ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)
އެޗްޑީސީގެ ގޯތި މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި
މިދިޔަ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދޭން ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތި ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ރޭ ސިޓީއެއް ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލަ ފެންމަތިވީ އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ބިމެއް ދިންކަމުގެ މައްސަލަ ފުރަތަމަ ތިލަވީ 'ހަސަން ކުރުސީ' ނަމުގައި އެކްސްގައި ހިންގާ ވަގު އެކައުންޓަކުން އެއާ ބެހޭ ލިއުންތަކެއް އިއްޔެ އާންމުކުރުމާ އެކުގަ އެވެ.
ލީކުކޮށްލި ލިއުންތަކުން އެނގޭ ގޮތުގައި، ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗްޑީސީއަށް ހުށައަޅާފައިވެ އެވެ.
ތަފްސީލް - އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވީ ދައުލަތަށް މަންފާއެއް ނުވާ ގޮތަށް ދައުލަތުގެ އަގުހުރި ބިންތަކެއް ވިއްކާލާފައިވާ މައްސަލައަކަށްވާތީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބަލަން ޖެހޭ މައްސަލައެއްް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި:
-
މިހާތަނަށް ހާމަވެފައިވާ ގޮތުގައި އުސޫލުން ބޭރުން 50އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވޭ
-
ގޯތިތަކުގެ ބިމުގެ ޖުމްލަ އަގު 400 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ
-
އެ 'ޖަރީމާ' ހިންގާކަން ހައުސިން މިނިސްޓްރީއަށް އެނގުނުތާ ފަސް މަސްވެފައިވޭ؛ ނަމަވެސް މިނިސްޓްރީން އަދި ސަރުކާރުން ވެސް އެއްވެސް ފިޔަވަޅެއް އަަޅާފައެއް ނުވޭ
"ވީމާ މިކަން ހިނގާފައިވާ ގޮތް ބެލުމަށާއި މިކަމުގައި ޝާމިލުވާ އެންމެން ދެނެގަތުމާ އެކު، މިފަދަ ކަންކަން އިތުރަށް ހިނގިޔަނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެންގުމަށްޓަކައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މި މައްސަލަ ބައްލަވައިދެއްވުން އެދި ހުށަހަޅަމެވެ،" މުހައްމަދު އިބްރާހިމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެނގުން މުހިންމު - އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި އެހެން ހުރިހާ ބޯޑު މެމްބަރުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރޭގައި ފަޒުލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ކޮމެންޓް