8 ޖުލައި 2024: އާސަންދަ އޮފީސް. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)
އިންޝުއަރެންސް އޮތަސް އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ނަމަ އާސަންދަ ލިބޭނެ: އެންސްޕާ
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ހުއްޓާލުމުގެ ސަބަބުން އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ކޮންމެ ހާލަތެއްގައި ވެސް، ކުރިއެކޭ އެއްގޮތަށް އާސަންދަ ހިދުމަތް ލިބޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ސިއްހީ ހިދުމަތް ދޭ ތަންތަނުން އައުޓް ޕޭޝަންޓްކޮށް ހިދުމަތް ހޯދާ ބަލިމީހުންނަށް ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އާސަންދަ ނުލިބޭ ގޮތަށް މިދިޔަ ހުކުރު ދުވަހު އާސަންދަ ހިދުމަތަށް ވަނީ ބަދަލު ގެނެސްފަ އެވެ. އާ އުސޫލުގައިވާ ގޮތުން، މި ފަރާތްތަކަށް އާސަންދަ ލިބޭނީ އިންޝުއަރެންސްގެ ލިމިޓު ހަަމަވުމުން ނުވަތަ އިންޝުއަރެންސް އިން ކަވާ ނުކުރާ ހިދުމަތްތަކަށެވެ.
މި ބަދަލާ އެކު ބައެއް ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން މިހާރު ވަނީ އައުޓް ޕޭޝަންޓުކޮށް ހިދުމަތް ހޯދާއިރު ދޭ ކޭޝްލެސް ސާވިސް މެދުކަނޑާލާފަ އެވެ. އެެހެންކަމުން، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުގެ އަތުން ހޮސްޕިޓަލުތަކުން މުޅި ހިދުމަތަށް އިއްޔެއިން ފެށިގެން ދަނީ ފައިސާ ނަގަމުންނެވެ.
ތަފްސީލް - އެ ކަންބޮޑުވުމާ އެކު ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުން ދަނިިކޮށް އެންސްޕާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާސަންދަ ހިދުމަތަށް ގެނައި ބަދަލުގައި އެއްވެސް ސަބަބަކާ ހުރެ ޕްރައިވެޓް އިންޝުއަރެންސް ނުލިބޭ ނަމަ އެ ފަރާތްތަކަށް އާސަންދަ ސްކީމުން މިހާރު ވެސް ހިދުމަތް ލިބެން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
އެހެންކަމުން، އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ހުއްޓާލިއަސް އެ ހިދުމަތް އާސަންދައިން ދޭން ޖެހޭނެ ކަމަށް މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
"ކޭޝްލެސް ހިދުމަތް ހުއްޓާލުމުގެ ސަބަބުން ކަމުގައި ވިޔަސް އަމިއްލަ އިންޝުއަރެންސް ޕޮލިސީން ކަވަރޭޖު ނުލިބި އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ހުރިހާ ހާލަތެއްގައި އާސަންދައިން ކަަވަރޭޖު ކުރިއެކޭވެސް އެއްގޮތަށް ލިބިގެންދާނެ،" އެންސްޕާގެ ބަޔާނުގައިވެ އެވެ.
މި ދަނޑިވަޅުގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ހާމަކުރަމުންދާ ކަމަށް ބުނެ އެކަމާ ގުޅޭ ސައްހަ މައުލޫމާތު އާސަންދަ ހޮޓްލައިން 1400 އަށް ގުޅުއްވައިގެން ހޯދުމަށް ވެސް އެންސްޕާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް (1)
ސިކުނޑި