ނައީމާގެ ގެޔަށް ދަންވަރުގެ ވަގުތުގައި ވަދެ އޭނާ މަރާލި ކަމަށް ތުހުމަތުކުރާ އަހްޒަމް އަބްދުއްޝަކޫރު، ފެހިވިލާގެ/ނ.މަނަދޫ

ނައީމާ މަރާލަން ގެއަށް ވަތް ކަމަށް ބުނާ އަހްޒަމް ވެސް ދައުވާއަށް އިންކާރުކޮށްފި

މިއަދުގެ އަޑުއެހުމުގައި އަހްޒަމް ބުނީ ދައުލަތުން ތުހުމަތުކުރާ އެއްވެސް އަމަލެއް ހިންގުމުގައި ބައިވެރިވެފައި ނުވާނެ ކަމަށް

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލަން އެ ގެއަށް ވަދެ، ނައީމާ މަރާލި ކަމަށް ތުހުމަތުކޮށް ދައުލަތުން ކުރާ ދައުވާތަކަށް އަހްޒަމް އަބްދުއްޝަކޫރު ވެސް މިއަދު އިންކާރު ކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ހައްޔަރުކޮށް ދައުވާކޮށްފައިވަނީ:

  • އަބްދުލް ވާހިދު ރިފާސް، 21؛ ނައީމާގެ ގެއަށް ދަންވަރުގެ ވަގުތުގައި ވަދެ އޭނާ މަރާލި ކަމަށް ތުހުމަތުކުރޭ

  • އަހްޒަމް އަބްދުއްޝަކޫރު، 23؛ ނައީމާގެ ގެއަށް ދަންވަރުގެ ވަގުތުގައި ވަދެ އޭނާ މަރާލި ކަމަށް ތުހުމަތުކުރޭ

  • ހަސަން ފަވާޒް، 21؛ ނައީމާ މަރާލަން ރާވާ އެ ކަމަށް ބޭނުންވާ ތަކެތި ހޯދައިދީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވި އެންމެ އިސްމީހާ ކަމަށް ތުހުމަތުކުރޭ

ވަކިވަކިން ކުރިއަށް ގެންދާ މި މައްސަލައިގެ ޝަރީއަތުގައި މިއަދު އޮތީ ދައުވާތައް އިއްވުމާއި ދައުވާތަކަށް ޖަވާބުދާރީވުމުގެ ބައެވެ. މިއަދު ރިފާސް ވަނީ ދައުވާއަށް ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދިފަ އެވެ. އަދި ފަވާޒް ވަނީ އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ތަފްސީލް - އަހްޒަމްގެ މައްޗަށް ދައުވާތައް އިއްވުމަށް ދެންމެ ބޭއްވި އަޑުއެހުމުގައި އޭނާ ވެސް ވަނީ ދައުވާތަކަށް އިންކާރު ކޮށްފަ އެވެ. އަހްޒަމްގެ ވަކީލު މުހައްމަދު ޝަހްނީމް ވިދާޅުވީ ދައުލަތުން ތުހުމަތުކުރާ އެއްވެސް އަމަލެއް ހިންގުމުގައި އަހްޒަމް ބައިވެރިވެފައި ނުވާ ކަމަށެވެ. 

އަހްޒަމްގެ މައްޗަށް ކުރާ ތިން ދައުވާއަކީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ؛ މި ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ މަރުގެ އަދަބު 

  • އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ؛ މި ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު އަދަބެއް

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ؛ މި ކުށް ސާބިތުވެއްޖެ ނަަމަ އަންނާނެ އަދަބުގެ އަސާސީ މިންގަނޑަކީ ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެއް

ދައުލަތުގެ ދައުވާގައިވާ ގޮތުން، 6 އެޕްރީލް 2023ގެ ދަންވަރުގެ ވަގުތެއްގައި ނައީމާ ދިރިއުޅޭ އަންނާރުމާގެއަށް ވަދެ އޭނާ މަރާލާފައިވަނީ ރިފާސް އާއި އަހްޒަމް އެވެ. ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ އެކަން ކުރާނެ ގޮތް ރާވައި އެފަދަ މީހުން "ގަތުލު ކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން" ކަމަށް ރިފާސް އާއި އަހްޒަމަށް ވިސްނައިދިނީ، ދައުލަތުން ބުނި ގޮތުގައި، ފަވާޒް އެވެ. އަދި އެކަމުގެ އުޖޫރައެއްގެ ގޮތުން އަހްޒަމާއި ރިފާސްއަށް މަސްތުވާތެކެތި ފަވާޒް ދީފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އެގޮތުން:

  • ނައީމާ މަރާލަން ބޭނުންވާނެ ތަކެތި ހޯދައިދީ، ނައީމާ މަރާލަންވީ ގޮތާއި އޭނާގެ ހަށިގަނޑާއި މަރާލަން ބޭނުންކުރި ތަކެތި ފޮރުވައި ހެކި ނައްތާލަންވީ ގޮތުގެ އިރުޝާދު ދެމުންދިޔައީ އެ ރޭ ބޭރުގައި ފާރައަށް ހުރި ފަވާޒް

  • ނައީމާ މަރާލާފައިވަނީ ކަރަށާއި ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ފުން ޒަހަމުތަކެއް ދީގެން އެ ރޭ 1 އާއި 3:30އާ ދެމެދުގެ ވަގުތެއްގައި

  • ނައީމާ މަރާލުމަށް ފަހު އެތެރެއިން ތަންޑުއަޅުވައި ކޮޓަރީގެ ތަޅުންމަތީގައި ލެޔާ އެކު ހަށިގަނޑު ކުނިވާން ބާއްވާފައި އޮތުމުގެ ސަބަބުން ނައީމާގެ ހަށިގަނޑު ހޯދުމަށް 40 ގަޑިއިރު ހޭދަވި 

  • ނައީމާ މަރާލުމަށް ފަހު އެކަމަށް ބޭނުންކުރި ވަޅިއާ، އިސްޓާކީނު، އަންނައުނު އަދި އަންގި ފަދަ ތަކެތި މަނަދޫގެ ދުރު ހިސާބެއްގައި ވަޅުގަނޑެއް ކޮނެ އަންދާލަން މަސައްކަތްކޮށްފައިވޭ

އެނގުން މުހިންމު - ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާތަކަށް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވުމާއި ހެކި ހުށަހެޅުމެވެ.

އެކަމަށްޓަކައި ވީހާ ވެސް އަވަހަށް ޝަރީއަތުގެ މަޖިލީހެއް ބޭއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް މި މައްސަލަ މި ބައްލަވާ ގާޒީ އަލީ އާދަމް މިއަދު ވިދާޅުވި އެވެ. ނަމަވެސް، މައްސަލާގައި އަޑުއެހުމެއް ބާއްވާނެ ސީދާ ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް