މޯލްޑިވިއަންގެ ބޯޓެއް ކޫއްޑޫ އެއާޕޯޓުގައި (ފޮޓޯ/މޯލްޑިވިއަން)

ކޫއްޑޫ ރަންވޭގެ ހާލަތު ދެނެގަތުމަށް ހާއްސަ އެސެސްމެންޓެއް ހަދަނީ

ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ހަލާކުވެ، އެ ތަނަށް ޖައްސާ މަތިންދާބޯޓުތަކަށް ގެއްލުން ލިބޭތީ ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅަކަށްޓަކާ އެ އެއާޕޯޓަށް ކުރާ ދަތުރުތައް މޯލްޑިވިއަން އިން ވަނީ ހުއްޓާލާފައި

ގއ. ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ ހާލަތު ދެނެގަތުމަށް ހާއްސަ އެސެސްމެންޓެއް ހަދަމުން އަންނަ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ހަލާކުވެ، އެ ތަނަށް ޖައްސާ މަތިންދާބޯޓުތަކަށް ގެއްލުން ލިބޭތީ ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅަކަށްޓަކާ އެ އެއާޕޯޓަށް ކުރާ ދަތުރުތައް މޯލްޑިވިއަން އިން ވަނީ ހުއްޓާލައިފަ އެވެ.

ތަފްސީލް - ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިއްޔެ 'ދައުރު'އަށް ވިދާޅުވީ ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސް، ކުރިއަށް އޮތް 3-2 ދުވަސް ތެރޭ އެ އެއާޕޯޓަށް އަލުން ދަތުުރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޫއްޑޫ އެއާޕޯޓުގެ ހާލަތާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުން މަތިކޮށްފައިވާ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ އެކަށީގެންވާ ފެންވަރުގައި ބެލެހެއްޓުމަކީ އެ ހިދުމަތް ދިނުމުގެ ހުއްދަ ނަގާފައިވާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

"ހުއްދަ ނަގާފައިވާ ފަރާތުން، އެ ހުއްދައަކަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އިންފްރާސްޓްރަކްޗާ ބަލަހައްޓަމުން ދިއުމާއި އެކަށީގެންވާ ޕްރޮސަސްތަކާއި ޕްރޮސީޖާތަކާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު އޮތޯރިޓީގެ ސަވައިލަންސް ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތީން ބަލަމުން ގެންދާ ކަމުގައި ދަންނަވަމެވެ. މީގެ ތެރޭގައި ރަންވޭގެ ހާލަތު ބެލުން ވެސް ހިމެނެ އެވެ،" ލިޔުމުން ދިން ޖަވާބުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ:

  • ކަމާ ބެހޭ ގަވައިދުތަކާއި ސްޓޭންޑާޑްތަކަށް ފެތޭގޮތަށް ހިދުމަތް ކުރިއަށް ގެންދިއުމަށް ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކޮށް، ހުއްދަ ނަގާފައިވާ އޮޕަރޭޓަރުންނަށް އަންގައި އެކަންކަން ރަނގަޅުކުރުމަށް ވަކި ތާވަލަކާ އެއްގޮތަށް އަމަލު ކުރުމުން ދިއުމަކީ ރޫޓިން މަސައްކަތެއް

  • ސަވައިލަންސް އޮޑިޓްތަކުގެ އިތުރުން ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ ހާލަތާ ބެހޭ ހާއްސަ އެސެސްމަންޓެއް މިހާރު ހަދަމުންދާ ކަމަށް

އެނގުން މުހިއްމު - އެއާޕޯޓުގެ ރަންވޭގެ މެއިންޓެނެންސް ނުހަދާ ހުރިކަން ސިވިލް އޭވިއޭޝަނުގެ އޮޑިޓުތަކުން ފާހަގަވެފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިއްޔެ ވިދާޅުވި އެވެ. ނަމަވެސް އާންމުންނަށާއި ޓޫރިސްޓުންނަށް ވެސް ދިމާވާނެ ދަތިތަކަށް ބަލައި ފިޔަވަޅު އެޅުން ލަސްކޮށްފައި އޮތީ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރަންވޭ މަރާމާތުކޮށް ދާއިމީ ހައްލު ގެނައުމަށް އެއާޕޯޓު ހިންގާ ޕްރިސްޓީން އައިލެންޑް އިންވެސްޓުމެންޓުން މަސައްކަތް ފަށާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް