15 އޮގަސްޓް 2024: ނައީމާގެ މަރުގެ ދައުވާ ލިބޭ އަބްދުލްވާހިދު ރިފާސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި

ނައީމާގެ މަރު: ރިފާސް ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދިއްޖެ

ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ވަކީލާ އިތުރަށް މަޝްވަރާކުރަން ބޭނުންވަނީ އެ މައްސަލާގައި އޭނާއަށް ލިބިފައިވާ ލިޔެކިއުންތައް ވިއްސާރައިގެ ސަބަބުން ހަލާކުވެފައިވާތީ ކަމަށް ރިފާސް ބުނި

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި އަބްދުލްވާހިދު ރިފާސްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ޖަވާބުދާރީވާން އަނެއްކާވެސް އިތުރު ފުރުސަތަކަށް މިއަދު އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގެ ޝަރީއަތް ފެށުމަށް މިއަދު ބާއްވަން ތާވަލުކޮށްފައިވަނީ:

  • 9 ޖަހާއިރަށް: މަސްތުވާތަކެއްޗާ އެކު މަނަދޫން ހައްޔަރުކުރި އަބްދުލްވާހިދު ރިފާސް، 21،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

  • 10:30 އަށް: މާލެއިން ހައްޔަރުކުރި ހަސަން ފަވާޒް، 21،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

  • މެންދުރު 1 ޖަހާއިރަށް: މަސްތުވާތަކެތީގެ މައްސަލައެއްގައި މަނަދޫން ފުރަތަމަ ހައްޔަރުކުރި އަހްޒަމް އަބްދުއްޝަކޫރު، 23،ގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުން

ތަފްސީލް - މިއަދު ހެނދުނު ކުރިއަށްދިޔަ ރިފާސްގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާތައް އިއްވައި ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންގޮސްފައިވެ އެވެ. ރިފާސްގެ މައްޗަށް ކުރާ ތިން ދައުވާ ދައުލަތުން ވަކިވަކިން އިއްވައި ޖަވާބުދާރީވާން ދިން ފުރުސަތުގައި ރިފާސް ބުނީ، އެ ދައުވާތަކަށް އިންކާރު ކުރަން އަދި އެއްބަސްވާން ވެސް އެނގޭނީ އޭނާގެ ވަކީލާ އަދި އެއް ފަހަރު ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

ދައުވާތަކަށް ޖަވާބުދާރީވުމަށް އިތުރު މަޝްވަރާއަށް ބޭނުންވާ ސަބަބެއް ކަމުގައި އޭނާ ބުނީ އެ މައްސަލާގައި އޭނާއަށް ލިބިފައިވާ ލިޔެކިއުންތައް ވިއްސާރައިގެ ސަބަބުން ހަލާކުވެފައިވާތީ ކަމަށެވެ.

"އަޅުގަނޑު އަމިއްލައަށް ވެސް ބަލަން ބޭނުން ލިޔެކިއުންތަކާ އެއްޗެހި ބަލާފައި އަދި ވަކީލާ ވެސް ބައްދަލުކޮށްފައި ވާހަކަދައްކާފައި ކުރިއަށް ގެންދާގޮތަށް،" މިއަދުގެ ޝަރީއަތުގައި މާފުށީ ޖަލުން އޮންލައިންކޮށް ބައިވެރިވެ އިން ރިފާސް ބުންޏެވެ.

ރިފާސްގެ މައްޗަށް ކުރަނީ:

  • ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުން؛ މި ދައުވާ ސާބިތުވެއްޖެ ނަމަ، އަންނާނެ އަދަބަކީ މަރުގެ އަދަބު

  • އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން؛ މި ދައުވާކޮށްފައިވަނީ ނައީމާ މަރާލުމަށް ބޭނުންކުރި ތަކެތި ފޮރުވައި ބައެއް ތަކެތި ނައްތާލައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވާތީ

  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން؛ މި ދައުވާކޮށްފައިވަނީ ނައީމާ މަރާލުމަށް ފަހު މީހަކަށް ނުފެންނާނެހެން ކޮޓަރި ތަޅުލައި ލެޔާ އެކު ނައީމާގެ ހަށިގަނޑު ކުނިވާން ދޫކޮށްލާފައިވާތީ

ފާހަގަކޮށްލެވޭ ކަމެއް - ދައުވާއަށް ޖަވާބުދާރީވާން ރިފާސް މިއަދު އިންކާރުކޮށްފައިވާތީ މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، މައްސަލަ ކުރިއަށް ގެންދެވޭނީ ދައުވާއަށް ޖަވާބުދާރީވުމުން ކަމަށެވެ. އެހެންކަމުން، ދެން އޮންނަ އަޑުއެހުމެއްގައި އެ ބައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ހުލާސާ

މަނަދޫގައި އޭނާގެ އަމިއްލަ ގޭގައި ވަކިން ދިރިއުޅެމުންދިޔަ އުމުރުން 62 އަހަރުގެ ނައީމާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ 7 އެޕްރީލް 2023ގަ އެވެ. އެ މައުލޫމާތާ ގުޅިގެން އަންނާރުމާގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ ބެލިއިރު، ނައީމާ އޮތީ ބޮޑެތި ޒަހަމުތަކަކާ އެކު މަރާލައިފަ އެވެ.

  • އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ؛ ތޫނު އެއްޗެއް ކަރުގައި އަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ހުރި

  • މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް އެރޭ ދަންވަރު މަނަދުއަށް ދިޔަ

  • ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން، ޖެހިގެން އައި ދުވަހު ނައީމާ ވަނީ އެ ރަށުގައި ވަޅުލާފައި

  • ނައީމާ ދިރިއުޅުނު ގޭގެ އިތުރުން، އެ ރަށުގެ ހަތަރު ގެއެއް ބަލާފައިވޭ؛ އޭގެ ތެރޭގައި، ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނޭ

މި މައްސަލާގައި ފުލުހުންގެ ތަހުގީގަށް ކުރިއެރުމެއް ލިބި، ފުރަތަމަ މީހަކު ހައްޔަރުކުރީ އޭގެ އެއް މަސް ފަހުން، 26 މޭ 2023ގަ އެވެ. އޭގެ ފަހުން މިހާތަނަށް މި މައްސަލާގައި ހައްޔަރުކުރީ ތިން މީހުންނެވެ. އެ ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި އަހްޒަމްގެ ކިބައިން ލިބުނު މައުލޫމާތުންނެވެ.

އެއަށް ފަހު، ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެ ރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ އަންނައުނުތައް ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް