ރައީސް މުހައްމަދު މުއިއްޒު މީޑިއާތަކާ ބައްދަލުކުރުމަށް ނޮވެމްބަރު 2023ގައި ބޭއްވި 'ނޫސްވެރިންގެ ގުންޒަރު'.
ބިލު އޮތީ ސަރުކާރުގެ ނުފޫޒު މީޑިއާ ތެރެއަށް ވަދެ، ހައްގުތައް ގެއްލޭ ގޮތަށް: އެމްޖޭއޭ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު އޮތީ ސަރުކާރުގެ ނުފޫޒު މީޑިއާ ތެރެއަށް ވަދެ، މިނިވަން ނޫސްވެރިކަމުގެ ހައްގު ގެއްލޭ ގޮތަށް ކަމަށް ސިފަކޮށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އެ ބިލާ މެދު މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި ސަރުކާރަށް މެޖޯރިޓީ ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓުކުރަން އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ.
އެ ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު އެވެ.
ބުނީ ކީކޭ؟ - އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބިލުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެ، މި މަސައްކަތަށް ބޮޑެތި ހުރަސްތައް އެޅޭނެ ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.
"އަދި މީޑިއާތައް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުން ނުވަތަ ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، އޭގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަރަށް ބޮޑަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާނެ އެވެ،" އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
ތަފްސީލު - މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު އެމްޖޭއޭއިން ފާހަގަކުރި މައިގަނޑު ކަންބޮޑުވުންތަކަކީ:
-
ކޮމިޝަންގެ އޮނިގަނޑު އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެންބަރުންގެ ތެރެއިން އަގުލަބިއްޔަތު މެންބަރުން ކަމަށްވާ ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ނަން ފޮނުވައިގެން އައްޔަން ކުރާ މެންބަރުން އަދި މީޑިއާއިން އަމިއްލައަށް އިންތިހާބު ކުރަން ޖެހެނީ އެންމެ ތިން މެންބަރުން؛ މިކަމުގެ ސަބަބުން މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ މީޑިއާތަކާއި ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ސަރުކާރުގެ ބާރާއި ނޭދެވޭ ނުފޫޒުތައް ވަދެ މިހާރު މި އޮތް މިންވަރަށް ވެސް މިނިވަން މީޑިއާގެ ވެށި ގެއްލިގެންދާނެ
-
ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ކޮމިޝަންގެ ރައީސަށް ދީފައިވާއިރު އެ މަގާމާއި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސް އައްޔަން ކުރައްވާ މަގާމެއް
-
ބިލްގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާއިރު ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް
ތަފްސީލު - އެމްޖޭއޭއިން ބުނީ އިތުރު ގިނަ މައްސަލަތަކެއް ވެސް އެ ބިލުން ފާހަގަކުރެވޭ ކަމަށެވެ.
މި ބިލަކީ، އެ ޖަމިއްޔާއިން ބުނި ގޮތުގައި، ހުރިހާ އުސޫލުތައް މުގުރިގެންދާނެ ފަދަ، މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށެވެ.
"ނޫސްވެރިންކަމާއި މީޑިއާތައް ރެގިއުލޭޓް ކުރަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަކީ މި ޖަމްއިއްޔާއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫނެވެ. އަދި މި ޖަމްއިއްޔާއިން އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ އެވެ،" އެމްޖޭއޭއިން ބުނެފައިވެ އެވެ.
އެމްޖޭއޭއިން ބުނީ އެ ޖަމިއްޔާއިން އަބަދުވެސް ގަބޫލުކުރާ ހަމައަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ މީޑިއާތަކަށް އަމިއްލައަށް އެކަން ކުރާ ގޮތް ނުވަތަ ސެލްފް ރެގިއުލޭޓްރީ މެކޭނިޒަމްއަކަށް ބުރަވާ ގޮތަށް ކަމަށެވެ.
ސަބަބަކީ، މީޑިއާގެ މައިގަނޑުު އެއް މަސައްކަތަކީ ސަރުކާރާއި ދައުލަތުގެ މުއްސަސާތަކާއި ބާރުވެރިންގެ މައްޗަށް ފާރަވެރިވެ، އެ މީހުން ޒިންމާދާރުކުރުން ކަމަށް ވުމެވެ.
"އެހެންކަމުން ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެކެވެ. އަދި މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒު ވަން ކޮންމެ ފަހަރަކު ވެސް މީޑިއާތަކާ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ގޮސްފައިވެ އެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
ސެލްފް ރެގިއުލޭޓަރީ އުސޫލަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް އުސޫލުތައް އޮންނަ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ކާމިޔާބު ނިޒާމެއް ކަން ފާހަގަކޮށް އެމްޖޭއޭއިން އޭގެ ކާމިޔާބު މިސާލެއްގެ ގޮތުގައި ދެއްކީ މިފަހުން ރާއްޖޭގައި އުފެއްދި ބާ ކައުންސިލެވެ.
މިކަމުގައި އެމްޖޭއޭއިން ފާހަގަކުރި ބައެއް އިތުރު ކަންކަން:
-
ބިލް ހުށަހެޅުއްވި މެންބަރު ވެސް އަދި ސަރުކާރުގެ ފަރާތުން ވެސް މި ބިލް އެކުލަވާލުމުގައި އެ ޖަމްއިއްޔާގެ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ހޯދާފައެއް ނުވޭ
-
ރާއްޖޭގައި މިހާރު އޮތް މީޑިއާގެ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމްގައި މައްސަލަތަކެއް އުޅޭ ނަމަ އެކަން ހައްލު ކުރަން ވާނީ އެ ނިޒާމު އެކީ ގެއްލިގެން ނުދާ ގޮތަށް މިހާރު ހުރި އެ ނިޒާމުގެ މައްސަލަތައް ހައްލުވާނޭ، ވަށާ ޖެހޭނޭ ގޮތަކަށްކަން
-
އެމްޖޭއޭއިން ބުނީ މީޑިއާ ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަދެބައި އޮންނަން ވާނީ މީޑިއާގެ އެކި ވަސީލަތްތަކާއި އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމްއިއްޔާތައް ތަމްސީލްވާ ގޮތަށް ކަމަށް
"ދައުލަތާއި ސަރުކާރަށް ބާރުވެރިކަން ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނެއް އެކުލަވާލަން މި ޖަމްއިއްޔާއިން އެއްވެސް ގޮތަކަށް ތާއީދެއް ނުކުރާނެ އެވެ،" ބަޔާނުގައިވެ އެވެ.
ކޮމެންޓް (1)
އަހްމަދު