ކޫއްޑޫ އެއާޕޯޓުގެ ރަންވޭ (ފޮޓޯ/ދައުރު)
ކޫއްޑޫ ރަންވޭ ވަގުތީ ގޮތުން މަރާމާތުކޮށް 3-2 ދުވަސް ތެރޭ ދަތުރު ފަށަނީ
ވަގުތީ ހައްލަކާ އެކު ކުރިއަށް އޮތް 2-3 ދުވަސް ތެރޭ ގއ. ކޫއްޑޫ އެއާޕޯޓަށް ދަތުރުތައް ފެށޭނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ ފެންވަރު ދަށްވެގެން އެ އެއާޕޯޓަށް ކުރަމުންދިޔަ ދަތުރުތައް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ މިދިޔަ ހުކުރު ދުވަހު ހުއްޓާލައިފަ އެވެ.
ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ހަލާކުވެ ވަޅުގަނޑު ހެދި، ރަންވޭ މައްޗަށް ހިލަކޮޅުތައް އަރާފައި ހުރުމުގެ ސަބަބުން މޯލްޑިވިއަންގެ ދެ ފްލައިޓެއްގެ އިންޖީނަށް ވެސް މައްސަލަ ޖެހުނެވެ. ދަތުރުތައް ހުއްޓާލަން ނިންމީ އޭގެ ފަހުންނެވެ.
ބުނީ ކީކޭ؟ - ޓްރާންސްޕޯޓު މިނިސްޓަރު އަމީން މިއަދު 'ދައުރު'އަށް ވިދާޅުވީ އެ އެއާޕޯޓުގެ ރަންވޭގެ މެއިންޓެނެންސް ނުހަދާ ހުރިކަން ސިވިލް އޭވިއޭޝަނުގެ އޮޑިޓުތަކުން ވެސް ފާހަގަވެފައިވާ ކަމަށެވެ.
"އެކަމަކު ޓޫރިޒަމަށާއި އާންމުންނަށް ވެސް ދިމާވާނެ ދަތިތަކަށް ބަލާފައި ފިޔަވަޅު އެޅުން ލަސްކޮށްކޮށް އޮތީ،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަންވޭ މަރާމާތުކޮށް ދާއިމީ ހައްލެއް ގެނައުމުގެ ކުރިން ވަގުތީ ގޮތުން ރަންވޭ މަރާމާތުކޮށްގެން ދަތުރުތައް ފެށޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.
އަމީން ވިދާޅުވީ އެމްއޭސީއެލް އާއި އާރުސީއެލް އަދި ކަމާ ގުޅޭ އެހެން އިދާރާތަކާ ބައްދަލުކޮށް، ރާއްޖޭން ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރަންވޭ މަރާމާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާފައިވާ ކަމަށެވެ.
"ޓެމްޕޮރަރީ ރިޕެއާގެ ކަންތައް ކުރުމަށް މިނިސްޓްރީން ފެސިލިޓޭޓުކޮށްދެނީ. އެ މަސައްކަތް ކުރާނީ އެއާޕޯޓު ހިންގާ ކުންފުނިިން،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓު ހިންގާ ޕްރިސްޓީން އައިލެންޑް އިންވެސްޓުމެންޓުން މިހާރު ވަނީ އެއާޕޯޓުގެ ރަންވޭ މަރާމާތުކޮށް، ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތަށް ބޭނުންވާ ސާމާނު ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައި ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"ޕާމަނަންޓު ރިޕެއާއަށް ބޭނުންވާ ސާމާނު ރާއްޖެ ގެނައުމުގެ މަގުމަތީވާ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ކުއްޑޫ އެއާޕޯޓުގެ ބައެއް މުވައްޒަފުން 'ދައުރު'އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، ކޫއްޑޫ އެއާޕޯޓުގެ ރަންވޭ އެއްވެސް ގޮތަކަށް މަރާމާތުކޮށް ބަލަހައްޓާފައި ނުވާތާ ހަތް ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ.
އޭގެ ސަބަބުން ރަންވޭ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި ތަކުރާރުކޮށް މިކަން ހައްލުކުރުމަށް އެއާޕޯޓު ހިންގާ ކުންފުނީގައި އެދުމުން ވެސް ހައްލުކޮށްދީފައި ނުވާ ކަމަށް މުވައްޒަފުން ބުނެ އެވެ.
ކޮމެންޓް (1)
އިބޫ