ނައީމާ މަރާލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ހަސަން ފަވާޒް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި

ނައީމާ މަރަން ރާވައި ހުރިހާ ކަމެއް އިންތިޒާމު ކުރިކަމުގެ ތުހުމަތުވާ ފަވާޒް ދައުވާއަށް އިންކާރުކޮށްފި

ދައުވާގައިވާ ގޮތުން އެ އަމަލު ހިންގާނެ ދުވަސް ކަނޑައަޅައި، އެކަމަށް ބޭނުންވާ ތަކެތި ހޯދައިދީ، ކާރުގައި އެ މީހުން އެ ގެއަށް ގެންގޮސް އެކަން ކޮށް ނިމެންދެން ފާރައަށް ފަވާޒް މަޑުކޮށްފައިވޭ

ނ. މަނަދޫގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލުމަށް ރާވައި، އެކަމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކޮށް ދައުލަތުން ކޮށްފައިވާ ހުރިހާ ދައުވާތަކަށް ހަސަން ފަވާޒް މިއަދު އިންކާރުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ހަސަން ފަވާޒް، 21، އަކީ ނައީމާ މަރާލުމުގެ ކަންކަން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ މީހާ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ނައީމާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަށް އޭނާގެ ކާރު ބޭނުން ކުރި ކަމުގެ ތުހުމަތުގަ އެވެ. އޭނާ ހައްޔަރު ކުރީ މާލޭގައި ހުއްޓަ އެވެ.

އެގޮތުން:

  • ފަވާޒް އަކީ އެ ކާރުގެ ވެރިފަރާތުގެ އިތުރުން، އެ ރޭ އެ ކާރު ދުއްވަން އިން މީހާ

  • އޭނާ މާލެ އައީ ނައީމާ މަރުވެފައި އޮއްވާ ފެނުނު ފަހުން

ތަފްސީލް - މިއަދު ހެނދުނު 10:30ގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ފަވާޒަށް ދައުވާތައް އިއްވައި ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންގޮސްފައިވެ އެވެ. ފަވާޒުގެ މައްޗަށް ކުރާ ތިން ދައުވާ ދައުލަތުން ވަކިވަކިން އިއްވައި ޖަވާބުދާރީވާން ދިން ފުރުސަތުގައި އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް ވެސް އިންކާރުކޮށްފަ އެވެ. 

އޭނާގެ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ އެ މަރުގައި އެއްވެސް ސިފައެއްގައި ފަވާޒު ބައިވެރިވެފައި ނުވާނެ ކަމަށާއި އެހީތެރިވެދީފައި ވެސް ނުވާ ކަމަށެވެ. އަދި ނައީމާގެ މަރު ރާވައި އެކަމަށް ހިތްވަރުދީ އެންމެ އިސްކޮށް ހަރަކާތްތެރިވި މީހަކީ ފަވާޒު ކަމަށް ދައުލަތުން ތުހުމަތު ކުރިޔަސް އެފަދަ އެއްވެސް ކަމެއްގައި ފަވާޒު ބާއިވެރިވެ، މަރެއް ސިއްރުކުރުމަށް ވެސް މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ.

ފަވާޒުގެ މައްޗަށް ކުރާ ދައުވާތަކުގެ ތަފްސީލް:

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުން

މި ދައުވާ ހުށަހަޅަމުން ދައުލަތުން ބުނީ، ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ އޭނާ މަރާލާނެ ގޮތް ރާވައި، އެފަދަ މީހުން "ގަތުލު ކުރުމަކީ ފާފަވެރިވާނެ ކަމެއް ނޫން" ކަމަށް ނައީމާ މަރާލަން އެ ގެއަށް ވަތް ކަމަށް ތުހުމަތު ކުރެވޭ، އެ މައްސަލާގައި ދައުވާ އުފުލާފައިވާ އަބްދުލްވާހިދު ރިފާސް އާއި އަހްޒަމް އަބްދުއްޝަކޫރަށް ވިސްނައިދިނީ ފަވާޒް ކަމަށެވެ.

އެއަށް ފަހު:

  • އެ އަމަލު ހިންގާނެ ދުވަސް ކަނޑައަޅައި، އެކަމަށް ބޭނުންވާ ތަކެތި ހޯދައިދީ، ފަވާޒުގެ ކާރުގައި އެ މީހުން އެ ގެއަށް ގެންގޮސް އެކަން ކޮށް ނިމެންދެން ފާރައަށް މަޑުކޮށްފައިވޭ 

  • ނައީމާ މާރާލުމުން ހެކި ނައްތާލުމަށް އެހީތެރިވެދީފައިވަނީ ވެސް ފަވާޒު 

  • އެކަމުގެ އެޖޫރައެއްގެ ގޮތުން ރިފާސް އާއި އަހްޒަމަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވޭ

މި ކުށް ސާބިތުވެއްޖެ ނަަމަ އަންނާނެ އަދަބަކީ މަރަށް މަރު ހިފުމެވެ. ނުވަތަ މަރުގެ ދިޔަ ދިނުމެވެ. އާއިލާއިން މަރަށް މަރު، ނުވަތަ މަރުގެ ދިޔަ ބޭނުން ނުވާ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން

މި ދައުވާ ފަވާޒުގެ މައްޗަށް ކޮށްފައިވަނީ ނައީމާ މަރާލުމަށް ފަހު، އެކަމަށް ބޭނުންކުރި ވަޅި އާއި އަންނައުނު ފަދަ ތަކެތި ފޮރުވައި، ނައްތާލުމަށް މަނަދޫގެ ދުރު ހިސާބަކަށް ރިފާސް އާއި އަހްޒަމް ގެންގޮސް ހެކި ނައްތާލުމަށް އެހީތެރިވެދީފައިވާ ކަމުގެ ތުހުމަތުގަ އެވެ.

ދައުލަތުން ބުނީ އެ މައްސަލާގައި ރިފާސް ހައްޔަރުކުރުމާ އެކު، ފަވާޒް ގެންގުޅެމުން އައި ފޯން ނައްތާލައި، އާ ފޯނެއް ގަނެ ހެކި ނައްތާލަން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ.

މި ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު އަދަބެކެވެ. 

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން

މި ދައުވާ އުފުލަމުން ދައުލަތުން ބުނެފައި ވަނީ ނައީމާ މަރާލުމަށް އެ ގެއަށް ވަތް ރިފާސް އާއި އަހްޒަމަށް ނައީމާ މަރާލަންވީ ގޮތާއި އެއަށް ފަހު ކަންކުރަންވީ ގޮތުގެ އިރާޝާދު ފޯނުން ގުޅައިގެން އެ ގޭގެ ބޭރުގައި ހުރެގެން ފަވާޒް ދީފައިވާ ކަމަށެވެ. އަދި އެއަށް ފަހު މީހަކަށް ނުފެންނާނެހެން ކޮޓަރި ތަޅުލައި ލެޔާ އެކު ނައީމާގެ ހަށިގަނޑު ކުނިވާން ދޫކޮށްލާފައިވުމުގެ ސަބަބުން، ނައީމާގެ ހަށިގަނޑު ހޯދުމަށް 40 ގަޑިއިރު ހޭދަވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. 

މި ކުށް ސާބިތުވެއްޖެ ނަަމަ އަންނާނެ އަދަބުގެ އަސާސީ މިންގަނޑަކީ ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެކެވެ.

އެނގުން މުހިންމު - މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.

އެގޮތުން މި މައްސަލާގައި މަސްތުވާތަކެއްޗާ އެކު މަނަދޫން ހައްޔަރުކުރި އަބްދުލްވާހިދު ރިފާސްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 9 ޖެހި އިރު ކުރިއަށް ގެންގޮސްފައިވެ އެވެ. ދައުވާތައް އިއްވުމުން ރިފާސް ވަނީ ދައުވާތަކަށް ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދިފަ އެވެ.

ދެން މި މައްސަލާގައި ދައުވާ އުފުލާފައިވާ އަހްޒަމް އަބްދުއްޝަކޫރުގެ އަޑުއެހުން އޮންނާނީ މިއަދު މެންދުރު ފަހު 1 ޖަހާއިރު އެވެ. 

މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދުވަހު، ނައީމާ މަރާލި ގޮތާއި އެކަމުގައި ބައިވެރިވި މީހުން ކިޔައިދިނީ އަހްޒަމް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް