބަބު ޖިހާދަށް އަންގާފައި ނުވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަށެވެ.
ދަށު ކޯޓުގެ ނިންމުމުގައި ބުނީ ޖިނާއީ މައްސަލައެއް ކޮންމެ މުއައްސަސާއަކުން ތަހުގީގުކުރި ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އަންގާ ގާނޫނީ އިންޒާރު ދޭން ޖެހޭނެ ކަމަށެވެ.