މީޑިއާ ކޮމިޝަންތަކުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މީޑިއާ

މުޖުތަމައު ފަސާދައިން ސަލާމަތް ކުރަން މީޑިއާގެ ބިލު މުހިންމު: ހަންނާން

ހަންނާން ގަބޫލު ކުރައްވާ ގޮތުގައި، ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް އޮތް ހައްލަކީ އެއިރެއްގެ އޮންނަ ސަރުކާރެއްގެ އަތްމަތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބާރު އޮތުން

ކަންބޮޑުވުން ފާޅުކުރަމުންދާ މީޑިއާ ކޮމިޝަންގެ ބިލަކީ މުޖުތަމައު ފަސާދައިން ސަލާމަތް ކުރަން މުހިންމު ބިލެއް ކަމަށް އެ ބިލު މިއަދު މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ވިދާޅުވެއްޖެ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި، މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބާރު އޮންނަން ޖެހޭނީ އެއިރެއްގެ ސަރުކާރެއް ނުވަތަ ރައީސެއްގެ އަތްމަތީގަ އެވެ.

ވީ ކިހިނެއް؟ - މިޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު އޮންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވާލައި އެއް މުއައްސަސާއަކަށް އެ މެންޑޭޓު ދިނުމަށް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު'ގެ ހުށަހަޅާފައި ވާއިރު، އެ ބިލާ ގުޅޭ ގޮތުން ނޫސްވެރިން އަދި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހަންނާން ވަނީ އޭނާ ހުށަހެޅުއްވި ބިލު ވަރަށް ބޮޑަށް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ތަފްސީލު - އެ ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ ކޮބައިތޯ އެހުމުން އޭނާ ވިދާޅުވީ، "އެ ހުރިހާ ތަފްސީލެއް ބިލުގައި ހުންނާނެ" ކަމަށެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ދެން އޭނާ ކުރެއްވި ސުވާލަކީ، ބިލާ ގުޅިގެން އޮތް "ކަންބޮޑުވުމަކީ އަސްލު ކޮބައިތޯ" އެވެ.

ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން މިހާތަނަށް ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ދެންނެވުމުން ޖޫރިމަނާ ކުރުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ޖޫރިމަނާ ކުރަނީ ވަރަށް ބައިވަރު އެހެން ފިޔަވަޅުތަކެއް އެޅުމަށް ފަހު، އެންމެ ފަހުން ކަމަށެވެ. ނޫސްވެރިން ވެސް ޖޫރިމަނާ ކުރަން ހިމެނުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ނޫސްވެރިން ވެސް "ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާ ނަމަ، ޖޫރިމަނާ ނާންނާނެ" ކަމަށެވެ.

"މިސާލަކަށް ބަލަމާ ހިނގާ، މިއަދު އަޅުގަނޑު ޕާޓީ ވެސް ބަދަލުކޮށްފި ނޫހަކުން. އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތް. ހަތަރު ހާސް ރައްޔިތުން ތަމްސީލު ކުރާ މީހެއް އަޅުގަނޑަކީ. އެ އޮތީ ހަމަ އެއްޗެއް ޖަހާލާފައި. ދެން މީގައި ކާކުތޯ މީގައި ޒިންމާ ނަގާނީ؟" އޭނާގެ ހުރި ކަންބޮޑުވުންތައް ފާޅުކުރައްވަމުން ހަންނާން ވިދާޅުވި އެވެ.

"އަޅުގަނޑު އަސްލު ވަރަށް ކަންބޮޑުވާ ކަމެއް. މުޖުތަމައު ފަސާދަ ވެގެން މިދަނީ އެކަހަލަ ދޮގު ހެދުންތައް ގިނަވެ، މަކަރު ހެދުން ގިނަވެގެން. ކޮންމެވެސް ބަޔަކު މިކަންކަން ރަނގަޅު ކުރަން ޖެހޭ. ކޮންމެ މީހަކު ވެސް ޒިންމާދާރު މީހަކަށް ވާން ޖެހޭ."

އޭނާ ގަބޫލު ކުރައްވާ ގޮތުގައި، މުޖުތަމައު ފަސާދައިން ސަލާމަތް ކުރުމަށް އެއީ ވަރަށް މުހިންމު ބިލެކެވެ.

ހަންނާން ވިދާޅުވި ގޮތުގައި، ކޮންމެވެސް ބަޔަކަށް "ކޮންމެ ބިލެއް ހުށަހެޅިޔަސް އޭގައި ކަންބޮޑުވުން ހުންނާނެ" އެވެ. އެއީ މާ ބޮޑު މައްސަލައެއް ކަމަށް އޭނާ ދެކެވަޑައިނުގަންނަވަ އެވެ.

އޭގެ އިތުރުން، އޭނާ ވިދާޅުވީ:

  • އޭނާ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމާ އެކު، މިފަދަ މައްސަލަތައް ހައްލު ކުރުމަށް އޭނާގެ "ޓީމް"އާ އެކު ދަނީ މަސައްކަތް ކުރަމުން؛ ނަމަވެސް އެ ޓީމުގެ ތަފްސީލަކަށް ވަޑައެއްގުނަންނަވާ

  • ބިލު ޑްރާފްޓްކޮށްފައިވަނީ އަމިއްލައަށް؛ މިކަމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ

  • ޑްރާފްޓްކޮށްފައިވަނީ މިކަމާ ގުޅިގެން ކުރިން ހަދާފައިވާ ގާނޫނުތައް ބަލައިގެން

"އަޅުގަނޑަކީ މަޖިލިސް މެންބަރެއް. އަޅުގަނޑު ކަންތައް ކުރަނީ ވަރަށް މިނިވަންކަމާ އެކު. އަޅުގަނޑަކީ މިނިވަން ބޭފުޅެއް، މިނިވަންކޮށް އަދިވެސް މިހުރީ،" މި ބިލު ފަރުމާ ކުރުމުގައި ނޫސްވެރިންނާއި ކަމާ ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާ ހޯއްދެވިންތޯ އެހުމުން، ސަރުކާރުގެ ކަންކަމަށް ތާއީދުކުރައްވައި ބަހުސްކުރައްވައި ސަރުކާރުގެ ސްޓޭންޑާ އެއްގޮތަށް ވޯޓު ވެސް ދެއްވަމުން ގެންދަވާ ހަންނާން ވިދާޅުވި އެވެ.

ދޮގު ހަބަރު ފެތުރުން ހުއްޓުވައި ނޫސްވެރިން ޒިންމާދާރު ކުރުމަށް އޮތް ހައްލަކީ ސަރުކާރަށް ކޮންޓޯލް އޮންނަ ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދިނުންތޯ އެހުމުން އޭނާ ވިދާޅުވީ "ސަރުކާރެއް އެކުލަވާލަނީ ރައްޔިތުން. އެ ރައްޔިތުން އެ އެކުލަވާލާ ބައެއްގެ އަތްމަތީގައި ކަންކަން ހުރުމަކީ ވަރަށް މުހިންމު ކަމެއް" ކަމަށެވެ. އެއާ އެކު، އޭނާ ވިދާޅުވީ ރައީސަކު ގައުމުގެ ވެރިމީހާއަަށް އައްޔަން ކުރަނީ "އެކަކު، ދެ މީހަކު" ވޯޓު ލައިގެން ނޫން ކަމަށެވެ.

ބިލުގައިވާ ގޮތުން، ގާނޫނުގެ ވެރިކަން ހިފެހެއްޓުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. އެއީ ނޫސްވެރިންގެ ޒިންމާއަކަށްވަނީ ކޮން ގޮތަކަށްތޯ އެހުމުން ސީދާ ޖަވާބެއް ނުދެއްވައި އޭނާ ވިދާޅުވީ "މަސްލަހަތު އިސްކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް" ކަމަށެވެ. އަދި ތަކުރާރުކޮށް ބިލު ދިފާއު ކުރައްވައި އޭނާ ވިދާޅުވީ، މި ބިލުގެ ސަބަބުން ނޫސްވެރިންގެ މިނަވަންކަމަށް ހުރަހެއް ނެތް ކަމަށާއި ޒިންމާދާރުކަމާ އެކު އެކަން ކުރާ ނަމަ، ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް މި ފެންނަނީ ކޮންމެ މީހަކު މި އޮންނަ މިނިވަންކަމޭ ކިޔައިގެން އަނެއް މީހާ ކަތިލާ މަންޒަރު. މީހަކު ކަތިލެވޭނީ ވަޅި އަޅައިގެން ނޫނީ މީހެއްގެ ގައިގައި ޖަހައިގެން ނޫންދޯ؟ މީހާގެ ސިކުނޑި އާއި މީހާގެ ހިތަށް ކުރާ ބާރަކީ މާ ބޮޑު އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި - މި ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރާތީ، ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މިއަދު 'އެކްސް'ގައި ޕޯސްޓެއް ކުރައްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، މީޑީއާ ކޮންޓްރޯލް ކުރުމަކީ އެ މަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫނެވެ.

ރައީސްގެ އެ ވިދާޅުވުމާ ގުޅިގެން ބިލް އަނބުރާ ގެންދިއުމުގެ ވިސްނުމެއް އެބަ އޮތްތޯ އެހުމުން ހަންނާން ވިދާޅުވީ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ.

"ނޫނޭ، ނޫނޭ، މިއީ ވަރަށް މަސައްކަތް ދެއްތޯ. މިހާރު މި [ބިލު] މި އޮތް ގޮތް އަޅުގަނޑަށް ހަގީގަތުގައި ވަރަށް ކަމުދޭ،" އެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް