މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ގަރާރަށް ވާހަދަ ދެއްކެވި ޕީއެންސީގެ ބައެއް މެންބަރުން

އިޒުރޭލު ޕާސްޕޯޓު މައްސަލަ: ޕީއެންސީން ދެއްކީ ކުރީ ސަރުކާރުން އެކަން ނުކުރި ވާހަކަ

ޕީއެންސީ މެންބަރުން ބުނީ އެމްޑީޕީ މެންބަރުން އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު އަވަސްކުރަނީ ސިޔާސީ ފައިދާ ހޯދަން ކަމަށް
20 ނޮވެމްބަރު 2024

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ އިބްތިދާއީ ބަހުސް މިއަދު ފަށައިފި އެވެ.

އެ ބަހުސްގައި ގިނައިން ވާހަކަ ދެއްކެވީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. ޕީއެންސީން ވާހަކަ ދެއްކެވި ގިނަ މެންބަރުން އެ މައްސަލާގައި ދެއްކެވީ ކުރީ ސަރުކާރުންނާއި މަޖިލީހުގެ މިދިޔަ ދައުރުން އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރި ވާހަކަ އެވެ.

ވީ ކިހިނެއް؟ - ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެ ބިލު ހުށަހެޅުއްވީ މީގެ ފަސް މަސް ކުރިން 10 ޖޫންގަ އެވެ. އޭގެ ފަހުން ހަމަ އެ ދުވަހު ރައީސްގެ ކެބިނެޓުން ވެސް އިޒްރޭލު ޕާސްޕޯޓް މަނާކުރަން ނިންމި އެވެ. ނަމަވެސް އެ މައްސަލަ އަދި އޮތީ އެ ބިލު ދިރާސާ ކުރާ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީގަ އެވެ. އެ ކޮމެޓީން ނިންމީ ބިލުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީގައި ނިންމުމަށެވެ.

ކުރީ ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު އެކަން ނުކުރީ ކީއްވެ؟

މި ގަރާރަށް ވާހަކަ ދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަޖިލީހުގެ މިދިޔަ ދައުރުގައި އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު އިޒްރޭލު ޕާސްޕޯޓް މަނާނުކޮށް މިހާރު މިސަރުކާރަށް އިނގިލި ދިއް ކުރެެވެން ނެތް ކަމަށެވެ. 

"އަޅުގަނޑު މިއަދު ހައިރާންވެ އަންތަރީސްވޭ އިޒްރޭލު ޕާސްޕޯޓް މައްސަލާގައި މި ވަކާލާތު ފާހަގަކުރެއްވި އިރު މިދިޔަ ފަސް އަހަރު ވެސް އިޒްރޭލު އޮތް، އަނިޔާވެރިކަން ވެސް އޮތް، ގަތުލުއާންމު ވެސް ހިންގާ، މިއިން އެއްވެސް ކަމެއް މިިދިޔަ ފަސް އަހަރު ހަމަ މިބޭފުޅުން މީކާއިލްމެން ސަރުކާރެއް، މަޖިލީހުގެ މެޖޯރިޓީ އޮވެފައި ނުކުރައްވާ މިއަދު އަޅުގަނޑުމެންނާ ދިމާލަށް އިނގިލި ދިއްކޮށްފައި މި ވާހަކަ ދައްކާއިރު ދެން މިއީ ޑިމޮކްރެސީއަށް ތާއިދުކުރައްވާ ބޭފުޅުން ތޯ؟" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ފޮޓޯ/ މަޖިލިސް)

"އިޒްރޭލުން މި އަނިޔާވެރި އަމަލުތައް ހިންގި އިރު މިދިޔަ ހުރިހާ ސަރުކާރަކުން ވެސް އެ ޕާސްޕޯޓު މަނައެއް ނުކުރޭ މިއަދުތޯ އޭ މަނާކުރަން ތެޅިގަންނަންވީ އަޅުގަނޑުމެން އައިމާ. އޭރު ތިޔަ ޕޯސްޕޯޓް އޭރުގެ ސަރުކާރުން މަނާކޮށް ތަސްދީގުކޮށްލި ނަމަ ތިޔަ ވާހަކަފުޅު ދައްކަވާކަށް ނުޖެހޭނެ ނޫންތޯ ތިޔަ ބޭފުޅުންގެ ސަރުކާރެއް މިތާއޮވެ ނިމިގެން ދިޔައިރު،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދަޅުވީ:

  • މި ސަރުކާރުން ފަލަސްތީނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޯށްދޭން ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް

  • ކުރީ ސަރުކާރުން އެފަދަ ކަމެއް ނުކުރައްވާ ކަމަށް

  • އިޒްރޭލުގެ އަމަލުތައް މި ސަރުކާރުން ބައިނަލްއަގްވާމީ މުޖުތަމައުގައި ވެސް ކުށްވެރިކޮށް ވާހަކަ ދައްކާ ކަމަށް

  • ފަލަސްތީނު ރައްޔިތުންނަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް

"އަޅުގަނޑުމެންގެ ސަރުކާރަކީ އިޒްރޭލާ އެއްކޮޅަށް އެހެން ނޫނިއްޔާ ފަލަސްތީނު ރައްޔިތުންނަށް އަނިޔާވެރި ސަރުކާރެކޭ މިގޮތަށް ވިދާޅުވެ ވާހަކަ ދައްކާއިރު ތިޔަ ބޭފުޅުން ތިބީ ކޮންތާކުތޯ އޭ  މިދިޔަ ސަރުކާރުގައި،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.

"މި ގައުމު އޮތީ ބަޔަކާ ޖެހިގަނެގެން އުޅެވޭ ހާލަތަކު ނޫން"

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ފަލަސްތީނުގެ ޕާސްޕޯޓް މަނާކޮށްގެން ރާއްޖެއަށް ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އެކަން ކުރުމުގެ ކުރިން ބަލަން ޖެހޭނެ ކަމަށެވެ. ފަލަސްތީނާއި ގާތުގައި އޮތް އިސްލާމީ އަދި ފުދުންތެރި އެހެން ގައުމުތަކުން ނާޅާ ފިޔަވަޅެއް އަޅާ އިރު ދިވެހި ރައްޔިތުންނާ ދޭތެރޭ ވެސް ވިސްނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމު މިއޮތީ އެހެން ބަޔަކާ ޖެހިގަނެގެން އުޅެވޭ ހާލަތަކު ނޫން، އަޅުގަނޑުމެންގެ ހާލަތަކީ ހުރިހާ ކަމަކަށް ވެސް ހުރިހާ ގޮތަކަށް ވެސް ބަލައިގެން ފިޔަވަޅު އަޅަންޖެހޭ ހާލަތެއް، އިޒްރޭލު ރައްޔިތުން މިރާއްޖެ އައުމަށް ދެކޮޅު ހަދާއިރު އިޒްރޭލުގައި ވެސް އެބައުޅޭ އަޅުގަނޑުމެންނާ އެއް ދީނެއްގެ މީހުން، އެފަދަ މީހުން ރާއްޖެ އައުން މަނާކުރަންޖެހޭ ސަބަބެއް އޮންނަންޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން،" ސައުދުﷲ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ތިނަދު އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ސައުދުﷲ ވެސް ދެން ވިދާޅުވީ މިދިޔަ ސަރުކާރުގެ މެޖޯރިޓީ 19 ވަނަ މަޖިލީހުގައި އޮތް އިރު އަދި އޭރު ބިލު ހުށަހެޅި މެންބަރު މީކާއީލް އެ މަޖިލީހުގައި އިންނެވި އިރު މިފަދަ ގަރާރެއް ހުށަނާޅުއްވާ ކަމަށެވެ. ނަމަވެސް ނިޒާމީ މައްސަލައެއް ނަންގަވާ މީކާއިލް ވަނީ މަޖިލީހުގެ މިދިޔަ ދައުރުގައި އެ ފަދަ ގަރާރެއް ހުށަހަޅައި ފާސްކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން ޕީއެންސީގެ ފަރާތުން ވާހަކަ ދެއްކެވި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ މިިދިޔަ ސަރުކާރުން އިޒްރޭލު ޕާސްޕޯޓް މަނާނުކުރާކަން ފާހަގަކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި އޭގެ އިތުރުން ޝުޖާއު ވިދާޅުވީ:

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
  • މިއީ ސިޔާސީ ފައިދާ ހޯދަން އެމްޑީޕީ މެންބަރުން ކުރައްވާ ކަމެއް ކަމަށް

  • ޕީއެންސީން ދަނީ އެ ބިލު ދިރާސާކުރަން ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުން

  • ބިލުގެ ސުންގަނޑި އެއް ކަނޑައަޅާފައިވާ ކަމަށް

ކުރީ ސަރުކާރުން ނުކުރުމަކީ ދެއްކޭނެ ހުއްޖަތެއް ނޫން: އެމްޑީޕީ މެންބަރުން

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ ކުރީ ސަރުކާރުން އިޒްރޭލު ޕާސްޕޯޓް މަނާނުކުރި ކަމަށް ޕީއެންސީ މެންބަރުން ބުނާއިރު އޭރު ފަލަސްތީނުގައި އޮތް ހާލަތާއި މިހާރު އޮތް ހާލަތު ވަރަށް ތަފާތު ކަމަށެވެ.

"ކުރީގައި ބަޔަކު އެކަން ނުކުރުމަކީ މިއަދު އަޅުގަނޑުމެން އެކަންކަމަށް ފަހަށް ޖެހެންޖެހޭނެ ސަބަބެއް ނޫން. އޭރުގައި ތިބި ގިނަ މެންބަރުން މިހާރަކު ނެތް، އެހެން ނަމަވެސް އޭރުގައި ވެސް އެބަހުރި ކަންތައްތަކެއް ކޮށްފައި. އެހެންވީމާ ކުރިން އުޅުނީ ވަރަށް ވިޔާނުދާކޮނޭ ކިޔާފައި އަޅުގަނޑުމެން އިސްލާހުނުވެ ކުރިއަށްދާން ޖެހޭ ސަބަބެއް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަމީން ވިދާޅުވި އެވެ.

ކަނޑިތީމް ދާއިރާގެ އެމްޑިޕީ މެންބަރު އަމީން ފައިސަލް (ފޮޓޯ/ މަޖިލިސް)

އޭނާ އިތުރަށް ވިދާޅުވީ:

  • ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި އިތުރަށް ވިސްނަންޖެހޭ މައްސަލައަކަށް މިކަން ވެދާނެ ކަމަށް ގަބޫލުކުރާ ކަމަށް

  • ނަމަވެސް ދާއިރާގެ ރައްޔިތުން ގޮތެއް ނިންމާފައިވާތީ އެ ރައްޔިތުންގެ ބަސް އިއްވާނެ ކަމަށް

  • މިއަދު ހާލަތަށް ރިއާޔަތްކޮށް ކުރެވެން އޮތް ކަމެއް ކުރެެވެން އޮތް ވަރަކަށް ކުރަން ގޮވާލެއްވި

  • މަޝްވަރާކޮށް ނިންމެން އޮތް ގޮތަކަށް މި ބިލުގެ މައްސަލަ ނިންމަން ޖެހޭ

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވެސް ވިދާޅުވީ އެ މެންބަރުން އެ ވިދާޅުވަނީ މި ބިލު ފާސްކުރެވެން ނެތް ނަމަ އެކަމަށްވެސް ގޮތެއް ނިންމުމަށް ކަމަށެވެ.

"މި އަވަސްކުރުމުގެ ބާރު މިއޮތީ އަޅުގަނޑުމެންގެ އަތްމަތީގައި. މިއަށް ގޮތެއް ނިންމާލަދޭށޭ، މަނާކުރާ ވާހަކައެއް ވެސް ނޫން ގޮތެއް ނިންމާލަދޭށޭ، ޕީއެންސީން ވެސް އެދުނީ، ކެބިނެޓުން ނިންމީ މަނާކުރަން، ކެބިނެޓުން އެކަނި ނިންމި ނިމުމެއް މަނާކުރަން. ކެބިނެޓުން ނިންމިތާ ވެސް ވީ ދުވަހެއްވީ މިއާ މެދުގަ އެއްވެސް ވާހަކައެއް ދެކެވިފައެއް ނެތް،" އަމީން ވިދާޅުވި އެވެ.

މެންބަރު ހުސެން ޒިޔާދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

"ސަރުކާރުގެ އިސްވެރިން ބުނަނީ މަޖިލީހުން ނުކުރަނީއޭ މަޖިލީހުން މި ނެރެނީ އަވަސްކުރަށޭ ކިޔާފައި ގަރާރު، ޕީއެންސީން ނެރެނީ ގަރާރު ހުސް ގަރާރު މިއަންނަނީ އަމަލުކުރާނެ މިހާކު ނެތް އިއްޒަތްތެރި ރައީސް، މިއަށް ކިޔަނީ އަސްލު މުނާފިގުކަމޭ ރަދީފުގައި އޮތީ އެހެން، މިއަށްވުރެ އަޅުގަނޑުމެން އިހުލާސްތެރިވާން ޖެހޭނެ،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ފާސްކުރަން ބޭނުން ބިލެއް ނަމަ އަވަހަށް ފާސްކުރާ ކަމަށެވެ. އެގޮތުން މިއަދު މަޖިލީހަށް ހުށަހައަޅައި އިބްތިދާއީ ބަހުސް ފަށާފައިވާ ގާނޫނު އަސާސީއަށް ބަދަލު ގެންނަ ބިލުގެ މައްސަލަ ފާހަގަކުރެއްވި އެވެ.

"މިއަދު ހުށަހަޅާފައި މިއަދު ތާއީދުކޮށްފައި މިއަދު ބަހުސްކޮށްފައި މިއަދު ތަސްދީގުކޮށް އެ ވަޑައިގަންނަވަނީ މެންޗެސްޓާއަށް މެޗު ބައްލަވަން، މިހާ ފަސޭހައިން ވާން އޮތް ކަމެއް މީ،" ޒިޔާދު ވިދާޅުވި އެވެ.

މި ގަރާރަށް ވާހަކަ ދައްކަވަމުން ކެންދޫ ދާއިރެާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށްޓަކައި އެންމެ ކުޑަމިނުން އިޒްރޭލުގެ ސިޔާސީ ފަރާތްތަކާއި ސިފައިންގެ ޕާސްޕޯޓު މަނާކުުރެވެން ޖެހޭނެ ކަމަށެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު(ފޮޓޯ/މަޖިލިސް)

"އަޅުގަނޑުމެންނަށް އިޒްރޭލުގެ ޕާސްޕޯޓް މަނާކޮށްގެން މާގިނަ ކަންތައްތަކެއް ފަހަރުގައި ނުކުރެވިދާނެ، ނަމަވެސް %100 މުސްލިމް ގައުމެއްގެ ގޮތުގައި ތިބެ މުސްލިމުންނަށް މިވަރުގެ އަނިޔާއެއް ދެމުންދާއިރުގައި އަޅުގަނޑުމެންނަށް ކޮށްލެވެން އޮތް އެންމެ ކުޑަ މިންވަރަކީ އިޒްރޭލުގެ ޕާސްޕޯޓް މަނާކޮށް ބޭންކޮށް އެންމެ ކުޑަމިނުން ޔަހޫދީ ހަނގުރާމަވެރިންނާއި ސިޔާސީ ފަރާތްތަކުގެ ޕާސްޕޯޓް ބޭންކޮށްލަން ވީ ނޫންތޯ، އެވަރު އަޅުގަނޑުމެންނަށް ކޮށްނުލެވޭނެތޯ އެ ނުރުހުންތެރިކަން ދެއްކުމުގެ ގޮތުން؟" މައުރޫފް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީން މި ބިލު ހުށަހެޅި ފަހުން، ޖޫންގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވެސް އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތަށް އޭރު ނިންމީ ބައެއް އާންމުން މިކަމާ ގުޅިގެން އަޑުއުފުލަމުން ގެންދިޔުމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް