ބަންދުކޮށްގެން އަލަށް ބަލަމުންދާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ——ފޮޓޯ: ދައުރު

ނައީމާގެ މަރުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި މީހާ މަނަދުއަށް ގެންގޮސްފި

ފުލުހުން ވަނީ މަނަދޫން ހައްޔަރުކުރި މީހުން ލައްވާ އެރޭ އެ މީހުން އުޅުނު ގޮތުގެ ހަރަކާތްތައް ކުޅުވާފައި

ނ. މަނަދޫ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ މިިދިޔަ މަހުގެ ކުރީކޮޅު ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މާލެއިން ހައްޔަރުކުރި މީހާ އެރަށަށް މިއަދު ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ ނައީމާގެ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް މިދިޔަ ހޯމަ ދުވަހު މާލެއިން ހައްޔަރުކުރީ ހަސަން ފަވާޒް، 21، އެވެ. ކޯޓު އަމުރެއްގެ ދަށުން ފަވާޒް ހައްޔަރުކޮށް ބަންދަށް 1 މަސް ދުވަސް ޖަހާފައި ވެ އެވެ.

ތަފްސީލް - އިތުބާރު ހުރި މަސްދަރަކުން "ދައުރު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އޭނާ އެރަށަށް ގެންދިޔައީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ އެރަށަށް ގެންދިޔައީ މިވަގުތު ފުލުހުން އެރަށުގައި ހިންގަމުން އަންނަ ތަހުގީގަށް ކަމަށް ވެ އެވެ. 

އެނގިފައިވާ ގޮތުގައި:

  • ނައީމާ މަރާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހުން ނައީމާ މަރާލި ކަމަށް ބެލެވޭ ރޭ ގިނަ އިރުތަކެއް ވަންދެން ކާރެއްގައި ރަށުތެރޭގައި ދުއްވި ކަމަށްވޭ 

  • މާލެއިން ހައްޔަރުކުރި ފަވާޒް އަކީ އެ ކާރުގެ ވެރިފަރާތުގެ އިތުރުން، އެ ރޭ އެ ކާރު ދުއްވަން އިން މީހާ

  • އޭނާ މާލެ އައީ ނައީމާ މަރުވެފައި އޮއްވާ ފެނުނު ފަހުން

  • އެ މައްސަލާގައި ފުރަތަމަ ހައްޔަރުކުރި ދެ މީހުން ލައްވާ ކާރުގައި އެރޭ އެމީހުން އުޅުނު ގޮތް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ކުޅުވާފައިވޭ 

  • ފަވާޒް ލައްވާ ވެސް އެރޭ އޭނާ ހަރަކާތްތެރިވި ގޮތް ކުޅުވާނެ ކަމަށް ބެލެވޭ

  • މިހާރު އެ ކާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި

އެނގުން މުހިންމު - ނައީމާގެ މަރާ ގުޅިގެން ފުލުހުން ކުރާ ތަހުގީގަށް ކުރިއެރުންތަކެއް ލިބި އަދި ތުހުމަތުވާ ތިން މީހަކު ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަހްޒަމް އަބްދުއްޝަކޫރު، 23,ގެ ކިބައިން ލިބުނު މައުލޫމާތުންނެވެ.

އެ މައްސަލާގައި ދެވަނަ އަށް ހައްޔަރުކުރީ  އަހްޒަމްއާ އެކު މަސްތުވާތަކެތި ބޭނުންކުރުމުގައި އުޅޭ އޭނާގެ އެކުވެރިޔާ އަބްދުލްވާހިދު ރިފާސް އެވެ.

އެއަށް ފަހު ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ ދެ މީހުން އެރޭ ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު ވެސް ފުލުހުން ވަނީ ހޯދާފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ އަންނައުނުތައް ހޯދީ، ވަޅުގަނޑެއްގެ ތެރޭގައި އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓަ އެވެ.

އެނގިފައިވާ ގޮތުން:

  • އަހުޒަމްއާ މެދު ފުލުހުން ޝައްކު ކުރަން ފެށީ، އެ ރަށުގެ ބައެއް ތަންތަނުން ނެގި، ނައީމާ މަރާލި ރޭގެ ސީސީޓީވީ ފުޓޭޖުން އަހުޒަމްގެ ހަރަކާތްތައް ފެންނަން ހުރި ގޮތުން 

  • އޭގެ ދުވަސްކޮޅެއް ފަހުން، އެ މަރާ ގުޅޭ ގޮތުން ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ގެންދިއުމުން ވެސް އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުތައް ބޮޑުވި 

  • ބަންދުކޮށްފައި ހުންނަތާ ތިން ވަނަ ދުވަހު އަހުޒަމް ވަނީ، ނައީމާ މަރާލި ކަމަށް އިއުތިރާފްވެފައި

  • އެ ކަމުގައި ދެން ބައިވެރި މީހުންނާއި ނައީމާ މަރާލަން ބޭނުންކުރި ހަތިޔާރު ހުރި ތަން ކިޔައިދިނީ ވެސް އަހްޒަމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް