7 އޭޕްރީލް 2023 - ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނުނު ގެ ހުންނަ ސަރަހައްދު. (ދައުރު ފޮޓޯ

ނައީމާގެ މަރު: ހައްޔަރުކުރީ ޝައްކުވެގެން ފާރަލާތާ ދުވަސްކޮޅެއް ފަހުން ޑްރަގާ އެކު

އެ މަރާ ގުޅޭ ގޮތުން ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ގެންދިއުމުން ވެސް އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުތައް އިތުރުވި

ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު އެ ރަށު ނައީމާ މޫސާގެ މަރަށް ދޮޅު މަހަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ތުހުމަތުގައި މީހަކު ހައްޔަރު ނުކުރާތީ، އެ ރަށުގެ ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، ފުލުހުންގެ ލޯ، އެ ރަށުގެ ޒުވާނަކަށް ހުއްޓިފައި ހުންނަތާ އޭރު ދުވަސްކޮޅެއް ވެއްޖެ އެވެ.

މަސްތުވާތަކެތީގެ ރެކޯޑު އޮންނަ އަދި ކުރިން މާލޭގައި ގުރޫޕް މާރާމާރީ ހިންގުމުގައި ބައިވެރިވެފައިވާ ކަމުގެ ރެކޯޑް އޮންނަ އަހްޒަމް އަބްދުއްޝަކޫރާ މެދު ފުލުހުންނަށް ޝައްކުތަކެއް ކުރެވުނު ނަމަވެސް، ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރެވޭ ވަރުގެ ހެއްކެއް ނެތެވެ. އެހެންވެ، 23 އަހަރުގެ އެ ޒުވާނާއަށް ފާރަލައިގެން ފުލުހުން ތިބީ އެވެ.

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި:

  • އަހުޒަމްއާ މެދު ފުލުހުން ޝައްކު ކުރަން ފެށީ، އެ ރަށުގެ ބައެއް ތަންތަނުން ނެގި، ނައީމާ މަރާލި ރޭގެ ސީސީޓީވީ ފުޓޭޖުން އަހުޒަމްގެ ހަރަކާތްތައް ފެންނަން ހުރި ގޮތުން 

  • އޭގެ ދުވަސްކޮޅެއް ފަހުން، އެ މަރާ ގުޅޭ ގޮތުން ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ގެންދިއުމުން ވެސް އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުތައް އިތުރުވި 

  • އެކަމަކު މަރުގެ ތުހުމަތަށް ހައްޔަރު ކުރެވޭހާ ހެއްކެއް އޭރު ފުލުހުންނަށް ލިބިފައެއް ނުވޭ

ފުލުހުންގެ ނަސީބު އަތުގައި ހިފީ، މީގެ ފަސް ދުވަސް ކުރިންނެވެ. 

ނައީމާގެ މަރާ ގުޅިގެން ފާރަލަމުން ދިޔަ އަހުޒަމް އަތުލައިގަނެވުނީ، މަސްތުވާތަކެތި ބޭނުންކުރަން ހުއްޓަ އެވެ. އޭނާގެ އަތުން 56 ގްރާމްގެ މަސްތުވާތަކެތި ފުލުހުން ހޯދި އެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އަހުޒަމް އެންމެ ފުރަތަމަ ހައްޔަރު ކުރީ ތިން ދުވަހަށެވެ. އެކަމަކު އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުުޖުތަމައަށް ނުރައްކާވެދާނެތީ، އިތުރު 14 ދުވަހަށް މަނަދޫ ކޯޓުން އިއްޔެ ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި:

  • ބަންދުކޮށްފައި ހުންނަތާ ތިން ވަނަ ދުވަހު އަހުޒަމް ވަނީ، ނައީމާ މަރާލި ކަމަށް އިއުތިރާފްވެފައި

  • އެ ކަމުގައި ދެން ބައިވެރި މީހުންނާއި ނައީމާ މަރާލަން ބޭނުންކުރި ހަތިޔާރު ހުރި ތަން ކިޔައިދީފައިވޭ 

  • އެ މީހުން ލައިގެން އުޅުނު އަންނައުނު ފޮރުވާފައި ހުރި ތަން ވެސް ކިޔައިދިން

ފުލުހުން ރޭ ބުނި ގޮތުގައި، އެ އަންނައުނު ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓަ އެވެ.

އިއްޔެ މެންދުރާ ހަމައަށް ފުލުހުން އެ މައްސަލައިގައި އިތުރު މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު ރޭ 20 އަހަރުގެ ޒުވާނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރާލާފައި އޮއްވާ ފެނުނު ގެ ހުންނަ ސަރަހައްދު ބަންދުކޮށްފައި. (ދައުރު ފޮޓޯ)

ނައީމާ މަރާލި ރޭ، އެ ދެ މީހުން ގިނަ އިރުތަކެއް ވާންދެން ކާރެއްގައި ރަށުތެރޭގައި ދުއްވި ކަމަށް ވެ އެވެ. ފުލުހުން ރޭ ވަނީ އެ މީހުން ކާރުގައި އުޅުނު ގޮތް ކުޅުވާފަ އެވެ. މިހާރު އެ ކާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މިހާރު ދެން އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، ޒުވާނުންތަކެއް ވެގެން، އެކަނި ދިރިއުޅޭ އުމުރުން ދުވަސްވީ އަންހެނަކު މަރާލީ ކީއްވެގެން ހެއްޔެވެ؟ ފައިސާގެ ބޭނުމުގައި ހެއްޔެވެ؟ ނޫނީ ނައީމާއާ ގުޅޭ އެހެން ކަމެއްގައި ހެއްޔެވެ؟

ފުލުހުން ބުނި ގޮތުގައި، އެކަމުގެ އިތުރު ތަފްސީލެއް ދެވެން އޮތީ ތަހުގީގު އެއްކޮށް ނިމުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް