ނައީމާ މަރާލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ހަސަން ފަވާޒް ޝަރީއަތުގެ މަޖިލީހުގައި

ނައީމާ މަރާލަން އިސްކޮށް އުޅުނީ ފަވާޒުކަން ސާބިތުކުރަން ކޯލް ރެކޯޑިންތަކާއި ގިނަ ހެކިތަކެއް

ސެލް ލޮކޭޝަންތަކާއި ކޯލް ރެކޯޑިންތަކުގެ އިތުރުން ނައީމާ ދެކެ ފަވާޒު ރުޅި އަންނަ ކަން ސާބިތުކުރަން ހެކިތަކެއް ހުށަހެޅި
5 ޑިސެމްބަރު 2024

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލުމަށް ރާވައި އެކަމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާކޮށްފައިވާ ހަސަން ފަވާޒާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް މިއަދު ކޯޓަށް ހުށަހަޅައި ހެކި ހާމަކޮށްފި އެވެ. 

ފާހަގަކޮށްލެވޭ - ފަވާޒަކީ ނައީމާ މަރާލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ މީހާ އެވެ. ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުޒަމް އަބްދުއްޝަކޫރާއި އަބްދުއްވާހިދު ރިފާސްއަށް އެ މަސައްކަތުގެ އަގު ދިނީ ފަވާޒު ކަމަށް ވެސް ދައުލަތުން ތުހުމަތު ކުރެ އެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ނައީމާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަށް އޭނާގެ ކާރު ބޭނުން ކުރި ކަމުގެ ތުހުމަތުގައި މާލެ އިންނެވެ.

އެގޮތުން:

  • ފަވާޒް އަކީ އެ ކާރުގެ ވެރިފަރާތުގެ އިތުރުން އެ ރޭ އެ ކާރު ދުއްވަން އިން މީހާ

  • އޭނާ މާލެ އައީ ނައީމާ މަރުވެފައި އޮއްވާ ފެނުނު ފަހުން

ވީކިހިނެއް؟ - ފަވާޒަށް ކުރާ ދައުވާތައް ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް މިއަދު ކްރިމިނަލް ކޯޓުން ބޭއްވި އޮންލައިން އަޑުއެހުމުގައި ދައުލަތުން ވަނީ ފަވާޒު އިސްކޮށް ހަރަކާތްތެރިވި ކަން ސާބިތު ކުރުމަށް ގިނަ ހެކި ހުށަހަޅާފައިވާ ކަން ޝަރީއަތަށް އިއްވައިފަ އެވެ.

ތަފްސީލް - ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނެނީ:

  • ރިފާސް، އަހުޒަމް، ފަވާޒުގެ ސެލް ލޮކޭޝަންތަކާއި ކޯލް ރެކޯޑިންތައް

  • ފަވާޒު އަހުޒަމާއި ރިފާސްއަށް ފޯނުން ދެމުން ދިޔަ އިރުޝާދުތައް ސާބިތުކުރަން ބައެއް ޝަފައީ ހެކިން

  • އަހުޒަމް، ރިފާސް ތަހުގީގަށް ދިން އިއުތިރާފު ބަޔާން؛ ދައުލަތުން ބުނަނީ އެއީ ފުށުއެރުމެއް ބަޔާންތަކެއް ކަމަށް

  • ނައީމާ ސިހުރު ހަދާ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމާއި އެކަމާ ފަވާޒު ރުޅި އަންނަ ކަން ސާބިތުކުރަން ރަށު ބައެއް މީހުންގެ ހެކިބަސް

  • ނައީމާގެ ގެ ކައިރިއަށް އަހުޒަމާއި ރިފާސް ގޮވައިގެން ފަވާޒު ދިޔަ ކަމާއި އެ ތަނަށް ދިޔަ ކާރަކީ ފަވާޒުގެ ކާރެއް ކަން ސާބިތުކުރަން ސީސީޓީވީ ފުޓޭޖުތައް

  • ފޮރެންސިކް ތަހުލީލުގެ ބައެއް ރިޕޯޓްތަކާއި ކުށްކުރަން ބޭނުންކުރި ބައެއް އާލާތްތައް ހޯދަން ފަވާޒު ހަރަދުކުރިކަން ސާބިތުކުރަން ބައެއް ހެކި

ފަވާޒުގެ ފަރާތުން ދިފާއުގައި މައިގަނޑު ގޮތެއްގައި ހުށަހެޅީ ތަހުގީގުގައި ބައިވެރިވި ބައެއް ފުލުހުންނާއި ބައެއް ވީޑިއޯތަކެކެވެ. ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ފުލުހުންނަކީ ދައުލަތުން ވެސް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންނެވެ.

މި މައްސަލާގައި ފަވާޒުގެ މައްޗަށް ވެސް ތިން ދައުވާއެއް ކުރެ އެވެ. އެ ދައުވާތަކަކީ:

  • 1-

    ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

  • 2-

    އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ

  • 3-

    މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ

މައްސަލައިގެ ހުލާސާ

މަނަދޫގައި އޭނާގެ އަމިއްލަ ގޭގައި ވަކިން ދިރިއުޅެމުންދިޔަ އޭރު އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ 7 އެޕްރީލް 2023ގަ އެވެ. އެ މައުލޫމާތާ ގުޅިގެން އަންނާރުމާގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފަ އެވެ.

  • އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ؛ ތޫނު އެއްޗެއް ކަރުގައި އަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ހުރި

  • މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް އެރޭ ދަންވަރު މަނަދުއަށް ދިޔަ

  • ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން، ޖެހިގެން އައި ދުވަހު ނައީމާ ވަނީ އެ ރަށުގައި ވަޅުލާފައި

  • ނައީމާ ދިރިއުޅުނު ގޭގެ އިތުރުން، އެ ރަށުގެ ހަތަރު ގެއެއް ބަލާފައިވޭ؛ އޭގެ ތެރޭގައި، ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނޭ

މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބި، ފުރަތަމަ މީހަކު ހައްޔަރުކުރީ އޭގެ އެއް މަސް ފަހުން، 26 މޭ 2023ގަ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން އަހްޒަމް ހައްޔަރުކޮށްފައިވަނިކޮށް ނައީމާ މަރާލި ކަމަށް ކުށަށް އެއްބަސްވެ ހާދިސާ ހިނގި ގޮތް ކިޔައިދިނެވެ. އޭގެ ފަހުގައި:

  • މަސްތުވާތަކެއްޗާ އެކު މަނަދޫން ރިފާސް ހައްޔަރުކޮށް ރިފާސް ވެސް ހާދިސާ ހިނގި ގޮތް ތަހުގީގަށް ކިޔައިދިން

  • މާލޭން ހަސަން ފަވާޒު ހައްޔަރުކުރީ އަހުޒަމާއި ރިފާސް ތަހުގީގަށް ދިން މައުލޫމާތުގެ އަލީގައި

  •  ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ފުލުހުން ހޯދި

  • އަންނައުނުތައް ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓާ

  • ޝަރީއަތް ފެށި ފަހުން އަހުޒަމާއި ރިފާސް ވަނީ ދައުވާތަކަށް އިންކާރުކޮށް، ކުރިން ދިން ބަޔާން އަނބުރާ ގެންގޮސްފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް