އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު.
ގޯތީގެ 'ވަގު' ލިޔުން ހުށަހެޅި ފަޒުލްގެ ބޭބެ ވެސް ސަސްޕެންޑްކޮށްފި
'ބިންވެރިޔާ' ސްކީމުން ގޯތި ލިބި އޭގެ އެގްރިމަންޓް ކަމަށް ފޯޖުކޮށްފައިވާ ކަމަށް ބެލެވޭ އެއްބަސްވުމެއް ހުށަހެޅި މައްސަލައިގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މިއަދު ސަސްޕެންޑްކޮށްފި އެވެ.
ވީ ކިހިނެެއް؟ - އެ މައްސަލަ ފެންމަތިވީ އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްގެ ބޭބެ ފަޒީލްއަށް ބިމެއް ދިންކަމުގެ މައްސަލަ ފުރަތަމަ ތިލަވީ 'ހަސަން ކުރުސީ'ގެ ނަމުގައި 'އެކްސް'ގައި ހިންގާ އެކައުންޓަކުން އެއާ ބެހޭ ލިއުންތަކެއް އިއްޔެ އާންމުކުރުމާ އެކުގަ އެވެ.
ބުނީ ކީކޭ؟ - "... ފުލުހުންގެ ތަހުގީގަށް ޖާގަދީ، ފުރިހަމައަށް އެހީތެރިވުމުގެ ގޮތުން މިކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މިހާރު ވަނީ މިއަދުން ފެށިގެން ހުރިހާ ޒިންމާތަކަކުން ވަކިކޮށް، އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކުރެވިފަ އެވެ،" އެމްޑަބްލިއުއެސްސީން ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައިވެ އެވެ.
އެނގުން މުހިންމު - ސޯޝަލް މީޑިއާގައި އިއްޔެ ލީކުކޮށްލި ލިއުންތަކުން އެނގޭ ގޮތުގައި، ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗްޑީސީއަށް ހުށައަޅާފައިވެ އެވެ.
ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރަން އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި ކަމަށްވެ އެވެ.
ލީކުވެފައިވާ ސިޓީތަކަށް ބަލާއިރު އެނގޭ ކަންކަން:
-
ބިންވެރިޔާ ސްކީމުން ހުޅުމާލެއިން އެއް ލޮޓް ނަންބަރަކުން ބިން ލިބިފައިވާ ކަމަށް ބުނާ ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެ ކުންފުންޏަށް ހުށަހެޅި
-
އޭގެ ތެރެއިން އެ ބިން ލިބިފައިވަނީ ކޮން ފަރާތަކަށްކަން އެ ކުންފުންޏަށް އަންގަައިދޭން އެދުނު
-
އެ ލޮޓް ނަންބަރުން ބިން ލިބުނު ކަމަށް ބުނާ އެކަކީ، ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލްއަށްކަން ވެސް ސިޓީން އެނގޭ
-
އެ ސިޓީގެ ޖަވާބުގައި 15 އޮގަސްޓްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށް
-
މުހައްމަދު ފަޒީލްއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބި އޭގެ އެގްރިމެންޓް ކަމަށް ''ފޯޖް' ކޮށްފައިވާ އެގްރިމަންޓެއް ވެސް ލީކްކުރި
-
ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވަނީ އެއީ ފަޒުލްގެ ނުފޫޒުން ހިންގާފައިވާ ކޮރަޕްޝަނެއް ކަމަށް
އެއާ އެކު، ފުލުހުން ރޭ ވަނީ އެޗްޑީސީގެ މައި އިމާރާތަށް ވަދެފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި ފަޒުލް ވިދާޅުވީ އެ މައްސަލަ ފުރަތަމަ ފާހަގަވީ އެޗްޑީސީއަށް ކަމަށާއި އެކަން ބަލަން ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވީ ވެސް އެ ކުންފުނިން އިސްނައިގެން ކަމަށެވެ. އެ ހުރިހާ މަރުހަލާތަކެއް ހިނގަމުން ދިޔަކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ އެއްބަސްވެވަޑައިގަތެވެ.
"އަޅުގަނޑުމެން ކަންނޭނގެ މިކަން އިންފޯމްކުރީ ވެސް ހައުސިންއަށް. އަޅުގަނޑުގެ ލޭ ހިނގާ ބޭބެއެއް ހުރި ކަމުގައި ވިޔަސް، މި ދެންނެވި ފަރާތަކީ ހައްގުވާ މީހެއްތޯ ނޫންތޯ ކަނޑައަޅާނީ ހައުސިންއިން. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް ނޫން،" ފަޒުލް ވިދާޅުވި އެވެ.
"ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ އިޝޫކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން. އިޝޫކޮށްފައި އޮތީކީ ވެސް އަޅުގަނޑުމެންނެއް ނޫން. ކުރީ ސަރުކާރުގައި އިޝޫކޮށްފައި ހުރި ބިންވެރިޔާ ޕްލޮޓްތަކެއް ރަޖިސްޓްރީ އެބަހުރި. އެގްރިމަންޓްތައް ހަދަނީ އެޗްޑީސީގެ ފަރާތަކުން ނޫން. ބިން ހަވާލުކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން. އަޅުގަނޑުމެން ޝާމިލުވާ ހިސާބަކީ އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިވެގެން އެޕްލިކޭޝަނެއް އަންނަ ހިސާބު."
މިކަމުގެ މަރުހަލާތައް މިހެން ރާވާފައި އޮތްއިރު، ގޯސްތަކެއް ފާހަގަވީ، އޭނާ ވިދާޅުވި ގޮތުގައި، އެއް ޕްލޮޓަކަށް ދެ ފަރާތަކުން އިންފާރު ރޭނުމުގެ ހުއްދައަށް އެދުމުންނެވެ.
"އެ ހިސާބުން އަޅުގަނޑުމެންނަށް އެކަން ހައިލައިޓު ވެގެން މި ފޮނުވަނީ ހައުސިން މިނިސްޓްރީއަށް، ވެރިފިކޭޝަން ޕްރޮސެސްއަށް. މިގޮތަށް ފޮނުވި ދެ ޕްލޮޓެއްގެ މައުލޫމާތު މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން ގެންދިޔައީ،" ފަޒުލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ހައުސިން މިނިސްޓްރީން ނާންގާ ފަރާތަކަށް މިތަނުން ބިން ހަވާލުކޮށްފައެއް ނުވާނެ."
އެނގުން މުހިންމު - އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި އެހެން ހުރިހާ ބޯޑު މެމްބަރުން ވެސް މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރޭގައި ފަޒުލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ކޮމެންޓް