2 ނޮވެމްބަރު 2024: އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ޕްރެސް ބްރީފިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޕްރައިވެޓް ހެލްތު އިންޝުއަރެންސް ގަނެފައިވާ މީހުނަށް، އެއަށް ބިލު ކުރުމަށް ފަހު އާސަންދަ ހިދުމަތުން ބިލު ކުރާ ގޮތަށް ބަދަލު ގެނައުމުގެ ސަބަބުން ބައެއް ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން ކޭޝް ލެސް ސާވިސް މެދުކަނޑާލާފައިވާ ކަމަށް އޭޑީކޭ އިން މިއަދު ބުނެފި އެވެ.
ކަމުގެ ފެށުން - އާސަންދަ ކުންފުނިން އިއްޔެ ނިންމުމާއެކު މިއަދުން ފެށިގެން ސިއްހީ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދާ ބަލިމީހުންނަށް އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އެ އިންޝުއަރެންސްއަށް ކެނޑުމަށް ފަހު އެވެ.
ވީކިހިނެއް؟ - އޭޑީކޭ އިން މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި އެ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވަނީ، ބައެއް ޕްރައިވެޓް އިންޝުއަރެންސްތަކުން ކޭޝްލެސް ސާވިސް މެދުކަނޑާލި ކަން ހާމަކުރައްވައިފަ އެވެ.
އެނގުން މުހިންމު - ކޭޝްލެސް ސާވިސް އަކީ ފަރުވާ ހޯދަން އަންނަ ފަރާތުން ފައިސާ ސާވިސް ޕްރޮވައިޑާ ނުވަތަ ހޮސްޕިޓަލަށް ވަގުތުން ފައިސާ ނުދީ، ހޮސްޕިޓަލާއި އިންޝުއަރެންސް ކުންފުންޏާ ދެމެދު ބިލިން މުއާމަލާތް ހިންގާ ގޮތަށް އޮންނަ މަރުހަލާއެެކެވެ.
ކީކޭ ބުނީ؟ - ނިޔާފު ވިދާޅުވީ އެ ހިދުމަތް މެދުކަނޑާލުމުން ދެން ޕްރައިވެޓް އިންޝުއަރެންސް ގަނެފައިވާ ފަރާތެއް ހޮސްޕިޓަލަށް ހިދުމަތް ހޯދަން އައުމުން، އޭގެ ލިމިޓު ހަމަނުވާ ނަމަ ފުރަތަމަ ޖެހޭނީ އެ މީހަކު އަމިއްލައަށް ހޯދާ ހިދުމަތުގެ ޖުމުލަ އަގަށް ފައިސާ ދައްކަން ކަމަށެވެ.
"މިހާރު ގިނަ އިންޝުއަރެންސްތަކުން މި އެދުނީ ކޭޝްލެސް ސާވިސް ހުއްޓާލަން. އޭގެ މާނައަކީ ޕްރައިވެޓް އިންސުއަރެންސް އޮތް ފަރާތެއް އޭގެ ލިމިޓު ހަމަނުވާނަމަ، އޭގެ ފުރިހަމަ އަގު އަމިއްލަ އަތުން ދައްކާފައި، ބިލު ކަލެކްޓް ކުރުމަށް ފަހު ދެން އެ ކުންފުނިން އެ ފައިސާ ހޯދަން ޖެހޭ ގޮތަށް ވުން." ނިޔާފު ތަފްސީލްކޮށްދެއްވި އެވެ.
ދިގު މުއްދަތަށް ބޭސް ނަގާ މީހަކު ވެސް ޕްރައިވެޓް އިންޝުއަރެންސެއް ހިމެނޭނަމަ މި އުސޫލު ހިނގާނެ ކަން ވެސް ނިޔާފު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެމަޖެންސީގައި ގެންނަ މީހުންނަށް އެ އުސޫލު ނުހިނގާނެ ކަމަށް ސާކިއުލާގައި ހިމެނެ އެވެ.
"ކޭޝްލެސް ސާވިސް ހުއްޓާލީތީވެ،ބޭސްސިޓީއަށްބޭސް ވެސް ނަގާނީ އަމިއްލަ ޖީބުންނޭ، ދެން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލުން ކުރި ބިލާއި ފާމަސީން ބޭސް ގަތް ބިލާ އެކީ ޕްރައިވެޓް އިންޝުއަރެންސަށް ސަބްމިޓްކޮށްގެން އަލުން ހޯދަން ޖެހޭނީ،" ނިޔާފު ވިދާޅުވި އެވެ.
މި ބަދަލަށް ފަހު، އިއްޔެ އިން ފެށިގެން މެމޯ ހެއްދުމަށް ވަގުތު ނެގުމާއި ކިއު ދިގުވާ މައްސަލަ އޮތީ ކުރިމަތިވެފަ އެވެ.
އެ ކަމާ ގުޅޭ ގޮތުން ވަގުތު ނަގަމުންދާ ސަބަބުތަކުގެ ގޮތުގައި ނިޔާފު ފާހަގަކުރެއްވީ:
-
ޕްރައިވެޓް އިންޝުއަރެންސް ފޯރުކޮށްދޭ މީހުންގެ ޕޯޓަލްތަކަށް ވަދެ، ބަލި މީހާގެ ބާކީ އޮތީ ކިހާ ޕަސެންޓެއްތޯ ބަލަން ޖެހޭ
-
ކޮންމެ ޕްރައިވެޓް އިންޝުއަރެންސެއްގެ ޕޯޓަލުން ވަކިވަކިން ވެސް ބަލަން ޖެހޭ އެބަ. އެއީ އިންޝުއަރެންސެއް އެ މީހެއްގެ ނެތް ކަން ޔަގީން ކުރަން ކޮންމެހެން ޖެހޭތީ
-
ކުއްލިއަކަށް މިދިޔަ ބުރާސްފަތި ދުވަހު ހަވީރު، ޖެހިގެން އަންނަ ދުވަހުން އަމަލު ކުރަންވީ ބަދަލުތައް އެންގުމުން، ބަދަލުތަކަށް މުވައްޒަފުން އަހުލުވެރި ކުރުމަށް ވެސް ވަގުތު ނަގަމުންދޭ
އޭޑީކޭ ކުރިން އިން ބުނެފައިވަނީ:
-
އިންޝުއަރެންސް ލިމިޓު ހަމަވުމުން ނޫނީ އައުޓް ޕޭޝަންޓުންނަށް އާސަންދައިގެ ދަށުން ފަރުވާ ނުދިނުމަށް އަންގާފައިވޭ
-
އަމިއްލަ އިންޝުއަރެންސްގެ ދަށުން ކަވަރު ނުކުރާ އައުޓްޕޭޝަންޓު ހިދުމަތްތަކަށް އާސަންދަ އިން ކަވަރު ކުރާނަމަ އެ ހިދުމަތެއް އާސަންދަ އިން ލިބޭނެ
-
އިންޕޭޝަންޓު ހިދުމަތް ހޯދާ ބަލިމީހުންނަށް އަދި ފުލުހުންނާއި ސިފައިންގެ އިންޝުއަރެންސް ސްކީމުތަކުން ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ
ގުޅުން ހުރި - އާސަންދައަށް ގެނައި ބަދަލަކީ ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ކޮމެންޓް (1)
ހާލި