ކޫއްޑޫ އެއާޕޯޓު

ކޫއްޑޫ އެއާޕޯޓް ހުއްޓުމުން 1،700ރ.އަށް ކުރި ދަތުރުގެ އަގު 7،000ރ.އަށް އަރައިފި

ކޫއްޑޫ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރުމުން ސަރަހައްދުގެ ރައްޔިތުން މިހާރު ދާން ޖެހެނީ ގދ. ކާޑެއްދޫ ނުވަތަ މާވާރުލު އެއާޕޯޓަށް ލޯންޗެއް ކުއްޔަށް ނަގައިގެން

ގއ. ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ މައްސަލަތަކާ ހުރެ އެ އެއާޕޯޓަށް މޯލްޑިވިއަން އިން ކުރި ދަތުރުތައް ހުއްޓާލުމާ އެކު އެ ސަރަހައްދުގެ ރައްޔިތުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހި ދަތުރު ހަރަދު ވަރަށް ބޮޑުތަނުން މައްޗަށް ހިނގައްޖެ އެވެ. 

ވީ ކިހިނެއް؟ - ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ހަލާކުވެ، ފްލައިޓު ޖެއްސުމަށް ސަލާމަތީ ގޮތުން ރައްކާތެރި ނުވާނެތީ މޯލްޑިވިއަންއިން ވަނީ ކޫއްޑުއަށް ދަތުރު ކުރުން މެދުކަނޑާލައިފަ އެވެ.

ތަފްސީލް - ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު 'ދައުރު'އަށް ވިދާޅުވީ ވަގުތީ ގޮތުން ރަންވޭ މަރާމާތު ކުރުމަށް ފަހު 3-2 ދުވަސް ތެރޭ ކޫއްޑުއަށް އަލުން މޯލްޑިވިއަންގެ ދަތުރުތައް ފެށޭވަރު ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެއާޕޯޓުގެ ރަންވޭގެ މެއިންޓެނެންސް ނުހަދާ ހުރިކަން ސިވިލް އޭވިއޭޝަނުގެ އޮޑިޓުތަކުން ވެސް ފާހަގަވެފައިވާ ކަމަށެވެ.

"އެކަމަކު ޓޫރިޒަމަށާއި އާންމުންނަށް ވެސް ދިމާވާނެ ދަތިތަކަށް ބަލާފައި ފިޔަވަޅު އެޅުން ލަސްކޮށްކޮށް އޮތީ،" އަމީން ވިދާޅުވި އެވެ.

ގއ. އަތޮޅުގައި އޮންނަ ހަމައެކަނި އެއާޕޯޓަށް ދަތުރުތައް މެދުކަނޑާލުމުން އެ ސަރަހައްދުގެ ރައްޔިތުން މިހާރު މާލެ އާއި ރަށާ ދެމެދު ދަތުރު ކުރަންޖެހެނީ ގދ. ކާޑެއްދޫ ނުވަތަ މާވާރުލު މަގުންނެވެ. އާރުޓީއެލް ފެރީ އެ ދެމެދު ދަތުރުކުރި ނަމަވެސް ފެރީއާ ދިމާވަނީ ދުވާލުގެ ވަގުތު އޮންނަ އެންމެ ފްލައިޓަކާ އެވެ.

އެ ނޫން ވަގުތުގައި ދަތުރުކުރަން ބޭނުން ނަމަ ޖެހެނީ ބޮޑު އަގުގައި ލޯންޗު ކުއްޔަށް ނަގާށެވެ. އެގޮތުން، އެ އަތޮޅުގެ ބައެއް ރަށްތަކުން ވާހަކަ ދެއްކި މީހުން ފާހަގަކުރި ގޮތުގައި: 

  • އަމިއްލައަށް ލޯންޗެއް ކުއްޔަށް ނަގައިގެން ދާ ނަމަ، 5،000ރ. އާއި 7،500ރ.އާ ދެމެދުގެ ހަރަދެއް ކުރަން ޖެހޭ

  • ޓިކެޓު އަގު އުޅެނީ ކާޑެއްދޫ-މާލެ 1،693ރ.އަށް އަދި މާވާރުލު-މާލެ 1،574ރ.އަށް

  • މާވާރުލު-ވިލިނގިލި ޕްރައިވެޓް ލޯންޗު ދަތުރަށް ހޭދަވަނީ 45 މިނެޓާއި 1 ގަޑިއިރާ ދެމެދު؛ އާރުޓީއެލް ފެރީގައި ވެސް ގަޑިއެއްހާއިރު ހޭދަވޭ

  • ތިނަދޫ-ވިލިގިލި ދަތުރަށް ގަޑިއެއްހާ އިރު ހޭދަވޭ؛ އާރުޓީއެލްގައި ނަމަ އެއީ 1.5 ގަޑިއިރު

  • ގއ. މާމެންދޫ، ކޮލަމާފުށި އަދި ދާންދޫގެ ރައްޔިތުންނަށް ވެސް މިއީ ތަކުލީފަކަށް ވާނެ

  • ގއ. އަތޮޅުގައި ހިންގާ ރިސޯޓުތަކުން ވެސް ފަތުރުވެރިން އުފުލަނީ ކޫއްޑޫ އެއާޕޯޓު މަގުން

  • ކޫއްޑުއަށް ދާން ވިލިނގިލިން ހޭދަވަނީ 10 ވަރަކަށް މިނެޓު؛ އެ ދޭތެރޭ ފެރީ އޮންނާތީ ރައްޔިތުންނަށް ފަސޭހަ ވަކިން ލޯންޗެއްގައި ވެސް 100ރ.-200ރ.އަށް ހަރަދުކޮށްގެން ދެވޭ

  • ކޫއްޑޫ-މާލެ އެއްކޮޅު ޓިކެޓެއްގެ އަގަކީ އެވްރެޖްކޮށް 1،500ރ.؛ އެހެންކަމުން ފެރީ ޓިކެޓުގެ އަގާ އެކު 1،700ރ.އަށް ދަތުރުކުރެވޭ 

ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ މައްސަލަ ދާއިމީކޮށް ހައްލުކޮށް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް އެއާޕޯޓު ހިންގާ ކުންފުނިން ކުރަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަމީން މިއަދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިންމާނެ ޓައިމްލައިނެއް ހުށަހަޅާފައިވާ ކަމަށާއި އެ ކަމާމެދު އެ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުއްޑޫ އެއާޕޯޓުގެ ބައެއް މުވައްޒަފުން 'ދައުރު'އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، ކޫއްޑޫ އެއާޕޯޓުގެ ރަންވޭ އެއްވެސް ގޮތަކަށް މަރާމާތުކޮށް ބަލަހައްޓާފައި ނުވާތާ ހަތް ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ.

އޭގެ ސަބަބުން ރަންވޭ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި ތަކުރާރުކޮށް މިކަން ހައްލުކުރުމަށް އެއާޕޯޓު ހިންގާ ކުންފުނީގައި އެދުމުން ވެސް ހައްލުކޮށްދީފައި ނުވާ ކަމަށް މުވައްޒަފުން ބުނެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ކިޔުންތެރިޔާ

15 އޮކްޓޯބަރު 2024
ރައްޔިތުންނަށް ތަކުލީފު ޖެއްސުމުގައި ސަރުކާރު ޕާޓީގެ ވިލިނގިލީ މެމްބަރުގެ ވަރަށް ބޮޑު ރޯލެއް ވާކަން ފާހަގަ ކުރެވޭ. ސަރުކާރުން ވެފައިވާ ވައުދު ވިލިނގިލީ އެއަރޕޯޓް އެޅެން އޮތީ ކޫއްޑޫ އެއަރޕޯޓު ބަންދު ކޮށްގެން ކަމަށް ވިލިނގިލީ މެމްބަރު އާޒިމް ގަބޫލު ކުރޭ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް