ބިންވެރިޔާ-ގެދޮރުވެރިޔާ ސްކީމްގެ ތަހުގީގާ ގުޅޭ ގޮތުން އޭސީސީ އާއި ފުލުހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ ޕޮލިސް)
ބިންވެރިޔާ-ގެދޮރުވެރިޔާ ތަހުގީގު: އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ހިއްސާކުރަން އެދިއްޖެ
ކުރީ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމް އަދި މާލެ ސަރަހަރައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓް ދިނުމަށް ހިންގި 'ގެދޮރުވެރިޔާ' ސްކީމާ ގުޅިގެން ފުލުހުން މިހާރު ކުރަމުންދާ ތަހުގީގަށް ބޭނުން ކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލުމާތެއް ނުވަތަ ހެއްކެއް އޮތް ނަމަ، ހިއްސާކޮށްދިނުމަށް އެ މުއައްސަސާއިން ރޭ އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ބިންވެރިޔާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހުޅުމާލެއިން ގޯއްޗެއް ދިން ކަމަށް ލިޔެކިޔުންތަކެއް މިދިޔަ ބުދަ ދުވަހު ލީކްވެ، އެ މައްސަލަ ބަލަން ފުލުހުން ވަނީ ފަށާފަ އެވެ. އެއާ އެކު، މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އަައްބާސް ޝަރީފް ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ޖުމްލަ ތަހުގީގެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.
ބުނީ ކީކޭ؟ - ފުލުހުން ރޭ ބުނީ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތް ނަމަ، އެ އިދާރާގެ ޕޯޓަލްއަށް (https://evidence.police.gov.mv) ގޮސް، ހިއްސާކޮށްދޭން އެދޭ ކަމަށެވެ.
"މައުލޫމާތާއި ހެކި ހިއްސާކުރައްވާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅުއްވިދާނެ އެވެ. ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާ އެކު ވެސް ހިއްސާކުރެއްވިދާނެ އެވެ،" ފުލުހުން ބުންޏެވެ.
ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ މީހުންގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ދެ އެވެ.
މައްސަލައާ ގުޅޭ ބައެއް ލިޔުންތައް:
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލަގެ ތަހުގީގަށް ބައެއް މީހުން ސަސްޕެންޑްކޮށް އަދި ބައެއް މީހުންގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފަ އެވެ. މި މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި މީހުންގެ ތެރޭގައި ހިމެނޭ އެމްޑަބްލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ފަޒުލް ރަޝީދު ވަނީ ރޭ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ކޮމެންޓް