ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުު (އަސްވާޑު) / ފޮޓޯ: ޔޫތު މިނިސްޓްރީ
މީޑިއާ ކޮމިޝަންގެ ބިލުގައި އޮތީ މެންބަރުގެ އަމިއްލަ ހިޔާލު؛ ސަރުކާރުން ދަނީ ދިރާސާ ކުރަމުން: އިންފޮމޭޝަން މިނިސްޓަރު
މީޑީއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެ ހުށަހެޅުއްވި މެންބަރުގެ އަމިއްލަ ހިޔާލު ކަމަށާއި އޭގައި ހުރި ކަންކަމާ ގުޅޭ ގޮތުން ދިރާސާ ކުރަމުން އަންނަ ކަމަށް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާއަށް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު'ގެ ނަމުގައި މި ބިލު ހުށަހެޅުއްވީ، ސަރުކާރުގެ ކަންކަމަށް ތާއީދު ކުރައްވަމުން ގެންދަވާ ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާނެވެ. މިއީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނޭ ބިލެކެވެ.
ބުނީ ކީކޭ؟ - "މިވަގުތު ރައްޔިތުންގެ މަޖިލީހަށް މީޑިއާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ބިލަކީ ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ނޫން. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު [އަބްދުލްހައްނާން] އޭނާގެ އަމިއްލަ ވިސްނުމަށް ހުށަހަޅާފައި ބިލެއް. ދެން އެ ބިލުގައި ހުރި ކަންކަން އަޅުގަނޑުމެން މިދަނީ ދިރާސާ ކުރަމުން،" މީޑީއާގެ ކަންކަމުގެ މެންޑޭޓް މަތިކޮށްފައިވާ މިނިސްޓަރު އިބްރާހިމް ވަހީދުއާ އެ ބިލާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކުލުމަކީ ސަރުކާރުން ވެސް ތާއީދު ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ބިލުގައި އެ ހުރި ކަންކަމަށް ސީދާ އެއްޗެއް ވިދާޅުވެވޭނީ ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެސް ވިސްނުން އެބަ އޮތް ބޮރޯޑްކާސްޓިން ކޮމިޝަން އާއި އެމްއެމްސީ އެއްކޮށްލަން. އެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން... [އެހެން ނަމަވެސް] އެ ބިލަކީ އެ މެންބަރުގެ އަމިއްލަ ހިޔާލު،" އޭނާ ވިދާޅުވި އެވެ.
މި ބިލު ފަރުމާކޮށްފައިވަނީ މީޑިއާ ކޮމިޝަނަށް ސަރުކާރުގެ މެޖޯރިޓީ އޮންނަ ގޮތަށް އަދި މީޑިއާތަކާއި ނޫސްވެރިން ވެސް ބޮޑެތި އަދަދުން ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެކަން ކަމަށް ތާއީދު ކުރައްވަންތޯ އެހުމުން ވެސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ އޭގައި ހުރި ކަންކަން ޖެހޭނީ ދިރާސާ ކުރަން ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނީ ދިރާސާކުރަން. އޭގައި ހުރީ ކޯއްޗެއްތޯ އާއި އޭގައި [ހުރި ކަންކަމާ] އަޅުގަނޑުމެން ދައްކާ ވާހަކައާ އެލައިންވޭތޯ ނޫންތޯ؟،" ސީދާ ސުވާލަށް ޖަވާބު ނުދެއްވައި އޭނާ ވިދާޅުވި އެވެ.
ބިލުގެ އިތުރު ތަފްސީލުތައް ކިޔާލަން
އެނގުން މުހިންމު - މިހާރު މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ބިލުގައިވާ ގޮތުން، ބިލު ގާނޫނަކަށްވެ، އަމަލު ކުރަން ފެށުމާ އެކު އެމްއެމްސީ އާއި ބްރޯޑްކޮމްގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުނީ އެވެ.
މި ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށް ބިލުގައި ބުނެ އެވެ. އެއީ:
-
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަން ކުރައްވާ ހަތަރު މެންބަރުން
-
މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުން
މިގޮތަށް އޮތުމުން ސަރުކާރަށް މި ކޮމިޝަންގެ ފުރިހަމަ އަގުލަބިއްޔަތު އޮންނާނެ އެވެ.
އޭގެ އިތުރުން، ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ވެސް ދީފައިވަނީ ރައީސަށެވެ. ރައީސް އެ ދެ މަގާމަށް ބޭފުޅުން ހަމަޖައްސަން ޖެހެނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، މަޖިލީހުގެ ރުހުމާ އެކު އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމުގެ ލައިސެންސް ލިބިފައިވާ ފަރާތްތަކާއި ނޫސްތަކުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑަކާ ހިލާފުވެއްޖެ ނަމަ އެޅޭނެ ފިޔަވަޅުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:
-
ތަކުރާރުކޮށް ގާނޫނާއި ގަވައިދާ ހިލާފުވަމުންދާ ނަމަ، ދޫކޮށްފައިވާ ބްރޯޑްކާސްޓިން ލައިސެންސް ނުވަތަ ނޫސްމަޖައްލާއެއް ނަމަ ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު، ކޯޓުން ނިންމާ ގޮތެއްގެ މަތިން ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުން
-
ގާނޫނާއި ގަވައިދު އަދި ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ބްރޯޑްކާސްޓަރުން ވޭތުވެދިޔަ އަހަރު އެ ފަރާތަކަށް ލިބުނު އާމްދަނީގެ %10އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން
-
ގާނޫނާއި ގަވައިދު އަދި ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެގެން ނޫސްތައް ޖޫރިމަނާ ކުރަނީ 5،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން
މީގެ އިތުރުން ނޫސްވެރިން ވެސް ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ހިލާވެއްޖެ ނަމަ ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ގާނޫނާ ހިލާފަށް ކުރި ކަމެއް ރަނގަޅު ކުރަން އެނގުން
-
ކޮމިޝަނުން ރަނގަޅު ކުރުމަށް އަންގާ ކަމެއް އިސްލާހުކުރުމަށް އަންގާފައިވާ މުއްދަތު ތެރޭގައި އިސްލާހުނުކޮށްފި ނަމަ، 5،000ރ. އާއި 10،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
ކޮމެންޓް